Roadha Mihaaru
ތޮއްޑޫ ދަނޑުވެރިންގެ އުފެއްދުންތައް އެސްޓީއޯ އަށް

ތޮއްޑޫ ދަނޑުވެރިންގެ އުފެއްދުންތައް އެސްޓީއޯ އަށް

03 އޮކްޓޯބަރ 2019

ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށްޓަކައި "ގްރޯން އިން މޯލްޑިވްސް" ގެ ނަމުގައި ހާއްސަ ޕްރޮޖެކްޓެއް އެސްޓީއޯ އިން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށްޓަކައި "ގްރޯން އިން މޯލްޑިވްސް" ގެ ނަމުގައި ހާއްސަ ޕްރޮޖެކްޓެއް އެސްޓީއޯ އިން ފަށައިފި އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޕައިލެޓް މަޝްރޫއުއެއްގެ ގޮތުގައި އެންމެ ފުރަތަމަ ވިއްކަނީ އއ. ތޮއްޑޫގެ ދަނޑުވެރިން އުފައްދާ ބާވަތްތަކެވެ.

މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އެ ކުންފުނިން ދަނޑުވެރިންނަށް އެހީތެރިވުމަށް ނިންމީ އެ މީހުންނަށް ލިބޭ ނަފާ އިތުރު ކުރުމަށް ކަމަށެވެ.

އަމްރު ވިދާޅުވި ގޮތުގައި، އެސްޓީއޯ އިން ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވަން ބޭނުންވަނީ، އެ ކުންފުނި މެދުވެރިކޮށް މަސްވެރިކަމުގެ ދާއިރާ ވެސް ތަރައްގީ ކުރި ގޮތަށެވެ.

"އެސްޓީއޯގެ ދަށުން މިފްކޯ ހިންގާ އިރު އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ރަނގަޅު އަގެއްގައި މަސް ވިއްކޭނެ ގޮތް ހޯދައި ދިނުމަށް. ނަތީޖާއަކަށް ވީ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ، ޒަމާނީ މަސް ދޯނި ފަހަރު ގެންގުޅެން ފެށި" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، ދަނޑުވެރިން ތަކެތި އުފައްދާ އިރު ބައެއް ފަހަރު ވިއްކަން ޖެހެނީ އުފެއްދުމަށް ހަރަދުކުރި ވަރަށް ވުރެ ވެސް ކުޑަ އަގެއްގައި ކަމަށެވެ.

"މާލެ އަށް ތަކެތި ވިއްކާ އިރު ބޯޓަކަށް އަރުވާފަައި ފޮނުވަނީ. ލިބޭނެ އަގެއް ނޭނގޭ. އަދި އެ ބޯޓު އެނބުރި ރަށަށް އައީމާ އެނގޭނީ ތަކެތި ވިއްކައިގެން ލިބުނު އަގު،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ހައިސިއްޔަތުން ދަނޑުވެރިން ވިއްކާ ތަކެތި ގަނެ، ބަންދުކުރުމަށް ފަހު ވިއްކާނެ ކަމަށެވެ. އަދި އޭގެ ނަތީޖާ އަކީ އޭނާ ވިދާޅުވި ގޮތުގައި ދަނޑުވެރިންނަށް ރަނގަޅު ނަފާއެއް ލިބުމެވެ.