Roadha Mihaaru
ތިން ރަށަކުން ގިނަ އަދަދެއްގެ ރުއް ބޭރުކޮށްފި

ތިން ރަށަކުން ރިސޯޓަކަށް ގިނަ އަދަދެއްގެ ރުއް ބޭރުކޮށްފި

06 އޮކްޓޯބަރ 2019

އުތުރުގެ ތިން ރަށަކުން ގިނަ އަދަދެއްގެ ރުއް މުލުން ލުހެލައިގެން ރިސޯޓްތަކަށް ގެންދާތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އުތުރުގެ ތިން ރަށަކުން ގިނަ އަދަދެއްގެ ރުއް މުލުން ލުހެލައިގެން ރިސޯޓްތަކަށް ގެންދާތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ހއ. ކެލަ އާއި އެ އަތޮޅު ބާރަށުގެ އިތުރުން ށ. ފޯކައިދޫން އެތައް ސަތޭކަ ރުކެއް ވަނީ ރިސޯޓްތަކަށް ބޭރުކޮށްފަ އެވެ. ކޮޅުވެއްޓިތަކަށް ރުއް އަރުވައި އަދިވެސް ދަނީ ބޭރު ކުރަމުންނެވެ.

ރިސޯޓްތަކަށް ފެހި ކުރުމަށް ރަށްތަކުން ރުއް ކަނޑައިގެންނާއި އުފުރާލައިގެން ގެންދިއުމަކީ ފަހަކަށް އައިސް ވަރަށް އާންމު ކަމެކެވެ. ގިނަ ރަށްތަކަކުން އެތައް ސަތޭކަ ރުކެއް ވަނީ ގެންގޮސްފަ އެވެ. އެކަން ހުއްޓުވުމަށް ރުއް ގަސް ނަގައިގެން ގެންދިއުމާ ބެހޭ ގަވައިދަށް އިސްލާހު ގެނައުމަށް މި ސަރުކާރުން ނިންމި އެވެ. ނަމަވެސް އެކަމަށް އާންމުންގެ ހިޔާލު ހޯދިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ގަވައިދު އަދިވެސް ނުނިމެ އެވެ.

ރިސޯޓްތަކަށް ގެންދިއުމަށް ބާރަށުން ނަގާފައިވާ ރުއްތަކެއް: އެކަން އަނެއްކާވެސް އާންމުވުމުން ކަންބޮޑުވުން އިތުރު-- ފޮޓޯ: އާދަމް އަބްދުﷲ

ރިސޯޓްތަކަށް ގެންދިއުމަށް ބާރަށުން ނަގާފައިވާ ރުއްތަކެއް: އެކަން އަނެއްކާވެސް އާންމުވުމުން ކަންބޮޑުވުން އިތުރު-- ފޮޓޯ: އާދަމް އަބްދުﷲ

"މިހާރު" އިން ސުވާލުކުރުން ބާރަށު ކައުންސިލްގެ ރައީސް އާސިފް އަބްދުﷲ ވިދާޅުވީ އެ ރަށުން ރުއްނަގަމުން އަންނަނީ ނަރުދަމާގެ މަސައްކަތެއް ކުރުމަށް ކަމަށެވެ. އެކަން ކުރަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދަ ނަގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަރުދަމާ އެޅުމުގެ މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، މިހާތަނަށް 100 އަށް ވުރެ ގިނަ ރުއް ބޭރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރުއްތައް ގެންދަނީ ރިސޯޓަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެއީ ކޮން ރިސޯޓެއްތޯ އެހުމުން އޭނާ ވިދާޅުވީ ކޮން ރިސޯޓެއް ކަން ހަނދާނުގައި ނެތް ކަމަށެވެ.

ފޯކައިދޫން ރުއް ނަގަމުން ދަނީ އެ ރަށުގައި މަގަކާއި އިންޖީނު ގެއެއްގެ އިތުރުން ކޮމިއުނިޓީ ސެންޓަރު ހެދުމަށް ސާފު ކުރާ ސަރަހައްދުންނެވެ. އެ ސަރަހައްދުން މިހާތަނަށް 200 އާއި 300 އެއްހާ ރުއް ވަނީ ނަގައި ރިސޯޓަކަށް ބޭރުކޮށްފަ އެވެ.

