Roadha Mihaaru
އެމްޓީސީސީ އާއި އައިކޮމް، ބޮޑު ހިޔާލު ތަފާތުވުމަކަށް

އެމްޓީސީސީ އާއި އައިކޮމް، މައުލޫމާތު ހާމަކުރުމާ މެދު ދެބަސްވުމަކަށް!

12 ފެބުރުއަރީ 2020

ސަރުކާރުގެ ހިއްސާ އޮތް ނަމަވެސް އެމްޓީސީސީ އަކީ ދައުލަތުގެ އިދާރާއެއް ނޫން ކަމަށާއި އެހެންކަމުން މައުލޫމާތު ހާމަކުރުމުގެ ގާނޫނުގެ ދަށުން ހުރިހާ މައުލޫމާތެއް ހާމަކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސަރުކާރުގެ ހިއްސާ އޮތް ނަމަވެސް އެމްޓީސީސީ އަކީ ދައުލަތުގެ އިދާރާއެއް ނޫން ކަމަށާއި އެހެންކަމުން މައުލޫމާތު ހާމަކުރުމުގެ ގާނޫނުގެ ދަށުން ހުރިހާ މައުލޫމާތެއް ހާމަކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމްޓީސީސީން މިހެން ބުނީ އާއްމު މީހަކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގަ އެވެ. އާހިދު ރަޝީދު ހުށައެޅި މައްސަލައިގެ އަޑުއެހުމުގައި އެމްޓީސީސީން ބުނީ ބޭނުންވެގެން އުޅެނީ މުވައްޒަފުންގެ މުސާރައިގެ މައުލޫމާތު ކަމަށް ވުމުން އެއީ އެ ހިއްސާކޮށްފި ނަމަ ކުންފުންޏަށް ގެއްލުން ވެދާނެ ކަމަށެވެ.

އެމްޓީސީސީން ދެކޭ ގޮތުގައި، ގެއްލުމެއް ކުރިމަތިވާނީ އެ މައުލޫމާތު ހާމަކުރަނީ ވިޔަފާރީގެ ވާދަވެރި މާހައުލެއްގައި ކަމަށް ވާތީ އެވެ.

އެމްޓީސީސީގެ ވަކީލު މޫސާ އާލިމް ވިދާޅުވި ގޮތުގައި މި މައްސަލާގައި އައިކޮމް ވަނީ ވަކި ކޮޅަކަށް ޖެހިފަ އެވެ. އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ބޭފުޅަކު ނެތީސް، އެ މައުލޫމާތު ފޯރުކޮށްދޭން ކޮމިޝަނަރުގެ ނަމުގައި އެ ކުންފުންޏަށް ލިއުމުން އެންގި އެންގުމެވެ. އާލިމް ވިދާޅުވީ އެއީ އައިކޮމްއަށް ލިބިފައިވާ ބާރެއް ނޫން ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒު އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ މަގާމުގެ މުއްދަތު ހަމަވެ، ދުވަސްގަނޑެއް ވީ ފަހުންނެވެ.

އާލިމް ވިދާޅުވި ގޮތުގައި ގާނޫނުގައި ދައުލަތުގެ އިދަރާއެއްގެ ގޮތުގައި ބުނެފައިވާ އެއްވެސް ޝަރުތެއް އެ ކުންފުނީގައި ނުހިމެނެ އެވެ. އެހެންކަމުން ދައުލަތުގެ އިދާރާއެއް ކަމަށް ބުނެ މައުލޫމާތު ހާމަކުރަން އެންގި އެންގުން ބާތިލުކޮށްދޭން އެމްޓީސީސީން ވަނީ އެދިފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު (މ) އާއި އެ ކޮމިޝަންގެ ބައެއް ބޭފުޅުން މިއަދުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު (މ) އާއި އެ ކޮމިޝަންގެ ބައެއް ބޭފުޅުން މިއަދުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ވާހަކައަށް ރައްދު ދެއްވަމުން ފިޔާޒް ވިދާޅުވީ އެމްޓީސީސީއަކީ ވެސް ސަރުކާރުގެ ހިއްސާ އޮންނަ އެހެން ކުންފުނިތަކާ އެއްގޮތަށް ދައުލަތުގެ އިދާރާއެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތު ވެސް އެ ކުންފުނިން އަދާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ ވަކި ކޮޅަކަށް އައިކޮމް ތާއީދުކުރާ ކަމަށް އެމްޓީސީސީން ބުނާ ބުނުމަކީ މުއައްސަސާގެ އަގު ވައްޓާލުން ކަމަށެވެ. އެ ކޮމިޝަނުން މަސައްކަތް ކުރަނީ އާއްމުންނަށް ދައުލަތުގެ ހުރިހާ އިދާރާއެއްގެ މައުލޫމާތު ފޯރުކޮށްދޭން ކަމަށާއި އޭގެ ތެރޭގައި ކުންފުނިތަކަށް ގެއްލުންވާ ފަދަ ކަންތައް އިސްތިސްނާ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި މުއައްސަސާއިން ބޭނުންވަނީ ދައުލަތް ހާމަކަން ބޮޑު، އަޅުގަނޑުމެން މި ކިޔާ ނަޒާހަތްތެރިކަމާއި ހިންގުމުގެ ނިޒާމަކީ ދެ ފުށް ފެންނަ، ރައްޔިތުންނަށް ޖަވާބުދާރީ ވެވޭ ނިޒާމަކަށް ހެދުން. ތިބޭފުޅުންގެ ބަޔާނުގައި މި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ހާމަކޮށްފައި އޮތީމަ އަޅުގަނޑު އެކަން ކުށްވެރިކުރަން،" ފިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި ވެސް، ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި) ގާނޫނު ތަންފީޒު ކުރަމުން ދަނީ ކުންފުނިިތައް ވެސް ހިމެނޭ ގޮތަށެވެ. އަދި ރާއްޖޭގައި އެންމެ ބޮޑު ކޮރަޕްޝަންތައް ވެސް ހިންގާފައި ވަނީ ކުންފުނިތަކުން ކަމަށް ވާތީ، ވަކި ހަމައެއްގެ މަތިން މައުލޫމާތު ފޯރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ މައްސަލާގައި އައިކޮމް އިން މިއަދު ވަކި ގޮތެއް ނުނިންމަ އެވެ. ކޮމިޝަނުން ބުނީ ވަކި ގޮތެއް ނިންމާނީ އެމްޓީސީސީން ހުށަހެޅި ބަޔާން ދިރާސާ ކުރުމަށް ފަހު ކަމަށެވެ.