Roadha Mihaaru
އައްޑޫން ފްލެޓް ލިބޭ ދާއިމީ ލިސްޓް އާންމުކޮށްފި

އައްޑޫން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި

01 އޮކްޓޯބަރ 2019

އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އައްޑޫ ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އައްޑޫ ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.

ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން ހިތަދޫގައި 264 ފްލެޓް އަދި ހުޅުމީދޫގައި 48 ފްލެޓް އިމާރާތްކޮށްފައިވެ އެވެ.

މި ފްލެޓްތަކުގެ ތެރެއިން ހިތަދޫން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ކުރިން އާންމުކުރި ލިސްޓްގައި 414 މީހުން ހިމެނުނު ނަމަވެސް ދާއިމީ ލިސްޓްގައި ހިމެނެނީ 265 މީހުންނެވެ.

އެގޮތުން ހިތަދޫ ރައްޔިތުންނަށް ހާއްސަކޮށްފައިވާ 150 ފްލެޓް ޝަރުތު ހަމަވެގެން ދާއިމީ ލިސްޓްގައި 179 މީހަކު ހިމެނޭ އިރު، މަރަދޫ/މަރަދޫފޭދޫ ރައްޔިތުންނަށް ހާއްސަކުރި 30 ފްލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 32 މީހުންނެވެ. އަދި ފޭދޫ ރައްޔިތުންނަށް ހާއްސަކުރި 50 ފްލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 54 މީހުންނެވެ.

މީގެ އިތުރުން ހުޅުދޫން ދޫކުރަން ހުޅުވައިލި 32 ފްލެޓަށް ކުރިމަތިލި މީހުންގެ ދާއިމީ ލިސްޓްގައި ހިމެނެނީ 20 މީހުންނެވެ.

އެގޮތުން ހުޅުދު އާއި މީދޫގެ ރައްޔިތުންނަށް ހާއްސަކުރި 23 ފްލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 18 މީހުންނެވެ. އަދި ހުޅުދު އާއި މީދު އަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ހާއްސަކުރި 15 ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ދާއިމީ ލިސްޓްގައި ހިމެނެނީ 2 މީހުންނެވެ. އެ ކެޓަގަރީ އަށް ކުރިމަތިލީ މީހުްނގެ ތެރެއން ޝަރުތު ހަމަވެގެން ކުރިން ޕޮއިންޓް ލިސްޓްގައި ވެސް ހިމެނުނީ އެންމެ ދެ މީހުންނެވެ.

ކައުންސިލުން ބުނިގޮތުގައި ފްލެޓް ލިބޭ މީހުންނާ އެކު އެގްރިމަންޓް ހެދުމުގެ ކުރިން އެ ކެޓަގަރީއެއްގެ ދަށުން އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގެ ޝަރުތުތަކުގައިވާ ގޮތުގެ މަތިން ގޯތިގެދޮރާ ބެހޭ މައުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެ އެވެ. އަދި ދެމަފިރިން ފްލެޓަށް ހޮވިއްޖެ ނަމަ، ފްލެޓް ހަވާލުކުރެވޭނީ އެކަމާ ގުޅޭގޮތުން އެ ކެޓަގަރީއެއްގެ ޝަރުތުތަކުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ކަމަށްވެސް ބުންޏެވެ.

އައްޑޫ ދޫކުރާ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 25،000ރ. ދައްކަން ޖެހޭނެ އެވެ. އަދި މަހު ފީއަކީ 3،000ރ. އެވެ.