Roadha Mihaaru
"ޑްރައިވް" ނޮވެމްބަރުގައި 1 ގައި ނެޓްފްލިކްސް އަށް

"ޑްރައިވް" ނޮވެމްބަރުގައި 1 ގައި ނެޓްފްލިކްސް އަށް

05 އޮކްޓޯބަރ 2019

ކަރަން ޖޯހަރު ކުރިން ސިނަމާތަކަށް ގެނެސްދޭން ނިންމި ފިލްމު "ޑްރައިވް" އަންނަ މަހުގެ 1 އިން ފެށިގެން ނެޓްފްލިކްސް އިން ސްޓްރީމްކުރާ ގޮތަށް ނިންމައި، ފިލްމުގެ ލަވައެއް ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރު ކުރިން ސިނަމާތަކަށް ގެނެސްދޭން ނިންމި ފިލްމު "ޑްރައިވް" އަންނަ މަހުގެ 1 އިން ފެށިގެން ނެޓްފްލިކްސް އިން ސްޓްރީމްކުރާ ގޮތަށް ނިންމައި، ފިލްމުގެ ލަވައެއް ވެސް ދައްކާލައިފި އެވެ.

މި ފިލްމަކީ ކަރަންގެ ދަރުމާ ޕްރޮޑަކްޝަނަށް 2008 ގައި "ދޯސްތާނާ" ހަދައިދިން ޑައިރެކްޓަރު ތަރުން މަންސުޚާނީ ލިޔެ، ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. "ޑްރައިވް" ގެ ލީޑް ރޯލު ކުޅޭނީ ޖެކްލިން ފެނަންޑޭޒާއި ސުޝާންތު ސިންގް ރާޖްޕޫތެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ސަޕްނާ ޕައްބީ، ވިކްރަމްޖީތު ވާކް، ބޮމަން އިރާނީ، ޕަންކަޖް ތުރިޕަތީ އަދި ވިބާ ޗިބާރް ހިމެނެ އެވެ.

"ޑްރައިވް" އަކީ ކަރަންގެ ދަރުމާ އިން ސްކްރީނަށް ގެންނަން ނިންމައި، އެކި ފަހަރު މަތިން ފިލްމު ލަސްވަމުން ގޮސް، ސިނަމާތަކުގައި ނާޅުވަން ނިންމައި، ސްޓްރީމްކުރެވޭ ގޮތަށް ނެރޭ ފުރަތަމަ ފިލްމެވެ.

ނެޓްފްލިކްސް އިން "ޑްރައިވް" ގެނެސްދޭން ނިންމި އިރު ކަރަންގެ ދަރުމާ އިން ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ޑިވިޝަނެއް ދަރުމެޓިކް އެންޓަޓައިންމަންޓްގެ ނަމުގައި އުފައްދައި، އޭގެ ދަށުން މިހާރު އަންނަނީ "ގިލްޓީ" ކިޔާ ފިލްމެއް ވެސް ހަދަމުންނެވެ.

އަދި ކަރަން މިހާރު އަންނަނީ ނެޓްފްލިކްސް އިން ސްޓްރީމްކުރާ އިންޑިއާގެ ހަތަރު ޑައިރެކްޓަރެއްގެ އެންތޮލޮޖީ ސީރީޒްގެ ދެވަނަ ފިލްމު "ގޯސްޓް ސްޓޯރީޒް" ގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ ސެގްމަންޓްތައް ޑައިރެކްޓްކުރަނީ ކަރަން އާއި ޒޯޔާ އަޚްތަރާއި އަނޫރާގް ކެޝަޕްގެ އިތުރުން ދިބާކަރް ބެނަޖީ އެވެ.

މި ހަތަރު މީހުން މިދިޔަ އަހަރު ގެނެސްދިނީ "ލަސްޓް ސްޓޯރީޒް" އެވެ.