Roadha Mihaaru
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި

"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސް އިން ބެލޭނެ

08 ޑިސެމްބަރ 2021

މިދިޔަ މަހުގެ ކުރީކޮޅު ރިލީޒްކޮށް އަދިވެސް ކާމިޔާބުކަމާ އެކު ސިނަމާތަކުގައި ދައްކަމުން އަންނަ އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުގެ ކުރީކޮޅު ރިލީޒްކޮށް އަދިވެސް ކާމިޔާބުކަމާ އެކު ސިނަމާތަކުގައި ދައްކަމުން އަންނަ އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށައިފި އެވެ.

މި ފިލްމަކީ ކޮވިޑްގެ ހާލަތުގެ ފަހުން ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ސިނަމާތަކުގައި އަޅުވައިގެން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު ވެސް މެ އެވެ. މިދިޔަ މަހުގެ 5 ވަނަ ދުވަހު ރިލީޒްކުރި އެ ފިލްމަށް މިހާތަނަށް އާމްދަނީގެ ގޮތުގައި 290.94 ކްރޯޑް ރުޕީސް (38.63 މިލިއަން ޑޮލަރު) އަށް ލިބިފައިވެ އެވެ.

ޖުމްލަ 165 ކްރޯޑް ރުޕީސް (21.91 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމަކީ ކޮވިޑްގެ ފަހުން އިންޑިއާގެ ބޮކްސް އޮފީހުގައި 100 ކްރޯޑް ކުލަބަށް ވަން ހަމައެކަނި ފިލްމު ވެސް މެ އެވެ. ފިލްމަށް އިންޑިއާ އިން އެކަނި ލިބުނު އާމްދަނީ ވެސް މިހާރު ވަނީ 200 ކްރޯޑާ ގާތްކޮށްފަ އެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކުރި "ސޫރިޔަވަންޝީ" އަކީ ކޮރަޕްޝާ ދެކޮޅަށް ފުލުހަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. މީގެ ބަަތަލާ އަކީ ކެޓްރީނާ ކައިފެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި "ސޫރިޔަވަންޝީ" އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ކެރެކްޓާ ގެނެސްދިން ފިލްމެވެ. އަދި ކުރީގެ ފުލުސް ދެ ކެރެކްޓާ ކަމަށްވާ އަޖޭ ދޭވް "ސިންގަމް" އާއި ރަންވީރު ސިންގްގެ "ސިމްބާ" ވެސް އަކްޝޭގެ ފިލްމުގެ ހާއްސަ ފެނިލުމެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.

"ސޫރިޔަވަންޝީ" ނެޓްފްލިކްސް" އިން ސްޓްރީމްކުރަން ފެށި އިރު، އަކްޝޭގެ "އަތުރަންގީ ރޭ" މި މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރާނެ އެވެ. އާނަންދު އެލް ރާއީ ޑައިރެކްޓް ކޮށްފައިވާ މި ލޯބީގެ ފިލްމުގެ ކާސްޓްގައި ސާރާ އަލީ ޚާނާއި ދަނޫޝް ވެސް ހިމެނެ އެވެ.

މިއީ މި އަހަރު ގެނެސްދޭ އަކްޝޭގެ ތިން ވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އޮގަސްޓްގައި ރިލީޒްކުރި "ބެލް ބޮޓަމް" އެވެ.