Roadha Mihaaru
ނައްތާލާނެ ކަމުގެ އިންޒާރުދީގެން ނުވާނެ: ނަޝީދު

އަނިޔާކޮށް ނައްތާލާނެ ކަމުގެ އިންޒާރު ދީގެން ނުވާނެ: ނަޝީދު

09 އޮކްޓޯބަރ 2019

ރާއްޖޭގައި ދިރިއުޅޭ މީހުންނަށް އަނިޔާކޮށް "ނައްތާލުމުގެ" އިންޒާރު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ދިރިއުޅޭ މީހުންނަށް އަނިޔާކޮށް "ނައްތާލުމުގެ" އިންޒާރު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރާއި ލާދީނީ ފިކުރު ވެސް ނައްތާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މިދިޔަ ހޯމަ ދުވަހު މަޖިލިހުގެ ތަޅުމުގައި ވިދާޅުވެފައި ވަނިކޮށެވެ. އަދި ދެ ފިކުރުގެ މީހުންނާއި ޖިންސީ ހަމަހަމަކަމަށް ގޮވާލާ މީހުން ރާއްޖެއިން ނައްތާލަން ޖެހޭ ކަމަށް މެމްބަރު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ މެމްބަރުންނާއި ރިޕޯޓު ކިޔާ މީހުންނަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށެވެ. އަދި އެކިއެކި ބާވަތްތަކުގެ އަނިޔާވެރި ހަމަލާތައް ދިނުމުގެ ރޭވުންތަކުގެ މަންޒަރުތައް އެކިއެކި ސޯޝަލް މީޑިއާގެ ޒްަރީއާ އިން ފެތުރެމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ހަމަ އެގޮތަށް އިސްލާމް ދީން ނިކަމެތިކޮށް ދީން ބަލައިނުގަތުމަށާއި އިސްލާމީ އުސޫލުތައް ދިވެހިންގެ ހިތްތަކުގައި ވަރުގަދަވިޔަ ނުދިނުމަށް ގަސްދުގައި ކަނޑައެޅިގެން ބަޔަކު މަސައްކަތް ކުރާ ކަމަށް އެތައް މެމްބަރުންނަށް ފާހަގަ ކުރެއްވިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ދެ މައްސަލަ ވެސް އަޅުގަނޑުމެން އެބަޖެހޭ ބަލަން. ދެ މައްސަލައާ ގުޅޭ ގޮތުން މިތަނުގައި އަޅުގަނޑު ގަސްދު ކުރަން މިނިސްޓަރުންނާ ވާހަކަ ދައްކައިގެން އަމަލުތައް، ކަންކަން ކުރާނެ ސުލްހަވެރި ރީތި ހަމަޖެހޭ މެދުމިނުގެ ގޮތެއް އަޅުގަނޑުމެން ހޯދަން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީއޭގެ ރިޕޯޓާ ގުޅިގެން މަޖިލިހުގައި ކުރި ތިން ގަޑިއިރުގެ ބަހުސަށް ފަހު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ގުޅުއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީއެންއާ "ގުޅޭތޯ" ބެއްލެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ބޭނުމަކަށްވީ، އެމްޑީއެން އަށް، އެހެން ޖަމިއްޔާތަކަށް، އެންމެހާ ޒުވާނުންނަށް ވެސް ސާފުވާން ޖެހޭ ދީނީ ކަންކަމާ ގުޅޭ ގޮތުން ކޮން ގޮތަކަށް ބަސްތައް ނޫނީ މުއާމަލާތް ކުރެވުނީމަ ކަން އެހެން މީހުން އެކަމާ ކަންބޮޑުވެ، ހިތްހަމަނުޖެހުން މި ދަރަޖަ އަށް އުފުލިގެން ދަނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެއް ފަރާތުން، އަނެއް ފަރާތަށް އަނިޔާކުރުމުގެ އިންޒާރުތަކާއި ނައްތާލުމުގެ އިންޒާރުތައް ދިނުމަކީ ގައުމެއްގެ ގޮތުގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި މަޖިލިހުގެ މެމްބަރުން ޒިންމާދާރު ބަޔަކަށް ވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލިހުގެ ބޭނުމަކީ ގާނޫނުއަސާސީ ދެމެހެއްޓުމެވެ. ގާނޫނުއަސާސީއަކީ ހަމަޖެހުން ހިފަހައްޓައިދޭ ގާނޫނީ ތަރަހަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ސުލްހަވެރިކަމާ އެކު އެކަކު އަނެކަކު ބަލައިގަނެ ކުރިއަށް ދާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު އެމްޑީއޭ އުވާލަން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި އެމްޑީއެންގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ހައްޔަރުކޮށް، އެ މީހުންނަށް ލިބެން ޖެހޭ ހައްގު އަދަބު ދިނުމަށް ވެސް ބައެއް މީހުން ދަނީ ގޮވާލަމުންނެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ހުށަހަޅައިގެން ފުލުހުން އަންނަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.