Roadha Mihaaru
ހަރުކަށި ފިކުރާއި ލާދީނީ ފިކުރު ވެސް ނައްތާލަން ޖެހޭ

ހަަރުކަށި ފިކުރާއި ލާދީނީ ފިކުރު ވެސް ނަައްތާލަން ޖެހޭ: މެމްބަރު ނަޝީދު

07 އޮކްޓޯބަރ 2019

ރާއްޖޭގައި ހަރުކަށި ފިކުރާއި ލާދީނީ ފިކުރު ވެސް ނައްތާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މިއަދު މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ހަރުކަށި ފިކުރާއި ލާދީނީ ފިކުރު ވެސް ނައްތާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މިއަދު މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލައިގައި މަޖިލިހަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ނަޝީދު ވިދާޅުވީ ލާދީނީ ފިކުރާއި ހައްދުފަހަނައަޅާފައިވާ ފިކުރު އޮއްވައި ގައުމު ކުރިއަށް ނުދާނެ ކަމަށެވެ. އެހެންވެ އެ ދެ ފިކުރު ވެސް ރާއްޖެ އިން ނައްތާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އޭނާގެ ވާހަކަ ކުރިއަށް ގެންދަވަމުން އެންމެ ބޮޑަށް ހަމަލާ ދެއްވީ ލާދީނީ ފިކުރުގެ މީހުންނަށެވެ. އެގޮތުން އޭނާ ލާދީނީ މީހުން ސިފަކުރެއްވީ ރާއްޖެ އަށް ކުރިމަތިވެފައިވާ "ކަތުރުފަނިތަކެއް"ގެ ގޮތުގަ އެވެ.

"ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ރާއްޖޭގެ އައިޑެންޓިޓީ އިން ކަނޑާލަން އެބަ ޖެހޭ. ކީއްވެތޯ އެކަންކަން ނުކުރެވެންވީ؟" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަރުކަށި ފިކުރުގެ މީހުން އަންނަނީ ވެސް ލާދީނީ މީހުންގެ އަމަލުތަކުގެ ސަބަބުންނެވެ.

ކީރިތު ޤުރުއާނުގައި ހުރި ބައެއް ކަންކަމާއި ކީރިތި ރަސޫލާގެ ބައެއް ހަދީސްތަކުގެ އަސްލު އޮޅުވާލައި، އެއީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރެވޭ ގޮތަށް، އެމްޑީއެންގެ ރިޕޯޓްގައި ހިމަނާފައިވެ އެވެ. އެ ރިޕޯޓް ފުރަތަމަ ނެރުނީ 2015 ގައި ކަމަށްވެ އެވެ. އެކަމަކު އޭރު ނެރުނީ ރިޕޯޓްގެ ހުލާސާއެއް ކަމެއް އަދި މުޅި ރިޕޯޓްކަމެއް ޔަގީނެއް ނޫނެވެ. ރިޕޯޓްގެ މައްސަލަ ފެންމަތިވީ ދާދި ފަހުންނެވެ.

ސަރުކާރާއި ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮއްވާ ނެރުނު ރިޕޯޓަކާ މެދު ފިޔަވަޅު ނޭޅުމުން، އޭރުގެ ވެރިންނަށް ފާޑުވިދާޅުވަމުންނެވެ.

އެކަމަކު ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީއެންގެ ރިޕޯޓު ނެރުނު އިރަކާ މެދު ބަހުސް ކުރުމަށް ވުރެ ބޮޑަށް ބަލަންވީ އެމީހުންނާ މެދުގައި ފިޔަވަޅު އަޅައި ހައްގު އަދަބު ދޭށެވެ. އަދި ލާދީނީ ފިކުރާއި ހަރުކަށި ފިކުރު އިތުރު ވަނީ ފިޔަވަޅު އަޅަން ޖެހޭ ވަގުތު ނޭޅީމަ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ދީނީ ބައެއް އިލްމުވެރިންގެ ނަންތައް ހުރުމުން އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ބައެއް ގައުމުތަކުން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ވެސް ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން އެ ރިޕޯޓް އޭނާ ސިފަކުރެއްވީ ރާއްޖެއިން އިސްލާމް ދީން ނައްތާލަން އުޅޭ ބައެއްގެ އަމަލެއްގެ ގޮތުގަ އެވެ.