Roadha Mihaaru
ފ. އަތޮޅު މަޝްރޫއާ ބެހޭ މައުލޫމާތު މަޖިލީހަށް ނުލިބޭ

ފ. އަތޮޅުގައި ހިންގަން އުޅޭ މަޝްރޫއާ ބެހޭ މައުލޫމާތު މަޖިލީހަކަށް ނުލިބޭ

12 މާޗް 2017

ފ. އަތޮޅުގައި ހިންގަން އުޅޭ ބޮޑު މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިނުވާ ކަމަށް މާލިއްޔަތު ކޮމެޓީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފ. އަތޮޅުގައި ހިންގަން އުޅޭ ބޮޑު މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިނުވާ ކަމަށް މާލިއްޔަތު ކޮމެޓީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ފ. އަތޮޅު ވިއްކުން ނުވަތަ ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް ބަޔަކާ މަޝްވަރާ ކުރަމުން ދާނަމަ، އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އެމްޑީޕީން މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެކަމަކު މިހާތަނަށް އައިއިރު މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިފައެއް ނުވެ އެވެ.

މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ބޮޑު މަޝްރޫއެއް ބައެއްގެ މައްޗަށް ދޫކޮށްލެވިގެން ދާއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހަށް އެނގެން ޖެހޭ މައުލޫމާތުތަކެއް ހުންނާނެ އެވެ. ނަމަވެސް އެ މައުލޫމާތުތައް ހޯދަން ކުރާ މަސައްކަތުގައި އެއްވެސް ކާމިޔާބެއް ލިބިފައިނުވާ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ސަރުކާރުން އެއްވެސް މަޝްރޫއެއް ހިންގާނަމަ، އެކަމުގެ މައުލޫމާތު މަޖިލީހަށް ލިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ހުށަހެޅުމަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި ރާއްޖޭގެ ބިމުން އެއްވެސް ތަނެއް ބޭރުގެ ފަރާތަކުން މިލްކު ކުރުމަކީ އެމްޑީޕީން ތާއީދު ކުރާ ކަމެއް ނޫނެވެ.

"(ފ. އަތޮޅާ ބެހޭ) މައުލޫމާތު ގެނެސް ދެއްވާނެ ކަމަށް މުގައްރިރު (ކޮމެޓީގެ) ވިދާޅުވި. ނަމަވެސް މިހާތަނަށް އައިއިރު އެއްވެސް މައުލޫމާތެއް ކޮމެޓީގެ މެމްބަރުންނަށް ލިބިފައި ނެތް،" މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިބޫ މިދިޔަ ހަފްތާގައި ވިދާޅުވި އެވެ.

ފ. އަތޮޅަށް ހަދަން އުޅޭ ގޮތަމާ މެދު އުފައްދާ ސުވާލުތަކާއި ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އެ އަތޮޅުގައި ހިންގާ މަޝްރޫއު ފަދަ، ބިޔަ މަޝްރޫއުތަކުގެ ތަފްސީލު ނުލިބިގެން އެއްވެސް މީހަކު ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އެ ތަފްސީލުތައް، މަޝްވަރާތައް ނިމި ހާމަކުރަން ޖެހޭ ހިސާބަށް ދިއުމުން ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި ފ. އަތޮޅަށް އަންނަން އޮތީ ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދަނީ ކޮން ބަޔަކާ އެކު ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ އެއްވެސް އަތޮޅެއް ނުވަތަ ބިމެއް ގަންނަން ނޫޅޭ ކަމަށާއި އެފަދަ ބޮޑު މަޝްރޫއަކަށް އިންވެސްޓް ކުރަން ވެސް ނިންމާފައި ނުވާ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ވަނީ ބުނެފަ އެވެ.

އެމްޑީޕީން ވަނީ ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ވިއްކާ ބިންތައް އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް ގަރާރެއް ވެސް ފާސްކޮށްފަ އެވެ.