Roadha Mihaaru
މޮޓޯ އިންޝުއަރެންސްގެ ހާއްސަ ކެމްޕޭނެއް ފަށައިފި

މޮޓޯ އިންޝުއަރެންސްގެ ހާއްސަ ކެމްޕޭނެއް ފަށައިފި

08 އޮކްޓޯބަރ 2019

މޯޓޯ އިންޝުއަރެންސް އާއި ހޯމް އިންޝުއަރެންސާ ބެހޭ ހާއްސަ ކެމްޕޭނެއް، އެލައިޑް އިންޝުއަރެންސުން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޯޓޯ އިންޝުއަރެންސް އާއި ހޯމް އިންޝުއަރެންސާ ބެހޭ ހާއްސަ ކެމްޕޭނެއް، އެލައިޑް އިންޝުއަރެންސުން ފަށައިފި އެވެ.

އެލައިޑްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝާބިގް ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ މޮޓޯ އިންޝުއަރެންސް މި މަހު އާކުރަން ޖެހޭތީ، އެ ލައިޑްގެ ހާއްސަ ކެމްޕޭން ކުރިއަށްގެންދަނީ ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ.

ޝާބިގް ވިދާޅުވި ގޮތުގައި، ތާޑް ޕާޓީ އިންޝުއަރެންސާއި މޮޓޯ އިންޝުއަރެންސް ނެގުމާ ގުޅޭ ގޮތުން މިހާރު ވެސް ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އާންމުންގެ އެ ސުވާލުތަކަށް މި ކެމްޕޭނުން ޖަވާބު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތާޑް ޕާޓީ މޮޓޯ އިންޝުރެންސް އަކީ ގާނޫނީ ގޮތުން ލާޒިމް އެއްޗެކެވެ. އިންޖީނު ލީ އުޅަނދުފަހަރު މި އިންޝުއަރެންސް ނަގަން ޖެހެ އެވެ. މީގައި ކަވަރުކޮށްދޭނީ، އިންޝުއަކޮށްފައިވާ އުޅަނދަކުން ޖެހި އެހެން އެއްޗަކަށާއި މީހުންނަށް ލިބޭ ގެއްލުންތަކުގެ ބަދަލެވެ. އެކަމަކު އަލިފާނުގެ ހާދިސާއެއް ކަހަލަ ހާދިސާއަކުން ލިބޭ ގެއްލުން، ތާޑް ޕާޓީ އިންޝުއަރެންސަކުން ކަވަރެއް ނުކޮށްދެ އެވެ.

އަލިފާނުގެ ހާދިސާތަކާއި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކަވަރުކޮށްދެނީ، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ޕެކޭޖްތަކުންނެވެ.

މި ދެ އިންޝުއަރެންސާ ބެހޭ މައުލޫމާތު ވެސް ލިބޭ ގޮތަށް އެލައިޑުން ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިން މި މަހުގެ ނިޔަލަށް އޮންނާނެ އެވެ.

މި ކެމްޕޭންގައި ދެން ހިމެނެނީ ގެދޮރު އިންޝުއަރެންސްގެ ބަ އެވެ. އެ އިންޝުއަރެންސާ ބެހޭ މައުލޫމާތު ވެސް، މި ކެމްޕޭނުގައި ލިބޭނެ އެވެ.

ޝާބިގް ވިދާޅުވީ ގެދޮރު އިންޝުއަރެންސް ކުރުމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ބޭނުންވާ ކަމަށެވެ.

އެލައިޑުން ފަށާ މި ކެމްޕޭނުގެ ތެރެއިން ގޭގެއަށް ޒިޔާރަތް ކުރުމުގެ އިތުރުން މައުލޫމާތު ފޯރުކޮށްދޭ ސްޓޭޝަންތައް ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާނެ އެވެ. މި ސްޓޭޝަންތަކަށް ޒިޔާރަތްކޮށް ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސާއި ކޮމްޕިރެހެންސިވް ޕްލޭން ނަގާ މީހުންނަށް އެފްއެސްއެމްގެ ފިއުލް ކޫޕަނެއް ލިބޭނެ އެވެ. މި ކޫޕަން ބޭނުންކޮށްގެން އެފްއެސްއެމްގެ ކޮންމެ ސްޓޭޝަނަކުން ވެސް ހިލޭ ޕެޓްރޯލް އެޅެ އެ އެވެ.

މީގެ އިތުރުން ކެމްޕޭން ކުރިއަށްދާ މުއްދަތުގެ ތެރޭގައި އެލައިޑުގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑު ކުރާ މީހުންގެ މެދުގައި ލަކީޑްރޯއެއް ނަގާނެ އެވެ. މި ލަކީ ޑްރޯގައި ހޮވޭ ތިން މީހަކަށް 300،000ރގެ ހޯމް ކޮންޓެންޓް ވައުޗާއެއް ލިބޭނެ އެވެ. މިއީ ގޭގޭގައި ހުންނަ އެއްޗެހި އިންޝުއަކުރަން ލިބޭ ވައުޗާއެކެވެ.

އެލައިޑުން ބުނީ މި ކެމްޕޭންގެ ތެރެއިން ގެތަކަށް ޒިޔާރަތް ކުރާ އެ ކުންފުނީގެ މުވައްޒަފުން ތިބޭނީ ކުންފުނީގެ ޔުނިފޯމުގައި ކަމަށާއި ފައިސާގެ އެއްވެސް މުއާމަލާތެއް ކުރަން އެ މުވައްޒަފުން ނުބުނާނެ ކަމަށެވެ.