Roadha Mihaaru
ކޯޓަށް ހާޒިރު ނުކުރެވިގެން ދޫވުން، ކުޑަ ކަމެއް ނޫން!

ކޯޓަށް ހާޒިރު ނުކުރެވިގެން ދޫވުން، ކުޑަ ކަމެއް ނޫން!

07 އޮކްޓޯބަރ 2019

ގައުމީ ކްރިކެޓް ޓީމުގެ ކޯޗުކަން ކުރަމުން އަންނަ އާސިފް ޚާނަށް ކުރަނީ އާދައިގެ ތުހުމަތެއް ނޫނެވެ. އޭނާ ހައްޔަރުކުރީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށެވެ. އެކަމަކު، ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް އަމަލު ނުކުރެވި ބަންދުން ދޫކޮށްލަން ޖެހުމުން ފުލުހުންނަށް މި ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގައުމީ ކްރިކެޓް ޓީމުގެ ކޯޗުކަން ކުރަމުން އަންނަ އާސިފް ޚާނަށް ކުރަނީ އާދައިގެ ތުހުމަތެއް ނޫނެވެ. އޭނާ ހައްޔަރުކުރީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށެވެ. އެކަމަކު، ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް އަމަލު ނުކުރެވި ބަންދުން ދޫކޮށްލަން ޖެހުމުން ފުލުހުންނަށް މި ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އެއްސެވީ "މިކަމުގައި ވެސް ޒިންމާވާނެ މީހަކު ހަމަ ނުވާނެތޯ" އެވެ.

ކޯޓަށް ހާޒިރުނުކޮށް އޭނާ ގަސްތުގައި ދޫކޮށްލީތޯ ވެސް ސުވާލު އުފައްދަ އެވެ. ނުވަތަ ޖިންސީ ފުރައްސާރައިގެ ކުށްތަކާ މެދު ފުލުހުން ސީރިއަސް ނުވަނީތޯ ވެސް އަހާފައިވެ އެވެ.

ތަހުގީގަށް ބަންދުގައި ބަހައްޓަން މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރާ އެންމެންނަކީ ބަންދުގައި ބައިތިއްބަންޖެހޭ މީހުންނެއް ނޫނެވެ. ބަންދުގައި ބަހައްޓަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބާރު ގާނޫނުން ދީފައި އޮންނަނީ ފަނޑިޔާރަށެވެ. އެކަމަކު މިފަހަރު ކަންބޮޑުވުމަކީ ފުލުހުންގެ ޒިންމާއަދާކުރުމުގައި ފަރުވާ ކުޑަވުމެވެ.

ކޯޗު ދޫވުމާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް އާއްމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކޯޗު ދޫވުމުގައި އެ މުއައްސަސާގެ އިހުމާލު އެބައޮތެވެ.

ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރާތާ 24 ގަޑި އިރުގެ ތެރޭގައި ބަންދުގެ މުއްދަތު އިތުކުރަން ކޯޓަށް ހާޒިރު ކުރަން ޖެހެ އެވެ. އެ މުއްދަތުގައި ކޯޗު ހާޒިރު ނުކުރެވުނު ސަބަބު އިދާރީ ގޮތުން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންނަށް ފާޑުކިޔައި މީހަކު ކޮށްފައިވާ ޓުވީޓެއް.

ގާނޫނީ ވަކީލަކު ނަން ހާމަނުކުރަން އެދިވަޑައިގެން ވިދާޅުވީ މި މައްސަލައިގައި ފެންނަނީ ފުލުހުންގެ ފަރުވާ ކުޑަވުން ކަމަށެވެ. އެކަމަކު އޭނާ ދޫވުމަކީ ތަހުގީގު ކުރިއަށް ގެންދަން އޮތް ހުރަހެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އޭނަ ދޫވިއަސް ތަހުގީގު ކުރިއަށް ގެންދެވޭނެ، އެކަމަކު ގާނޫނުއަސާސީގައި އެ އޮންނަ ގޮތަށް އަމަލުކުރުމަކީ ފުލުހުން ކުރަން ޖެހޭނެ ކަމެއް،" ވަކީލް ވިދާޅުވި އެވެ.

ތަހުގީގަށް މީހަކު ބަންދުކުރަން ޖެހެނީ ފިލާފާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމުގެ އިތުރުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ވެދާނެތީކަން ފާހަގަކުރައްވައި ވިދާޅުވީ ތުހުމަތުގެ ބާވަތުން އެ މީހަކު ބަންދުގައި ބަހައްޓަން ކޯޓުން ނިންމަފާނެ ކަމަށެވެ. ފުލުހުން ޒިންމާ އަށް ފަރުވާ ކުޑަކުރުމަކީ މައްސަލައެއްގެ ގޮތުގައި އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ކޯޗު ދޫވި ފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދޭން އެ މުއައްސަސާ އިން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

އާސިފް ޚާން ކުޑަކުދިން ހިމެނޭ ގޮތަށް ބައެއް ކުޅުންތެރިންނަށް ޖިންސީ ގޯނާކޮށްފައިވާކަން އިތުބާހުރި ފަރާތްތަކެއްގެ ފުށުން ޔަގީންވާ ކަމަށާއި އަދި އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އޭނާ ފުރުވާލަން ކްރިކެޓް ބޯޑުން މަސައްކަތްކުރި ކަމަށް ގައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިން ވަނީ ބުނެފަ އެވެ. ގައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި ބުނީ ކުއްލި ގޮތަކަށް ގައުމީ ކްރިކެޓް ޓީމުގެ ހެޑްކޯޗުކަމުން އާސިފް އިސްތިއުފާ ދިން އަސްލު ސަބަބު އާއްމުންނަށް އެނގިޔަ ނުދީ އޮތްކަން އެ ކުޅުންތެރިންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ ކުޅުންތެރިންނަށް އިތުބާރު ކުރެވޭ ފަރާތްތަކެއްގެ ފުށުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށާއި އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ކުޅުންތެރިން ވަނީ މި މައްސަލައިގައި ކްރިކެޓް ބޯޑުން އަމަލުކުރި ގޮތް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެއީ ޖިންސީ ގޯނާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އާސިފް ރާއްޖޭން ފުރުވާލަން، ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް، ކްރިކެޓް ބޯޑުން އެހީވުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބޯޑުން މިކަމުގައި އަމަލުކުރި ހުތުރު ގޮތުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރަޔަކަށްވި ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް އިތުރު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުޅުޅުންތެރިން ދެކެ އެވެ.