Roadha Mihaaru
ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ރާއްޖެ އިން ބޭރަށް

ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ބޭރަށް ފުރައިފި

10 ފެބުރުއަރީ 2021

ޖިންސީ ގޯނާގެ މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ފަށާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖިންސީ ގޯނާގެ މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ފަށާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފި އެވެ.

އިނގިރޭސި ވިލާތަށް އޭނާ ފުރާވަޑައިގަތީ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުމުންނެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި ސަބަބު ތަފްސީލު ކޮށްދެމުން ކޯޓުން ބުނީ ސިއްހީ ފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ޖެހޭ ކަން ކަށަވަރުކުރަން ޑޮކްޓަރު ހާޒިރުކޮށް، އޭނާގެ ވާހަކަތައް އަޑުއެހި ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމަށް ދައުލަތުން ވެސް އިއުތިރާޒު ކޮށްފައި ނުވާ ކަމަށް ކޯޓުން ބުންޏެވެ.

ކޯޓުން ބުނިގޮތުުގައި އަލީ ވަހީދާ ޖާމިނުވާނެ ފަރާތެއް ވެސް ހުށަހަޅާފައިވާތީ އޭނާ ފުރުން މަނާކުރުމުގެ އަމުރު ބާތިލްކުރީ އެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އަންނާނެ އެވެ.

އަލީ ވަހީދު ކުރިން ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. އެއީ ބަޔަކު ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 13 އަށް ވުރެ ގިނަ އެވެ.

އެ މުވައްޒަފުން އަލީ ވަހީދުގެ ޝަކުވާ ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެ ވާހަކަތައް އަޑުއައްސަވައި ވަގުތުން އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވި ނަމަވެސް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން މަގާމުން ވަކިކުރެއްވީ އެވެ.