Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

13 އޮކްޓޯބަރ 2019

ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީގެ ތިން ވަނަ ފިލްމު "މޯޓީޗޫރް ޗަކްނަޗޫރް" ގެ ޓްރެއިލާ ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީގެ ތިން ވަނަ ފިލްމު "މޯޓީޗޫރް ޗަކްނަޗޫރް" ގެ ޓްރެއިލާ ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އާތިޔާ އާއި ނަވާޒިުއްދީން ސިއްދީގީ ލީޑް ރޯލް ކުޅެފައިވާ މި ރޮމޭންޓިކް ކޮމެޑީ ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 15 ގަ އެވެ. "މޯޓީޗޫރް ޗަކްޗޫރް" އަކީ 2015 ގައި ފިލްމު "ހީރޯ" އިން ބޮލީވުޑަށް އާތިޔާގެ ތިން ވަނަ ފިލްމެވެ.

އޭނާ އެންމެ ފަހުން ފެނިފައި ވަނީ 2017 ގައި ރިލީޒްކުރި "މުބާރަކަން" އިންނެވެ.

ސެބާމިތުރާ ބިސްވާލް ޑައިރެކްޓްކޮށްފައިވާ "މޯޓީޗޫރް ޗަކްނަޗޫރް" އަކީ ފިރިހެނަކު އަންބަކު ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހެއްވާ މަޖާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ވިނާ ޗިބާރް، ނަވްނީ ޕަރިހާރް، ވިވެކް މިޝްރާ، ސަޕްނާ ސާންދު އަދި އޫޝާ ނަގަރް ހިމެނެ އެވެ.

މީގެ އިތުރުން ފިލްމުގެ އައިޓަމް ލަވައަކުން ސަނީ ލިއޯނީ ވެސް ފެންނާނެ އެވެ.

"ޑްރައިވް" ގެ އާ ލަވައެއް

އަންނަ މަހު 1 ވަނަ ދުވަހު ނެޓްފްލިކްސް އިން ސްޓްރީމްކުރާ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ޑްރައިވް" ގެ އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

ފިލްމުގެ ލަވަތަކުގެ ތެރެއިން މި ފަހަރު ދޫކޮށްލީ ބަތަލާ ޖެކްލިން ފެނަންޑާޒްގެ ނެށުންތައް ހިމެނޭ ލަވަ "ކަރުމާ" އެވެ. އަމަރުތިއާ ބޯބޯ ރާހަތުގެ މިއުޒިކަށް ހަދާފައިވާ ލަވަކިޔާފައި ވަނީ ސުކްރިތީ ކައްކަރެވެ.

"ޑްރައިވް" ގައި ޖެކްލިންއާ އެކު ބަތަލުގެ ރޯލު ކުޅޭނީ ސުޝާންތު ސިންގް ރާޖްޕޫތެވެ. މި ފިލްމަކީ 2008 ވަނަ އަހަރު "ދޯސްތާނާ" ގެނެސްދިން ތަރުން މަންސުޚާނީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ.

ސޫރަޖަށް ދެ ފިލްމަކާ ވާދަކުރަން ޖެހޭނެ

ރިލީޒްކުރާ ތާރީހު އެކި ފަހަރުމަތިން ލަސްވަމުން ގޮސް ޒުވާން އެކްޓަރު ސޫރަޖް ޕަންޗޯލީގެ އާ ފިލްމު "ސެޓެލައިޓް ޝަންކަރު" އަންނަ މަހުގެ 15 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ތާރީހަށް މި އައި ބަދަލާ އެކު މި ފިލްމަށް ބޮކްސް އޮފީހުގައި ސިދާތު މަލްއުތުރާގެ "މަރުޖާވާ" އާއި ސޫރަޖްގެ އަލަތު ފިލްމު "ހީރޯ" ގެ ބަތަލާ އާތިޔާ ޝެޓީގެ "މޯޓީޗޫރް ޗަކްނަޗޫރް" އާ ވާދަކުރަން ޖެހޭނެ އެވެ.

އިރުފާން ކަމަލް ޑައިރެކްޓްކޮށްފައިވާ "ސެޓެލައިޓް ޝަންކަރު" އަކީ ސޫރަޖްގެ ދެވަނަ ފިލްމެވެ. މީގައި އޭނާ ފެނިގެންދާނީ އަސްކަރީ އޮފިސަރެއްގެ ރޯލުންނެވެ.

"ގޯސްޓް" ގެ އާ ޓްރެއިލާއެއް

މި މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރާ ޑައިރެކްޓަރު ވިކްރަމްގެ ބަޓްގެ ބިރުވެރި ފިލްމު "ގޯސްޓް" ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މި ފިލްމުގެ ތަރިންނަކީ ސަނާޔާ އިރާނީ އާއި ޝިވަމް ބާރްގަވާ އެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި މަންޒަރުތައް ނަގާފައިވާ "ގޯސްޓް" އަކީ މިދިޔަ އަހަރު ރިލީޒްކުރި ބިރުވެރި ފިލްމު "1921" އަށް ފަހު، ވިކްރަމް ގެނެސްދޭ ފުރަތަމަ ފިލްމެވެ. އޭނާއަކީ މީގެ ކުރިން ވެސް ވަރަށް ކާމިޔާބު ބިރުވެރި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ.

އޭގެ ތެރޭގައި "ރާޒް" ސީރީޒާއި "ހޯންޓެޑް 3ޑީ" އަދި "1920" ހިމެނެ އެވެ.