Roadha Mihaaru
ކެލަ އިން ރުއް ނެގުން ހުއްޓުވައިފިން: އީޕީއޭ

ކެލައިން ރުއް ނަގައި ބޭރުކުރުން ހުއްޓުވައިފިން: އީޕީއޭ

06 އޮކްޓޯބަރ 2019

ހއ. ކެލާ އިން ރުއް ނަގައި ބޭރުކުރުން ހުއްޓުވާފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހއ. ކެލާ އިން ރުއް ނަގައި ބޭރުކުރުން ހުއްޓުވާފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ކެލާގެ އިތުރުން އެ އަތޮޅު ބާރަށާއި ށ. ފޯކައިދޫން ގިނަ އަދަދެއްގެ ރުއް ނަގައި ބޭރުކުރުމުގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އާއި އީޕީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ ތަނުން ވެސް ބުނީ ކެލާ އިން ރުއް ނެގުން ހުއްޓުވާފައިވާ ކަމަށެވެ. އެއީ، އީޕީއޭ އިން ހުއްދަތައް ނުހޯދައި ރުއްތައް ނެގުމުން ކަމަށް އެތަނުން ބުންޏެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓެއް.

އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވީ ކެލާ އިން ރުއްގަސް ނަގަމުންދާ މައްސަލަ އެ އޭޖެންސީ އަށް ރިޕޯޓްކުރީ މިދިޔަ ހަފުތާގައި ކަމަށެވެ. ގިނަ އަދަދަކަށް ރުއް ނެގީ ކެލާ އިން އަލަށް ގޯތި ދޫކުރި ސަރަހައްދުންނެވެ.

"އަޅުގަނޑުމެން [ކެލާ] ކައުންސިލަށް ގުޅާ، އެ މަސައްކަތް ހުއްޓާލައި އަޅުގަނޑުމެންގެ ފަރާތުން ނަގަންޖެހޭ ހުއްދައެއް ނަގައިގެން ކުރިއަށް ގެންދަން ސިޓީބިޓީ ބަދަލުކުރެވިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވި ގޮތުގައި ބާރަށުން ރުއްގަސް ނެގީ ގަވާއިދާ އެއްގޮތަށެވެ. އެ ރަށުން 600 އަށް ވުރެ ގިނަ ރުއް ނެގުމުގެ ހުއްދަ ދިނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ.

އީޕީއޭއިން އެކުލަވާލި ރުއްގަސް ނަގާ ގަވާއިދުގައިވާ ގޮތުން، އެ ރަށަކުން ނަގާ ރުއް ގަހުގެ 20 ޕަސެންޓު އެ ރަށެއްގެ އެހެން ސަރަހައްދެއްގައި އިންދަން ޖެހޭނެ އެވެ. އަދި ނަގާ ކޮންމެ ރުކަކަށް އިތުރު ދެ ރުކެއް އިންދަން ވެސް އާއްމުކޮށް ޝަރުތު ކުރެ އެވެ.

އީޕީއޭ އިން އަންނަނީ ރުއްގަސް ނެގުމާ ގުޅޭ ގަވާއިދު އިސްލާހު ކުރަމުންނެވެ. އެކަމަށް މި އަހަރުގެ ކުރީކޮޅު ވަނީ އާއްމުންގެ ހިޔާލު ވެސް ހޯދައިފަ އެވެ.

"މިހާރު އަޅުގަނޑުމެންނަށް އެބަ ވިސްނޭ އެއަށް ވުރެ ވެސް ހަރުދަނާކޮށް އެކަންތައް ކުރިއަށް ގެންދަން ޖެހޭ ކަން. ގާނޫނެއް ހަދަން ވެއްޖެ ނަމަ، ގާނޫނެއް ވެސް ހަދާ ގޮތަށް އަޅުގަނޑުމެން މި ތިބީ،" އިބްރާހިމް ވިދާޅުވި އެވެ.