Roadha Mihaaru
ތޫފާން "ހަގިބިސް" ގައި ޖަޕާނުން 25 މަރު

ބާރުގަދަ ތޫފާން "ހަގިބިސް" ގައި ޖަޕާނުން 25 މީހަކު މަރުވެއްޖެ

13 އޮކްޓޯބަރ 2019

ޕެސިފިކް ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން "ހަގިބިސް" އިއްޔެ ޖަޕާނަށް އެރުމުގެ ސަބަބުން އެގައުމުން މަރުވި މީހުންގެ އަދަދު 25 އަށް އަރައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޕެސިފިކް ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން "ހަގިބިސް" އިއްޔެ ޖަޕާނަށް އެރުމުގެ ސަބަބުން އެގައުމުން މަރުވި މީހުންގެ އަދަދު 25 އަށް އަރައިފި އެވެ.

ޖަޕާނުގެ އެންމެ ބޮޑު ޖަޒީރާ ހޮންޝޫގެ ތެރެއިން ލާފައި ހޮނިހިރު ދުވަހު ތޫފާން ހަގިބިސް ދިޔަ އިރު އެ ތޫފާނުގައި ވައިޖެހެމުން ދިޔައީ ގަޑިއަކު 144 މޭލުގެ ބާރުމިނުގަ އެވެ. އެ ތޫފާނުގައި ވެރިރަށް ޓޯކްޔޯ ވަގުތުކޮޅަކަށް ހުއްޓުމަކަށް އައި އިރު މަރުވި މީހުންގެ އަދަދު މިއަދު ހެނދުނު ވަނީ 25 އަށް އަރާފަ އެވެ. އޭގެ އިތުރުން 15 މީހަކު ވަނީ ގެއްލިފަ އެވެ.

ޖަޕާނުގެ ރަސްމީ ބްރޯޑްކާސްޓާ އެންއެޗްކޭ އިން ބުނީ ތޫފާނުގެ ސަބަބުން 166 މީހަކު ޒަހަމް ވެސް ވި ކަމަށެވެ.

ތޫފާން ހަގިބިސް އެރުމުގެ ސަބަބުން ޖަޕާނުގެ ގިނަ ރަށްތަކެއްގައި އަދިވެސް އޮތީ ފެންބޮޑުވެފަ އެވެ. އެންމެ ބޮޑަށް އަސަރުކުރި ރަށްތަކުގެ ތެރޭގައި ނަގާނޯ، ނިގާޓާ އަދި ފުކުޝީމާ ހިމެނެ އެވެ. އެ ރަށްތަކުގައި ފެންބޮޑުވީ ތޫފާނުގައި ރެކޯޑް މިންވަރަކަށް ވާރޭ ވެހި، ފެން ހިންދާ ނިޒާމުތައް ހަލާކުވުމުންނެވެ.

ޖަޕާނުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެފައި ވާއިރު ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ. އެގޮތުން ގާތްގަނޑަކަށް 200،000 ގެއިން ކަރަންޓް ކެނޑިފައިވާ ކަމަށް ޖަޕާނުގެ އިދާރާތަކުން ބުންޏެވެ.

ފޮރިން މިނިސްޓްރީން ރޭ ބުނީ ޖަޕާނުގައި ތިބި ދިވެހިންގެ ހާލު ބަލާފައިވާ ކަމަށާއި ތޫފާނުގައި ދިވެއްސަކަށް ކަމެއް ނުވާ ކަމަށެވެ.