Roadha Mihaaru
ގެއްލުން ވަރަށް ބޮޑު؛ 14 ގެއަކާއި ހަ ގުދަން އެނދި

ގެއްލުން ވަރަށް ބޮޑު؛ 14 ގެއަކާއި ހަ ގުދަން އެނދި

02 އޮކްޓޯބަރ 2019

ކެމިކަލް ގުދަނުގައި ރޯވެ މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް އެނދި ކަމަށް ނެޝެނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. އެ ހިސާބުތަކުން ފެންނަ ގޮތުގައި ގިނަ އާއިލާތަކެއްގެ ދިރިއުޅުން ވަނީ އަނދައި އަޅިއަށްވެފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކެމިކަލް ގުދަނުގައި ރޯވެ މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް އެނދި ކަމަށް ނެޝެނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. އެ ހިސާބުތަކުން ފެންނަ ގޮތުގައި ގިނަ އާއިލާތަކެއްގެ ދިރިއުޅުން ވަނީ އަނދައި އަޅިއަށްވެފަ އެވެ.

މީޑިއާތަކުން ކުރިން ރިޕޯޓް ކުރަމުން އައީ އެ ހާދިސާގައި އެނދީ ހަތަރު ގުދަން ކަމަށެވެ. އެކަމަކު ޑިޒާސްޓާ އިން އާއްމުކުރި އެންމެ ފަހުގެ ހިސާބުތަކުގައިވާ ގޮތުން އަލިފާން ރޯވި ސަރަހައްދުގައި ހަ ގުދަން ހުއްޓެވެ. ތޮއްޖެހުން ބޮޑު އެ ސަރަހައްދުގައި ހުރި އެ ހަ ގުދަން ވެސް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިފަ އެވެ.

އެ ހުރިހާ ގުދަނެއް ވެސް މިހާރު ވަނީ ތަޅާލައިފަ އެވެ.

އާއްމުންގެ ރައްކާތެރިކަމަށް، ތިން ގެއެއް ވަނީ ތަޅާލައިފަ އެވެ. އެއީ، ކީޔެވް އާއި ނެއިބާގެ އިތުރުން ނިގާރަން އެވެ.

އެންޑީއެމްއޭ އިން ބުނިގޮތުގައި މީހުން ދިރިނޫޅެވޭ ވަރުގެ ގެއްލުން ހަ ގެއަކަށް ލިބިފައިވެ އެވެ. އެއީ، ރަދުވާނިޔާގެ އާއި އިވާއު އާއި އިރާނުގެ އާއި ކަޅުހުރާ އާއި ކަޅުހުރާ ގާޑަން އާއި އަލްފާ އެވެ. މީހުން ދިރިއުޅެން ރައްކާތެރި ނަމަވެސް ފަސް އިމާރާތެއް މަރާމާތު ކުރަން ޖެހިފައިވާ ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.

އެއީ، އަދޫ އާއި ނިޝާން ޕްލާޒާ އާއި ކީލް އާއި އިމޯޝަންގެ އިތުރުން ގަސްވާ އެވެ.

ކެމިކަލް ގުދަނުގައި ރޯވެ އިމާރާތްތައް އަނދަމުން ދަނީ. ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކެމިކަލް ގުދަނުގައި ރޯވެ އިމާރާތްތައް އަނދަމުން ދަނީ. ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަލިފާނުގެ ހާދިސާގައި ވަގުތީ ގޮތުން މީހުން ބަދަލުކުރި ނަމަވެސް 11 ގެއެއްގައި މިހާރު ދިރިއުޅެވޭނެ ކަމަށް ޑިޒާސްޓަ އިން ބުނެ އެވެ. އެއީ، ރަސްމާ އާއި ރަސްމާދޫގެ އާއި ގަދަގެ އާއި ގަދަގޭ ހުޅަނގުބަޔާއި ހޮޅިކޮށީގެ އާއި ފެހިއާބާދުގެ އާއި ގަޒްވިން (ކެފޭ) އާއި ކިނޮޅަހާއި ސޯފާގޭގެ އިތުރުން ޖީމާ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހިގެން 400 އަށް ވުރެ ގިނަ މީހުން ޑިޒާސްޓަ އޮތޯރިޓީގައި ރަޖިސްޓްރީވި އެވެ. މީގެތެރެއިން ބައެއް މީހުން އަމިއްލަ ގެތަކަށް ބަދަލުވެފައިވާ އިރު އަނެއް ބަޔަކު ތިބީ ވަގުތީ ހިޔާތަކުގަ އެވެ.

ގެއްލުން ވި އާއިލާތަކަށް މާލީ އެހީއެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މާލޭގައި ހުރި ހުރިހާ ކެމިކަލް ގުދަންތަކެއް މި ހާދިސާއާ ގުޅިގެން ތިލަފުއްޓަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.