Roadha Mihaaru
މައުލޫމާތު ހޯދުން ފަސޭހަކޮށް އަވަސް ކުރާނަން: ފިޔާޒް

މައުލޫމާތު ހޯދުން ފަސޭހަކޮށް އަވަސް ކުރާނަން: ފިޔާޒް

07 އޮކްޓޯބަރ 2019

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކޮށްފި ނަމަ މައުލޫމާތު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް މިހާރަށް ވުރެ ފަސޭހަކޮށް، އަވަހަށް ލިބޭ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް މަޖިލީހުން ކުރި އިންޓަވިއުގައި ކުރީގެ ނޫސްވެރިޔާ ހުސެން ފިޔާޒް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކޮށްފި ނަމަ މައުލޫމާތު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް މިހާރަށް ވުރެ ފަސޭހަކޮށް، އަވަހަށް ލިބޭ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް މަޖިލީހުން ކުރި އިންޓަވިއުގައި ކުރީގެ ނޫސްވެރިޔާ ހުސެން ފިޔާޒް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ ކޮމިޓީގައި ޓީވީން ލައިވްކޮށް ކުރިއަށް ގެންދިޔަ އިންޓަވިއުގައި ފިޔާޒް ވިދާޅުވީ މިއަދާ ހަމައަށް ވެސް ރާއްޖޭގެ ދައުލަތް ހިނގަމުން ދަނީ ކަންކަން ސިއްރުކުރުމުގެ މައްޗަށް ކަމަށާއި އެހެންކަމުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ވެސް ތަންފީޒު ނުކުރެވޭ ކަމަށެވެ. ނަމަވެސް އޭނާއަށް ކޮމިޝަނަރުކަން ލިބިވަޑައިގެންފި ނަމަ އެ ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މިއަދު" ނޫހާއި "އާފަތިސް" ނޫހުގެ އިތުރުން "ހަވީރު" އާއި ރާއްޖެ ޓީވީގައި މަސައްކަތް ކުރައްވާފައިވާ ފިޔާޒް ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ބައްޓަން ކުރައްވާނީ ނޫސްވެރިންނާއި އާންމުންނަށް މައުލޫމާތު ހޯދަން ފަސޭހަ ގޮތްތަކަކާ އެކު ކަމަށެވެ.

"އަޅުގަނޑުގެ މަސައްކަތަކަށް ވާނީ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އެ މައުލޫމާތެއް ލިބޭނެ ގޮތެއް ހެދުން. ކޮން ކަމެއްތޯ އަޅުގަނޑުމެން ސިއްރު ކުރަންވީ؟ ސިއްރުކުރަންވީ ސަބަބެއް ނެތެއް ނޫންތޯ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިސްކަން ދެއްވި ލިސްޓްގެ އެންމެ ކުރީގައި ނަން އޮތް، ފިޔާޒް ވިދާޅުވި އެވެ.

"މި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން މި ގާނޫނުގައި ފުރިހަމަ ނުވެ ހުރި ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްޓަކައި މަސައްކަތް ކުރާނަން."

އޭނާ ދެއްކެވި މިސާލުތަކުގެ ތެރޭގައި މައުލޫމާތު ހޯދަން ހާއްސަ ފޯމް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖެއްސެވުން ހިމެނެ އެވެ. އަދި ދައުލަތުގެ ތަފާސްހިސާބުތައް އެއް ތަނަކުން ލިބޭނެ ގޮތް ހަދަން ވަކި ޕޯޓަލްއެއް ހެދުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކުގެ ވެބްސައިޓުތައް ހަދާފައި ހުންނަ ގޮތުން އާންމުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ގާނޫނު ބުނާ ގޮތުން ކޮންމެ މުއައްސަސާއެއްގައި ވެސް އިންފޮމޭޝަން އޮފިސަރަކު ހުންނަން ޖެހެ އެވެ. ނަމަވެސް ފިޔާޒް ވިދާޅުވީ އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށް ބައެއް މުއައްސަސާތަކުގެ ވެރިން އަދިވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މިހާރު ލިބިފައިވާ ބަޖެޓުގެ ބޮޑު ބައެއް ހަރަދުކޮށްފައިވަނީ އެތަނުގައި ތިބޭ 20 މުވައްޒަފުންނަށް ކަމަށާއި ގާނޫނު ތަންފީޒުކުރަން ހަރަދު ކުރި މިންވަރު މަދު ކަމަށް ފަޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފައިސާ ނެތް ނަމަ ފައިސާ ހޯދާނެ ގޮތްތައް އޭނާއަށް އެނގިވަޑައިގަނެ އެވެ.

ފިޔާޒު ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތަކީ މައުލޫމާތު ހާމަކުރުމާއި ދައުލަތް ޖަވާބުދާރީ ކުރުން ކަމަށް ވާ އިރު ވޭތުވެދިޔަ 20 އަހަރު ނޫސްވެރިއެއްގެ ހައިސިއްޔަތުން އޭނާ ކުރެއްވީ އެ މަސައްކަތް ކަމަށް ފިޔާޒް ވިދާޅުވި އެވެ.

"މައުލޫމާތު ހާމަކުރުމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަމަކީ ކޮބާތޯ [ބެލުމަކީ] އަޅުގަނޑުގެ ލޭގައި ހިފާފައި ހުރި ކަމެއް. މުހިންމު މައުލޫމާތު މުހިންމު ދަނޑިވަޅުތަކުގައި ހާމަކުރުން،" އޭނާ ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވި ގޮތުގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން މަޖިލީހާއި ރާއްޖޭގެ ކޯޓަކަށް ފުރަތަމަ މައްސަލައެއް ހުށަހެޅުއްވީ ވެސް އޭނާ އެވެ. އެއީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރި ސަބަބު ހޯދަން 2014 ގައި ހުށަހެޅުއްވި މައްސަލަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވީ ނުވަ ބޭފުޅުންނެވެ. އެ ނަންތައް މަޖިލީހަށް ފޮނުއްވި އިރު ރައީސް އިސްކަން ދެއްވި ތަރުތީބުގައި ހަތަރު ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް އިސްކަން ދެއްވި ބޭފުޅުން:

1- ހުސެއިން ފިޔާޒް މޫސާ، އަތަމާގެ ތ. ވިލުފުށި 2- އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ 3- އަހުމަދު އާހިދު ރަޝީދު، ހ. ގުރުވަ 4- ފާތުމަތު ސައުޝަން، މ. ވެންކޫވަ

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.