Roadha Mihaaru

ދީނަށް ފުރައްސާރަ ކޮށްގެން ހައްޔަރު ކުރި މީހާ އަށް ކައުންސެލިން ދެނީ

ދީނަށް ފުރައްސާރަ ކުރި މައްސަލައެއްގައި ގދ. ތިނަދޫން މިދިޔަ މަހު ހައްޔަރު ކުރި މީހާ އަށް ކައުންސެލިން ދެމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ދީނަށް ފުރައްސާރަ ކުރި މީހާ އަށް ކައުންސެލިން ދެނީ
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

03 އޮކްޓޯބަރ 2019

ދީނަށް ފުރައްސާރަ ކުރި މައްސަލައެއްގައި ގދ. ތިނަދޫން މިދިޔަ މަހު ހައްޔަރު ކުރި މީހާ އަށް ކައުންސެލިން ދެމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުސް އޮފީހުން މިއަދު ބުނީ، ދީިނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރި އުމުރުން 38 އަހަރުގެ އެ މީހާ އަށް ކައުންސެލިން ދެނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ. އެކަމަކު، އޭނާ ހުރީ ހައްޔަރުކޮށްފައި ކަމެއް ފުލުހުން ޔަގީންކޮށެއް ނުދެ އެވެ.

ފުލުސް އޮފީހުން ބުނީ އެ މީހާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމަށާއި އިސްލާމިކް މިނިސްޓްރީގެ ކައުންސެލިން ސެޝަންތަކަށް ދިޔުމަށް އޭނާ މިހާރު ހުރީ، ފުލުހުންގެ ބެލުމުގެ ދަށުން މާލޭގައި ކަމަށެވެ.

ތިނަދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި ދީނަށް ފުރައްސާރަ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހާ އެ ރަށަށް ދިރިއުޅުން ބަދަލު ކުރީ ވަރަށް ފަހުންނެވެ. މާލޭގައި ދިރިއުޅުނު އެ މީހާ އެ ރަށަށް ބަދަލުވީ ދީނަށް ފުރައްސާރަކޮށް އުޅޭތީ ލިބޭ އިންޒާރުތަކާ ގުޅިގެން ކަމަށް، ރަށު ތެރޭގައި ދެކެވޭ ވާހަކަތަކާ ހަވާލާދީ ކަމަށް އެތަނުން ބުނެފައި ވެ އެވެ.