Roadha Mihaaru
އައްޑޫގެ ފްލެޓްތައް ހަވާލުކުރަން ފަށައިފި

އައްޑޫގެ ފްލެޓްތައް ހައްގުވެރިންނާ ހަވާލުކުރަން ފަށައިފި

13 އޮކްޓޯބަރ 2019

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބޭ މީހުންނާ އެކު އެއްބަސްވުން ހަދައި، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން ސ. ފޭދޫން އަހުމަދު އަދްޝަން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބޭ މީހުންނާ އެކު އެއްބަސްވުން ހަދައި، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

އައްޑޫން ފްލެޓްތައް ލިބުނު މީހުން ކަށަވަރުވީ، މިދިޔަ ހަފުތާގަ އެވެ. އެގޮތުން، ފްލެޓްތަކަށް ޝަރުތު ހަމަވެގެން އެއްވަރަށް ޕޮއިންޓް ލިބުނު މީހުންގެ މެދުގައި ގުރުލައި، ފްލެޓްތައް ލިބޭ މީހުންގެ ފްލެޓް ނަމްބަރު ގުރު ވެސް މިދިޔަ ހަފުތާގައި ވަނީ ނަގައިފަ އެވެ.

ކައުންސިލުން ބުނީ، ފްލެޓްތަކުގެ ހައްގުވެރިންނާ އެ ތަންތަން މި މަހު ހަވާލުކޮށް ނިންމައިލެވޭނެ އެވެ.

ފްލެޓްތައް ދޫކުރަނީ ހިތަދު އާއި ހުޅުދޫންނެވެ. ހިތަދޫގައި 264 ފްލެޓް އިމާރާތް ކޮށްފައިވާއިރު، ހުޅުދޫގައި 48 ފްލެޓް އިމާރާތް ކޮށްފައި ވެ އެވެ. ހުޅުދޫ ފްލެޓްތަކުގެ ތެރެއިން މި ފަހަރު ހަވާލުކުރަނީ ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ފްލެޓްތަކަށް ކުރިމަތިލައި ޝަތުރު ހަމަވި 20 މީހަކަށެވެ.

މި ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 19،000ރ. ދައްކަން ޖެހެ އެވެ. އަދި ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ހަލާސްވަންދެން 20 އަހަރު ވަންދެން މަހަކު 3،000ރ. ދައްކަން ޖެހެ އެވެ.

އައްޑޫން މި ފަހަރު ހަވާލުކުރާ ފްލެޓްތަކަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ބަޔަކަށް ފްލެޓްތައް ހަވާލުކުރާ ދެވަނަ ފަހަރެވެ. މިފަދަ މަޝްރޫއެއް އެންމެ ފުރަތަމަ އައްޑޫގައި ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ފަހަރު ފޭދޫގެ ދެ ދިމާލެއްގައި އިމާރާތްކުރި 25 ހައުސިން ޔުނިޓެއްގައި 2012 އިން ފެށިގެން މީހުން އަންނަނީ ދިރިއުޅެމުންނެވެ.

މި ސަރުކާރުން ވެސް އައްޑޫގައި 1،500 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމައިފަ އެވެ. އަދި އެ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އޮގަސްޓް މަހު ވަނީ ހުޅުވާލައިފަ އެވެ.