Roadha Mihaaru
ތޮއްޑޫން އިންޒާރެއް: ފިޔަވަޅު ނާޅައިފިއްޔާ ހިތިވާނެ!

ތޮއްޑޫން ދެނީ އިންޒާރެއް: ފިޔަވަޅު ނާޅައިފިއްޔާ ހިތިވާނެ!

30 މާޗް 2023

"މި ރަށުގައި ހައްދާ އެއްވެސް އެއްޗެއް ތޮއްޓާ އެކު އަޅުގަނޑު ބޭނުމެއް ނުކުރާނަން. ތޮށި މަށައިގެން ހޫނު ފެނުން ދޮވެގެން ކާނީ."

މުހައްމަދު ހަމްދޫން އއ. ތޮއްޑޫން މުހައްމަދު ހަމްދޫން

"މި ރަށުގައި ހައްދާ އެއްވެސް އެއްޗެއް ތޮއްޓާ އެކު އަޅުގަނޑު ބޭނުމެއް ނުކުރާނަން. ތޮށި މަށައިގެން ހޫނު ފެނުން ދޮވެގެން ކާނީ."

އެހެން އެ ބުނީ، އާއްމު މީހެއް ނޫނެވެ. އެއީ މުޅި ރާއްޖޭގައި ވެސް އެންމެ ފުޅާކޮށް ދަނޑުވެރިކަމުގެ މަސައްކަތްކުރި އެކަކު ކަމަށްވާ ތޮއްޑޫ ގަމީރާ އާދަމް ބުނި ވާހަކަ އެކެވެ.

އަހަރެމެންގެ ލޮލަށް އެ މަންޒަރު ނުފެންނާތީ، މާބޮޑު ފިކުރެއް ނެތި ތަރުކާރީ އާއި މޭވާ ކެޔަސް، އެތަކެތި ހައްދާއިރު ކެމިކަލް ބޭނުންކުރާތަން އަތުން ހިފިފައިވާ މީހެއްގެ އަރުން އެ އެއްޗެހި އެތެރެކުރަން އުނދަގޫވާނެ އެވެ.

ކެމިކަލް އަޅައިގެން ހައްދާތީ ބިލެތް ބޭނުންކޮށް ތިބެވިދާނެ އެވެ. އެކަމަކު އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މިނަރަލްތައް ގުދުރަތީ ގޮތުން ލިއްބައިދޭ ތަރުކާރީ އާއި މޭވާ ނުކައި ފަރުޖެއްސޭނެ ގޮތެއް ނޯންނާނެ އެވެ. ރާއްޖޭގެ ދަނޑުވެރިކަމުގައި ކެމިކަލް ބޭނުންކުރުން އޮތީ، އާއްމު ހާލަތެއްގައި ނަމަ ބުނި އަގެއް ދީފައި ވެސް ގަންނަން އަހަރެމެން ތައްޔާރަށް ތިބޭ އެ ބާވަތްތައް ހިލޭ ލިބުނަސް ބޭނުންކުރަން ނުކުރެވޭ މިންވަރެއްގަ އެވެ.

ގަމީރާ ބުނި ގޮތުގައި، ދަނޑުވެރިކަން ކިޔަވައިދޭން އޭނާ ރަށްރަށަށް ކުރި ދަތުރުތަކުން ފެނުނީ ހިތްފަޅައިގެންދާ ކަހަލަ މަންޒަރުތަކެއް ކަމަށެވެ. ކެމިކަލް އެއްކުރާއިރު، މިންކުރުމެއް ނޯވެ އެވެ. ހިތްހަމަޖެހޭ ވަރަށް އަޅާލަނީ އެވެ. އެއްކުރަން ނުޖެހޭ ދެ ބާވަތެއް އެއްވެސް ކޮށްފާނެ އެވެ. ގަސްތަކަށް ސްޕްރޭކުރާއިރު ވެސް، އެއެއް މިއެއް ނުބަލަ އެވެ. ދެރަކަމަކީ، ކެމިކަލް ޖަހާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާތީ އެތަކެތި އެ މީހެއްގެ ހަންގަނޑުގައި ޖެހި އަދި ނޭވާލާނިޒާމުގެ ތެރެެއިން އެތެރެހަށްޓަށް ވެސް ދާ ކަމެކެވެ.

