Roadha Mihaaru
މިނިވަން ވިޔަސް ޕްލެޓިނީ އަށް އިތުރު އަދަބެއްގެ ބިރު

މިނިވަން ވިޔަސް ޕްލެޓިނީ އަށް އިތުރު އަދަބެއްގެ ބިރު

05 އޮކްޓޯބަރ 2019

ޕެރިސް (އޮކްޓޫބަރު 5) - ޔުއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ އަށް ދީފައިވާ އަދަބު ތަންފީޒުކޮށް އަންނަ ހަފްތާގައި މިނިވަން ވި ކަމުގައި ވިޔަސް ގަތަރު ވޯލްޑް ކަޕްގެ ކޮރަޕްޝަން ތަހުގީގުކުރިއަށްދާތީ އޭނާ އަށް އިތުރު އަަދަބެއް އައުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (އޮކްޓޫބަރު 5) - ޔުއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ އަށް ދީފައިވާ އަދަބު ތަންފީޒުކޮށް އަންނަ ހަފްތާގައި މިނިވަން ވި ކަމުގައި ވިޔަސް ގަތަރު ވޯލްޑް ކަޕްގެ ކޮރަޕްޝަން ތަހުގީގުކުރިއަށްދާތީ އޭނާ އަށް އިތުރު އަަދަބެއް އައުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕްލެޓިނީ އާއި ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ސަސްޕެންޑްކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިއަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީ އެވެ. ޕްލެޓިނީ އަށް 2015 ވަނަ އަހަރު ފުރަތަމަ އައީ އަށް އަހަރުގެ ސަސްޕެންޝަނެކެވެ. އެހެން ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ވަނީ ހަތަރު އަހަރަށް ކުޑަކޮށްފަ އެވެ. އެ ހަތަރު އަހަރު ހަމަވާނީ އަންނަ ހަފްތާ އަށެވެ.

ތިން މުބާރާތެއް ބާއްވަން ގައުމުތަކަށް ފުރުސަތު ދިނުމުގައި ކޮރަޕްޝަން ހިންގާފައިވޭތޯ ބެލުމަށް މިދިޔަ ޖޫން މަހު ފްރާންސްގެ ފުލުހުން ވަނީ ޕްލެޓިނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި ޕްލެޓިނީއާ ސުވާލުކުރުމަށް ފަހު އޭނާ ދޫކޮށްލި ނަމަވެސް ބޭނުންވެއްޖެ ހިނދެއްގައި އަލުން އޭނާ ފުލުހަށް ހާޒިރުވާންޖެހޭނެ ކަމަށް އެންގި އެވެ.

ފްރާންސްގެ އެންޓި-ކޮރަޕްޝަން ފުލުހުން ޕްލެޓިނީ ހައްޔަރުކުރީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ގަތަރަށް ފުރުސަތު ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ކުރެވޭ ތުހުމަތުގެ ތަހުގީގަށެވެ. އެކަމަކު އެ ތަހުގީގުގައި ޕްލެޓިނީއާ ވަނީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ އާއި މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް އަދި ގަތަރުގައި ބާއްވަން ނިންމާފައިވާ ވޯލްޑް ކަޕާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މިހާރު އެންމެ ބޮޑަށް ޕްލެޓިނީއާ ގުޅުވައިގެން ކުރިއަށްދަނީ ގަތަރު ވޯލްޑް ކަޕް ބިޑްގެ ތަހުގީގެވެ. ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ގަތަރަށް ދޭން 2010 ވަނަ އަހަރު ފީފާގެ އެގްޒެކެޓިވް ކޮމިޓީން ނިންމި އިރު ޕްލެޓިނީ އަކީ އެ ކޮމިޓީގެ މެމްބަރެކެވެ. ގަތަރަށް އެ ފުރުސަތު ދޭން ނިންމުމުގެ ހަފްތާއެއް ކުރިން ފްރާންސްގެ ކުރީގެ ރައީސް ނިކޮލަަސް ސަކޯޒީ އާއި ގަތަރުގެ ޕްރިންސް ތަމީމް ބިން ހަމަދް އަލް ތާނީ އަދި ޕްލެޓިނީ ވަނީ ބައްދަލުކުރައްވައިފަ އެވެ.

ގަތަރު ވޯލްޑް ކަޕް ބިޑް ކާމިޔާބުވުމުގައި ފްރާންސުން ވަރަށް ބޮޑު ރޯލެއް ކުޅުނު ކަމަށް ފީފާގެ ކުރީގެ ރައީސް ބްލެޓާ ވެސް ވަނީ އޭރު ވިދާޅުވެފަ އެވެ.

ގަތަރު ވޯލްޑް ކަޕް ބިޑްގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު ހަލުވި ސްޕީޑެއްގައި ކުރިއަށްދާއިރު، މިދިޔަ މަހު ފްރާންސްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ފްރާންސާ އެކު 1984 ވަނަ އަހަރުގެ ޔޫރަޕިއަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރެއްވި ޕްލެޓިނީ ވަނީ ފުޓްބޯޅަ އަށް ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.