Roadha Mihaaru
ސަފީރު ޚަލީލް އޯއައިސީގެ ސަފީރަކަށް ހަމަޖައްސަނީ

ސައުދީގެ ސަފީރު ޚަލީލް އޯއައިސީގެ ސަފީރަކަށް ހަމަޖައްސަނީ

13 އޮކްޓޯބަރ 2019

ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރު މުހައްމަދު ޚަލީލް، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ވެސް ސަފީރަކަށް ހަމަޖައްސަން ސަރުކާރުން ނިންމައި ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރު މުހައްމަދު ޚަލީލް، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ވެސް ސަފީރަކަށް ހަމަޖައްސަން ސަރުކާރުން ނިންމައި ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތް އެއް ކަމަކީ ޚަލީލް އޯއައިސީގެ ސަފީރަކަށް ހަމަޖައްސަވައި ދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން އެ މައްސަލަ ދާއިމީ ކޮމިޓީ އަށް ފޮނުވުމަށެވެ.

އެ މައްސަލަ ދިރާސާކުރާނީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންނެވެ.

ޚަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުގެ މަގާމާއި އެކްޓިން ހައި ކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޚަލީލް ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަގާމުތައް ފުރުއްވައިފަ އެވެ. އޭނާ ވަނީ އިންޑިއާގެ ޖަވާހަރްލާލް ނެހުރޫ ޔުނިވަސިޓީން އެންވަޔަރަމަންޓަލް ލޯ އެންޑް ޕޮލިސީގެ ދާއިރާ އިން ޑިޕްލޮމާ ހާސިލު ކުރައްވައިފަ އެވެ.

ޕޯޓްސް އޮތޯރިޓީ އާއި މިފްކޯ ފަދަ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑު މެމްބަރު ކަން ކުރެއްވި ޚަލީލަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލްގެ ކޮއްކޮ އެވެ.

ސައޫދީ އަރަބިއްޔާގައި ހުންނަވާ ސަފީރަކަށް ޚަލީލް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ރުހުން ދިނުމާ ގުޅިގެން އޭނާ އެ މަގާމަށް އައްޔަން ކުރީ މިދިޔަ ޖޫން މަހުގަ އެވެ.

ސަރުކާރުން ކުރިން ބުނި ގޮތުގައި އޯއައިސީ ސަމިޓަކީ ސައޫދީ އަރަބިއްޔާއާ އެކު ޚާރިޖީ ގުޅުންތައް ވަރުގަދަކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެ އަށް މަގުފަހިވެގެންދާ ފުރުސަތެކެވެ.

އިސްލާމީ ގައުމުތަކުގެ ވެރިން އެއްތަންވެ، ބާއްވާ ބައްދަލުވުންތަކުގައި އިސްލާމީ އުއްމަތަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ކޮންމެ އަހަރަކު ވެސް މަޝްވަރާ ކުރެ އެވެ. ހިޔާލުތަފާތުވުން އުފެދޭ މުހިއްމު މައްސަލަތަކުގައި، ގައުމުތަކުން ވާހަކަ ދައްކަން އޮތް ބައްދަލުވުމަކީ ވެސް އެ ސަމިޓެވެ.