ރުއް ނަގާތީ ކަންބޮޑުވުން ފާޅުކޮށް ތިމާވެށީގެ އެކްޓްވިސްޓް އާދަމް އަބްދުﷲ ކޮށްފައިވާ ޓްވީޓެއް--

އެ ރަށު ކައުންސިލް މެމްބަރަކު ވިދާޅުވިގޮތުގައި އެ މަސައްކަތް ކުރަނީ އީޕީއޭ އިން ނަގަން ޖެހޭ ހުއްދަތައް ނަގައިގެންނެވެ. އެ ރުއްތައް ރިސޯޓަކަށް ބޭރުކުރަނީ އަގަކަށް ނޫން ކަމަށާއި އެކަމަކު ބަދަލުގެ ގޮތުގައި އެ ރިސޯޓު ހިންގާ ކުންފުނިން އެ ރަށުގެ މަގުތައް ލެވެލްކޮށްދިނުމުގެ މަސައްކަތް ކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިރަށް އޮތީ ފުރިފައި އެހެންވެ ނެތް އެ ރުއްތައް އިންދޭކަށް. އިންދަންޏާ ޖެހޭނީ އަނެއްކާ ވެސް އެހެން ރުއްތަކެއް ނަގަން،" އެކަން އޭނާ ދިފާއު ކުރެއްވި އެވެ.

ފޯކައިދޫން ރުއް ގެންދަނީ ކޮން ރިސޯޓަކަށްތޯ ސުވާލު ކުރުމުން އޭނާ ވެސް ވިދާޅުވީ އެ މައުލޫމާތު ހަނދާން ނެތް ކަމަށެވެ.

ރިސޯޓްތަކަށް ގެންދިއުމަށް ބާރަށުން ކޮޅުވެއްޓިއަކަށް ރުއް އަރުވަނީ: އެކަން އަނެއްކާވެސް އާންމުވުމުން ކަންބޮޑުވުން އިތުރު-- ފޮޓޯ: އާދަމް އަބްދުﷲ

ރިސޯޓްތަކަށް ގެންދިއުމަށް ބާރަށުން ކޮޅުވެއްޓިއަކަށް ރުއް އަރުވަނީ: އެކަން އަނެއްކާވެސް އާންމުވުމުން ކަންބޮޑުވުން އިތުރު-- ފޮޓޯ: އާދަމް އަބްދުﷲ

ކެލާ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އިސްމާއިލް ވިދާޅުވީ އެ ރުއްތައް ނަގަމުން އަންނަނީ އަމިއްލަ މީހުންގެ ބިންތަކުން އަމިއްލަ ބައެއް ކަމަށެވެ. އެކަން ކުރަމުން އަންނަނީ އީޕީއޭގެ ހުއްދަ ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކައުންސިލާ ގުޅުން ހުރި މައުލޫމާތަކަށް ނުވާތީ އެކަމުގެ ތަފްސީލެއް ނުލިބެ އެވެ.

ރަށްރަށުން ރުއް ނެގުން އިތުރުވަމުން ދާތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރިސޯޓްތަކަށް ރުއް ވިއްކަން ބޭނުންވެގެން އެކިއެކި ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ކައުންސިލްތަކުން އެކަން ކުރާ ކަމަށް ވެސް އެ މީހުން ތުހުމަތު ކުރެ އެވެ.

ރުއްގަސް ނެގުމާ ބެހޭ ގޮތުން މިހާރު އަމަލުކުރާ ގަވާއިދު ބުނާ ގޮތުން 10 ރުކަށް ވުރެ ގިނައިން ކަނޑައި ނުވަތަ އުފުރާ ނަމަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނަގަން ޖެހެ އެވެ. އަދި އެއްފަހަރާ 200 ރުކަށް ވުރެ ގިނައިން ނަގާ ނަމަ އީއައިއޭ ރިޕޯޓެއް ވެސް ހަދަން ޖެހެ އެވެ. ނަމަވެސް އެ ގަވައިދަށް އަމަލެއް ނުކުރެ އެވެ.