"ކުރައަށް ރިހާކުރު ބޭސް އަޅައިގެން، އެއަށް އެބަ ފެން އަޅާ، ކުޑަކުދިން ފެންވަރާ ވަޅު ކައިރީގައި ތިބެ ވެސް. ވަޅަށް ވެސް އެ ބޭސް ބުރާތަން ފެނޭ،" ގަމީރާ ބުންޏެވެ.

ހަގީގަތުގައި މިކަން މިހެން ދިމާވާން މެދުވެރިވި މައިގަނޑު ސަބަބަކީ ދިވެހި ދަނޑުވެރިން، ދަނޑުތަކުގެ ވެރިންނަށް ބަދަލުވެ، ބިދޭސީންނަށް ދަނޑުވެރިކަން ވާރުތަކުރުމެވެ. ގިނަ ފަހަރަށް، ބޭސް ގަންނަން ދަނީ ވެސް، ކޮންމެވެސް އެހެން މަސައްކަތެއް ކުރުމަށް ރާއްޖެ ގެނެސްފައި ހުރި އެކަމަކު ވަގުތާއި ހާލަތުގެ ގޮތުން ދަނޑުވެރިއަކަށް ބަދަލުވެފައި ހުންނަ އެ ބިދޭސީ މީހާ އެވެ. އޭނާ ފޮނުވަނީ ބޭހެއް ގަންނަން ކަމުން އޭނާ ބޭސް ގަންނަނީ އެވެ. ކޫޑީގެ އުނދަގޫ ބޮޑުވެގެން ޖަހާ ބޭހާއި ކުރި މާ އަވަހަށް ވަދުވެގެން ވައްޓާތީ ޖަހާ ބޭހެއް އޭނާ އަށް ވަކިކުރާކަށް ނޭނގެ އެވެ.

"ބޭސް ގިރާނީ، ކިތައް ލީޓަރުތޯ ފެނަށްތޯ ބެލުމެއް ވެސް ނޯވޭ. ނުބައިކޮށް ބޭނުންކޮށްގެން ގަސް މަރުވެއްޖެއްޔާ އެ ބޭސް އެ ކަމުނުދަނީ،" ގަމީރާ ބުންޏެވެ.

ގަމީރާ "މިހާރު"ގެ މެދުސަފުހާ އަށް އަށް އިންޓަވިއުދެނީ: އޭނާ ދިނީ އިންޒާރެއް. --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގަމީރާ "މިހާރު"ގެ މެދުސަފުހާ އަށް އަށް އިންޓަވިއުދެނީ: އޭނާ ދިނީ އިންޒާރެއް. --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގަމީރާ ބުނި ގޮތުގައި މިކަމުގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލު ބޮޑެވެ. ބޭހަކީ އެ ގައުމަކުން އެ ގައުމެއްގެ ފަސްގަނޑާއި ފިނި ހޫނުމިނަށް ބަލައި ތައްޔާރުކުރާ އެއްޗަކަށް ވާއިރު، ރާއްޖޭގެ މާހައުލާ ގުޅޭނެ ބޭހެއްތޯ ނުބަލައި ޖެހުމުން ބަލި މަރެއް ނުވާތަނުގައި ގަސް ވަނީ ހަލާކެވެ. ދެން ހަދާ ގޮތަކީ ދެ ތިން ހަތަރު ބޭސް އެއްކޮށްގެން ޖަހާލަނީ އެވެ. ދެން ވާގޮތަކީ، ކޮކަޑި ކައިގެން މީދާ ވަރުގަދަވި ގޮތަށް، އެ ވައިރަސްތައް ވަރުގަދަވެ މުޅި ރަށަށް ފެތުރިގަންނަނީ އެވެ. އެހެން ފާޑުފާޑުގެ ބޭސްތަކާއި ކެމިކަލްތައް އަޅައަޅާ މިހާރު ރާއްޖޭގެ ރަށްރަށުގެ ފަސްގަނޑުގައި ބާރެއް ނެތެވެ. ނަތީޖާއަކަށް ވަނީ، ކެމިކަލެއް ބޭނުންނުކޮށް ދަނޑުވެރިކަން ކުރާނެ ގޮތެއް ނެތުމެވެ.

