Roadha Mihaaru
ފެބްރުއަރީ 7 ގެ މައްސަލަ މަޖިލިހުގެ ކޮމިޓީން ބަލަނީ!

ފެބްރުއަރީ 7 ގެ މައްސަލަ މަޖިލިހުގެ ކޮމިޓީން ބަލަނީ!

08 އޮކްޓޯބަރ 2019

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކުން މިއަދު އެޖެންޑާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކުން މިއަދު އެޖެންޑާކޮށްފި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބަލަނީ ފެބްރުއަރީ 7، 2012 ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވި މީހުންގެ މައްސަލަ އެވެ. އެކަން ބަލަނީ ކޮމިޓީއަށް ލިބުނު ސިޓީއަކަށް ބިނާކޮށް ކަމަށް ވިޔަސް، އެ ސިޓީ ފޮނުވީ ކޮން ފަރާތަކުން ކަމެއް ބުނެފައެއް ނުވެ އެވެ.

ސިޓީގައިވާ ކަންކަން ބަލަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު އޮންނާނެ ކަން މެމްބަރުންނަށް ވަނީ އަންގައިފަ އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކުން، ފެބްރުއަރީ 7 ގެ މައްސަލަ ބަލަން ފަށާ އިރު، އެ ދުވަހުގެ ހަމަނުޖެހުންތަކުގެ ތެރޭގައި އުޅުއްވި ބައެއް ބޭފުޅުންނަކީ މަޖިލިހުގެ މެމްބަރުންނެވެ. އޭގެ ތެރޭގައި މުޒާހަރާގެ ބައިވެރިންގެ ފަރާތުން ސިފައިންނާ މަޝްވަރާކުރަން ސިފައިންގެ މައި މަރުކަޒަށް ވެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހިމެނިވަޑައިގަނެ އެވެ. ދަނގަތީ ދާއިރާގެ މެމްބަރު ނާޒިމަކީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ވެސް މެމްބަރެކެވެ.

އޭރު އެމްޑީޕީގެ އިސް ބޭފުޅުންގެ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވި އެއް ބޭފުޅަކީ ވެސް ނާޒިމެވެ.

ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެ އެވެ. އެކަމަކު ވެރިކަން ބަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމީ، ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރު ދެއްކުމެއް ނެތި، އަމިއްލަފުޅަށް ކަމަށެވެ.

އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން އެމްޑީޕީގެ ތުހުމަތުތަކަށް ބާރު ލިބޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެ ކޮމިޝަނުގެ ތަހުގީގަށް ފެނިފައެއް ނުވެ އެވެ.

ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ ފެބްރުއަރީ 6، 7 އަދި 8 ވަނަ ދުވަހު ފުލުހުން އަނިޔާވެރިވެފައިވާ ކަމަށާއި އެކަން ބަލައި ތަހުގީގުކޮށް ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.