ރާއްޖޭގެ ދަނޑުވެރިންގެ ހުރިހާ އުފެއްދުމެއް ގަންނާނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން މިއަދު ދީފި އެވެ.
02 އެޕްރީލް 2020
ރާއްޖޭގެ ދަނޑުވެރިންގެ ހުރިހާ އުފެއްދުމެއް ގަންނާނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން މިއަދު ދީފި އެވެ.
ކޮރޯނާވައިރަހުގެ ނުރައްކަލާ އެކު، ރާއްޖެ އަށް ލިބޭ އާމްދަނީ އާއި އިމްޕޯޓު ވެސް ދަށްވެ، އިގްތިސާދަށް ބޮޑު ލޮޅުމެއް އަރާފައިވާ މި ދަނޑިވަޅުގައި އެސްޓީއޯ އިން ވަނީ ދަނޑުވެރިންގެ އުފެއްދުންތައް ގަންނަން މާލޭގެ ނޯތު ހާބަރު ސަރަހައްދުގައި ޚާއްސަ މަރުކަޒެއް ހުޅުވުމަށް ނިންމައިފަ އެވެ. "އެސްޓީއޯ އެގްރި ސެންޓަރު" ގެ ނަމުގައި ގާއިމްކުރާ އެ ތަން ހުޅުވަން ނިންމާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް މިހާރުއްސުރެ ފެށިގެން އެ މަރުކަޒުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު އެސްޓީއޯ އިން ވަނީ ހުޅުވާލައިފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނަން ނިންމީ އިމްޕޯޓަށް ބަރޯސާވުން ކުޑަ ކުރުވުމަށް ކަމަށެވެ. ރާއްޖޭގައި ހެއްދޭ ހުރިހާ ތަކެއްޗެއް ފުޅާ ދާއިރާއެއްގައި ހެއްދުމަކީ މި ދަނޑިވަޅަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވި ގޮތުގައި، ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުން މަދުވެގެން އުޅޭ މައިގަނޑު ސަބަބަކީ އެ ގަންނާނެ ކަމުގެ ޔަގީން ކަމެއް ނެތުމެވެ. އެކަމަކު، އަމްރު ވިދާޅުވީ ދަނޑުވެރިކަމުގެ އުފެއްދުންތައް އެސްޓީއޯ އަށް ގަންނަތާ ދެ ދުވަހުގެ ތެރޭގައި އޮންލައިންކޮށް ފައިސާ ލިބޭނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.
"ދަނޑު ހައްދަން ވިސްނާއިރު ނޭނގޭ ކިހާވަރެއްގެ އާމްދަނީއެއް ކަން ލިބޭނީ. އަދި ހައްދާ ނިމުމުން ވެސް ލިބޭ އާމްދަނީއެއް ނޭނގޭ. އެހެންވީމާ އަޅުގަނޑުމެން ވިސްނީ ތިބޭފުޅުން ހައްދާށޭ، އަޅުގަނޑުމެން ގަންނާން. އަޅުގަނޑުމެން ކުރީބައިގައި އަގުތައް އިއުލާން ކުރުމުން ކުރީބައިގައި ލިބޭނެ އާމްދަނީ ވެސް އެނގޭނެ،" އަމްރު ވިދާޅުވި އެވެ.
މިއަދުގެ ނިއުސް ބްރީފިންގައި އެސްޓީއޯގެ އެމްޑީ އަމްރު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން އަމްރު/މިހާރު
އޭނާ ވިދާޅުވީ، އަގުތައް ކަނޑައެޅުމުގައި ހުރިހާ ގޮތަކުން ދަނޑުވެރިންނަށް ފައިދާވާ ގޮތަށް ވިސްނާފައި ވާނެ ކަމަށެވެ. އެގޮތުން، ރަށްރަށުން އެ ތަކެތި މާލެ ފޮނުވުމަށާއި ދަނޑު ހައްދަން ދާ ހަރަދުތަކަށް ވެސް އެސްޓީއޯ އަަށް އުފެއްދުންތައް ގަންނަން އިރު ބަލާނެ ކަމަށް އަމްރު ވިދާޅުވި އެވެ.
ދަނޑު ހައްދައި އެ ތަކެތި އެސްޓީއޯ އަށް ވިއްކަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓަރީވުމުން ކޮންމެ ދަނޑުވެރިއަކަށް ޚާއްސަ އައިޑެންޓިފިކޭޝަނެއް ލިބޭނެ އެވެ. ރަށްތަކުން އެސްޓީއޯ އަށް ފޮނުވާ ހުރިހާ ފޮށިތަކެއް ބަންދު ކޮށްފައި ހުންނަން ޖެހޭނީ އެ އައިޑެންޓިފިކޭޝަން ނަންބަރު ޖަހައި ލޭބަލް ކޮށްފައި ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި، ބަލައިގަންނަ ތަކެތި ވާން ޖެހޭނީ ހަލާކު ނުވެ ހުންނަ ތަކެއްޗަށެވެ. ދަނޑުވެރިން ފޮނުވާ ހުރިހާ އެއްޗެއް ބެލުމަށް ފަހު، އެ އަށް އަރާ އަގު ވަގުތުން ދަނޑުވެރިޔާ އަށް އަންގާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯގެ ދަނޑުވެރިއަކަށް ވުމަށް ރަޖިސްޓަރީ ވުުމަށް އެދި ހުށަހަޅާ ފޯމު އެ ކުންފުނީގެ ފިހާރަތަކުންނާއި ފާމަސީތައް އަދި އޮންލައިންކޮށް ވެސް ލިބެން ހުންނާނެ އެވެ. އަދި މިތަންތަނުން އެ ފޯމު ބަލައިގަންނާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
ތޮއްޑޫ ދަނޑުވެރިންގެ އުފެއްދުންތައް އެސްޓީއޯ އަށް
އުތުރުތިލަފަޅާ އެކު ރަށްރަށަށް ދަނޑުވެރިކަން ފުޅާވާނެ
އުތުރުތިލަފަޅުން ހިއްކަނީ 200 ހެކްޓަރުގެ ބިން
އުތުރު ތިލަފަޅުގައި ދަނޑުވެރިކަން ކުރަން ސޮއިކޮށްފި
ކާބޯތަކެތި ޓެސްޓް ނުކުރާތާ އެތައް ދުވަހެއް
ނަޝީދުގެ މަރުހަބާ އާއި ޝުކުރު އަމްރު އަށް
އަމްރު އެސްޓީއޯ އިން ވަކިކޮށްފި
އެސްޓީއޯ، ޓެކޮނޮލޮޖީގައި ބޮޑު ބަދަލަކާ ދިމާއަށް!
"ރޭޑިއޯގްރަފީ ކޯސް: ސިއްހީ ދާއިރާއަށް ކުރިއެރުމެއް"
އައިޓީއެފްސީގެ ބޮޑު އެހީއެއް އެސްޓީއޯ އާއި މިފްކޯ އަށް