ހަގީގަތަކީ ބަލިތައް މަރާލަން ކެމިކަލް އަދި ގަސްކާނާގެ ގޮތުގައި ބޭސް ބޭނުންކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމެވެ. ބ. އަންހެނުންފުށީގައި ގަމީރާ ދަނޑު ހެއްދިއިރު އޭނާ އެކަން ކުރި އެވެ. އެކަމަކު ޒިންމާދާރުކޮށެވެ. ގަމީރާ އެތަކެތި ހުންނަނީ އޭނާގެ ބެލުމުގެ ދަށުން ގުދަންކޮށްފަ އެވެ. ގަހަކަށް ބައްޔެއް ޖެހުމުން، އިންޓަނެޓުން ބަލައިގެން ނުވަތަ އަމިއްލަ ތަޖުރިބާގެ އަލީގައި ބޭސް ޖަހަނީ، އެ ބައްޔަކާ ދެކޮޅަށް އެ އޮންނަ މިންވަރަކަށެވެ. ދަނޑުހައްދާ މަސައްކަތު މީހާ އަށް އަމިއްލަ ނަގައިގެން ހިތު ހުރި ވަރަކަށް އެ ސްޕްރޭ ނުކުރެވޭނެ އެވެ.

"އެކަމަކު ގިނަ ރަށްރަށުގައި ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް އެކަން ކުރަނީ،" ގަމީރާ ބުންޏެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން ކެމިކަލް އެއްކޮށް ހުއްޓާލައިގެން މިކަމެއް ނުކުރެވޭނެ. އެއޮއް ބޮޑު ލަންކާގައި ވެސް ކެމިކަލް މަނާކުރުމުން ދަނޑުވެރިކަން އެއްކޮށް ދިޔައީ."

ކަރަމް "މިހާރު"ގެ މެދުސަފުހާ އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކަރަމް "މިހާރު"ގެ މެދުސަފުހާ އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކެމިކަލްތައް އިންތިހާއަށް ބޭނުންކުރުމަކީ، ރާއްޖޭގައި ކެންސަރު ގިނަވާ ސަބަބެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. އެކަމަކު އެކަން ކަށަވަރުކުރެވޭނެ ވަރުގެ ދިރާސާއެއް ހެދިފައެއް ނެތެވެ. ސުވާލަކީ މިކަން ހުއްޓުވަން ނުވަތަ ރެގިއުލޭޓްކުރަން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ރާއްޖޭގެ ދަނޑުވެރިކަމުގެ މައި ހަބު ކަމަށްވާ ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ މިކަމުގައި އޭނާ ދަނޑުވެރިން ކުށްވެރިން ނުކުރާ ކަމަށާއި، ދަނޑުވެރިޔާ އަށް ކައިގެން ބޮއެގެން އުޅެވެނީ ހައްދާ ތަކެތި ވިއްކައިގެން ކަމަށާއި އެތަކެތި ހެއްދެން އޮތް މަގަކީ، މިވަގުތަށް ކެމިކަލް ބޭނުންކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކަން ހުއްޓުވޭނީ ދަނޑުވެރިންނަށް އެހެން ގޮތެއް ދައްކައިގެންތާ؟" ކަރަމް ވިދާޅުވި އެވެ.

އެކަމަށް ތޮއްޑޫ ކައުންސިލުގައި ރޭވުމެއް އެބައޮތެވެ. އެއީ މިހާރު ކުރު މުއްދަތަކަށް ދަނޑުތައް ދޫކުރާ އުސޫލު ބަދަލުކޮށް، އަންނަ އަހަރުން ފެށިގެން 20 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތަކަށް ދަނޑުތައް ދޫކުރުމެވެ. އޭރުން ކެމިކަލް ނުލާ އެކަން ކުރެވޭ ވަރުގެ އިންވެސްޓްމަންޓް ދަނޑުވެރިންނަށް ކުރެވޭނެ ކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ރަށުގައި ކެމިކަލް ބޭނުންނުކުރާ ނަމަ ދަނޑުވެރިކަން ކުރެވޭނީ ކޮންޓްރޯލް އެންވާރަމަންޓެއްގައޭ،" ކަރަމް ވިދާޅުވި އެވެ. "ގްރީން ހައުސްއެއްގައި ނުވަތަ އެ ނޫން ވެސް އިނޮވޭޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކަން ވާން އޮތީ."

ތޮއްޑޫގައިު ހައްދާފައި ހުރި ފަޅޯތަކެއް މާލެ ގެންދަން ބަނދަރުގައި ބަހައްޓާފައި. --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ތޮއްޑޫގައިު ހައްދާފައި ހުރި ފަޅޯތަކެއް މާލެ ގެންދަން ބަނދަރުގައި ބަހައްޓާފައި. --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ސަބަބަކީ ގެރިގުޔާއި ފަދަ ގަސްކާނާ ގެންނާތީ އާއި އެކި ހިސާބުތަކުން ގެންނަ ގަސްތަކުގެ ސަބަބުން ވަރަށް ބޮޑަށް ބަލިތައް ފެތުރި، އެކަމަށް ބޭސް ޖަހަޖަހާ ބިންގަނޑު ހަލާކުވެފައި އޮތުމެވެ.

"އެކަމަކު ކޮންޓްރޯލްޑް އެންވާރަމަންޓެއް ގެނެވޭނީ އިންވެސްޓްކޮށްގެން. އެކަމަކު އެވަރުގެ އިންވެސްޓެއް ބަޔަކު ކުރާނީ ދިގު މުއްދަތަކަށް ބިން ލިބިގެންތާ،" ކަރަމް ވިދާޅުވި އެވެ.

އެކަމަކު އެއީ އަދި ފަހަށް ވާން އޮތް ކަމެކެވެ. ކެމިކަލްގެ މައްސަލައަކީ މިވަގުތުން މިވަގުތަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ބޭނުންވާ ކަމެކެވެ. މީގެ 15 އަހަރު ކުރިން ވެސް ތޮއްޑޫގެ ފެންފަށަލަ އޮތީ ކެމިކަލުން ތަގައްޔަރު ވެފަ އެވެ. އެ ރަށަށް ސަޕްލައި ފެން ދޭން ޕްލާންޓެއް ބެހެއްޓީ ފެން ލޮނުވެގެނެއް ނޫނެވެ. ކެމިކަލްގެ ސަބަބުން ބޭނުންކުރެވޭ ހާލަތަށް ވުރެ ދަށަށް ދިއުމުންނެވެ.

ކަރަމް ވިދާޅުވި ގޮތުގައި ރަށުގައި ކެންސަރު އިތުރެވެ. އެކަމަކު އެއީ ކެމިކަލްގެ ސަބަބުން ސީދާ ބުނެވޭނީ ރަނގަޅަށް އެކަން ދިރާސާކޮށް ބަލައިގެންނެވެ. ތޮއްޑޫގައި މިއަދު ހަވީރު ކަނޑާ ކިއުމަމްބާ މިރޭ ފަތިހު މާލޭ ބާޒާރުން ލިބެން ހުރެ އެވެ. މާނައަކީ މާދަމާ މެންދުރު ކާނީ އެ ކިއުކަމްބާ އެވެ. ކެމިކަލް ހުރިއްޔާ ގަޔަށް އެ ދަނީ އެޔާ އެކު އެވެ.

"މިކަމުގައި ފިޔަވަޅު ނޭޅިއްޖެއްޔާ ހިތިވާނެ،" ގަމީރާ ދިނީ އިންޒާރެކެވެ.

އެކަމަކު ކަރަމް ފަދައިން ގަމީރާ ވެސް ދަނޑުވެރިން ކުށްވެރިކުރާކަށް ބޭނުމެއް ނުވެ އެވެ. އޭނާ ދެކޭ ގޮތުގައި ދަނޑުވެރިންނެކޭ އެއްގޮތަށް، ކެމިކަލް އެތެރެކުރާ މީހުންނާއި ސަރުކާރާއި ދަނޑުތަކުގެ ވެރިން ވެސް މިކަމުގައި ކުށްވެރިވެ އެވެ.

"ސަރުކާރަށް ކުޑަމިނުން މަޖުބޫރުކުރެވިދާނެ ލީފްލެޓަކާ އެކު، ނޫނީ ބޭސް ނުވިއްކަން. އެ ގަންނަން މީހާ އަށް އެއެއް މިއެއް ނޭނގޭ މިހާރު،" ގަމީރާ ބުންޏެވެ.

"ގައިމު ސިނގިރޭޓް ފޮށީގެ ބޭރުގައި ހުރޭ ވިއްޔާ އެ ބުއިމުން ލިބޭނެ ގެއްލުން މަންޒަރުން ދައްކާފައި."

ގަމީރާ ބުނި ގޮތުގައި، ދިރިއުޅުމަށް ދަނޑުވެރިންނަށް އޮތް ގޮތަކީ، އެއްގޮތުން ނޫނީ އަނެއް ގޮތުން އެއްޗެހި އިންދުމެވެ. އެ ތަކެތި ވިކެ އެވެ. އެކަމަކު އާއްމު މީހާ އެ ގަންނަ އެއްޗަކީ ރައްކާތެރި އެއްޗަކަށް ހެދޭނީ، އެއަށް ވުރެ މަތިން ފިޔަވަޅު އަޅައިގެންނެވެ.

"އަޅުގަނޑު ނުދެކެން މިހާރު ރައްކާތެރި ގޮތުގައި އެކަން ކުރާ ތަނެއް،" ގަމީރާ ބުންޏެވެ.

ހޫނު ފެނުން ދޮވެލައިގެން ގަމީރާ އެތަކެތި ބޭނުންކުރިޔަސް ހަގީގަތުގައި ކެމިކަލަކީ، އެހާ ފަސޭހައިން ފިލުވާލެވޭނެ އެއްޗެއް ނޫނެވެ. އެ ކެމިކަލުން، ގަސްތައް ބަލިން ފަސޭހަވިޔަސް، އެ ކާ އިންސާނާ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ.

އެކަމަކު ދަނޑުވެރިން ބުނާ ގޮތުގައި މި ވަގުތު އިތުރު ގޮތެއް ނެތެވެ. ކެމިކަލް ބޭސް ނުޖަހާ ދަނޑުވެރިކަން ކުރެވޭ ވަރަށް ވުރެ ބަލިތައް ގިނަ އެވެ. ބިމުގައި ބާރެއް ނެތެވެ. ކެމިކަލް ބޭސް ނުޖަހާ ނަމަ، ދަނޑުވެރިކަން ހުއްޓި އަތްމަތި ހުސްވާނެ އެވެ. އެ މީހުން ދެކޭ ގޮތުގައި މިކަމުގައި ހައްލެއް ދެއްކޭނީ ކަމާބެހޭ ފަރާތްތަކަށެވެ. އެހެންވެ މިކަމުގައި ދަނޑުވެރިން ވެސް ތިބީ މިވަގުތަށް ގޮތް ހުސްވެފަ އެވެ.