14 އޮކްޓޯބަރ 2019
ފާތުމަތު ޝަފީގާގެ އުމުރުން ހަ އަހަރުގެ ދަރިފުޅުގެ ފަރާތުން އާދަޔާހިލާފު ކަމެއް ފާހަގަވާން ފެށީ ސްކޫލަށް ގެންދަން ފެށުމާ އެކުގަ އެވެ. ގޭގައި އުޅޭއިރު، ވަރަށް ސިޔާސަވެފައި މަޖަލެވެ. އެކަމަކު ސްކޫލުގައި އިންނައިރު ކުރަހާ ކުރެހުންތަކުން އޭނާއަށް ފެނުނީ އެހެން މަންޒަރެކެވެ. ކުރަހާފައި ހުންނަނީ އަބަދުވެސް ދެރަވެފައި ނުވަތަ ރޯން ހުންނަ ކުއްޖެކެވެ. ނޫނީ ކޮންމެވެސް އަނިޔާއެއް ލިބޭ މަންޒަރެކެވެ.
ފާތުމަތު ޝަފީގާގެ އުމުރުން ހަ އަހަރުގެ ދަރިފުޅުގެ ފަރާތުން އާދަޔާހިލާފު ކަމެއް ފާހަގަވާން ފެށީ ސްކޫލަށް ގެންދަން ފެށުމާ އެކުގަ އެވެ. ގޭގައި އުޅޭއިރު، ވަރަށް ސިޔާސަވެފައި މަޖަލެވެ. އެކަމަކު ސްކޫލުގައި އިންނައިރު ކުރަހާ ކުރެހުންތަކުން އޭނާއަށް ފެނުނީ އެހެން މަންޒަރެކެވެ. ކުރަހާފައި ހުންނަނީ އަބަދުވެސް ދެރަވެފައި ނުވަތަ ރޯން ހުންނަ ކުއްޖެކެވެ. ނޫނީ ކޮންމެވެސް އަނިޔާއެއް ލިބޭ މަންޒަރެކެވެ.
މާ ބޮޑު ކަމަކަށް ނުހަދައި އެކަން އޭރު ޝަފީގާ ދޫކޮށްލި ނަމަވެސް، އޭނާ ކަންބޮޑުވާން ފެށީ ފަހުން، ގޭގައި ދަރިފުޅު ދައްކާ ވާހަކަތަކުންނެވެ.
"ބުނާނެ ކޮއްކޮ ދެކެ އެކަކު ވެސް ލޯތްބެއް ނުވެއޭ. ކޮއްކޮ ބޭނުމީ މަރުވާށޭ،" ފިރިމީހާއާ ވަކިން، އެކަނި ދިރިއުޅެމުންދާ މަންމަ ބުންޏެވެ.
އުމުރުން އެންމެ ހަ އަހަރުގެ ކުއްޖަކު މަރުވާ ވާހަކަ ދައްކަން ފެށުމުން، އެއީ އާދަޔާހިލާފު ކަމެއް ކަމަށް ބަލައި، ޝަފީގާ އޭނާގެ ދަރިފުޅު ނަފްސާނީ ޑޮކްޓަރަކަށް ދެއްކި އެވެ. ގިނަ ޓެސްޓުތަކެއް ހެއްދުމަށް ފަހު ޑޮކްޓަރު ނިންމީ ޑިޕްރެޝަން އާއި އެންޒައިޓީގެ ޝިކާރައަކަށް ދަރިފުޅު ވެފައިވާ ކަމެވެ.
ކުޑަކުދިންނާ ގުޅޭ އިލްމުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ، ޖެންޑާ މިނިސްޓްރީގެ ނައިބު އިފްހާމް ހުސައިން ވިދާޅުވީ ވޭތުވެ ދިޔަ 30 އަހަރަށް ބަލާއިރު، ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރާ ކުޑަކުދިންގެ އަދަދު މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އޭގެ ސަބަބުތައް ގިނަ އެވެ.
"އެންމެ ބޮޑު ކަމަކަށް އާއިލީ މައްސަލަތައް. ދެން އެ ކުދިން ހެދިބޮޑުވުމަށް ރަނގަޅު އެންވަޔަރަމެންޓެއް ނެތުން. ބެލެނިވެރިންނާ ކުދިންނާ އޮންނަ ގާތްކަން ކުޑަވުން ވެސް އެއީ ސަބަބެއް،" އޭނާ ވިދާޅުވި އެވެ.
ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުން، ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ބަލިތަކަށް ހުށަހެޅޭނީ ބޮޑެތި މީހުންނެވެ. ގިނަ ފަހަރަށް އެ ފަދަ ބަލިމަޑުކަމެއް ތަހައްމަލު ކުރަން ޖެހެނީ ދިރިއުޅުމުގައި ދިމާވާ މާޔޫސީ ސަބަބަކާ ހުރެ ކަމަށް ވާތީ، އެއީ ކުޑަކުދިންނަށް ކުރިމަތިވެދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެކަމަކު ހަގީގަތަކީ ކޮންމެ ދިހަ ކުއްޖަކުން އެއް ކުއްޖަކު، ނަފްސާނީ ބަލީގެ ޝިކާރައަށް ވެފައިވާ ކަމެވެ.
ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގައި ވެސް ނަފްސާނީ ބަލިތަކުގެ ކުދިން ގިނަ އެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން އެއްވެސް ދިރާސާއެއް މިހާތަނަށް ހެދިފައި ނެތުމުން، އޭގެ މިންވަރެއް ނޭނގެ އެވެ. ދުނިޔޭގެ ކުޑަކުދިންގެ ނިސްބަތަށް ބަލާއިރު އުމުރުން ހަ އަހަރުން ދަށުގެ ކުދިންގެ 17 ޕަސެންޓަކީ ނަފްސާނީ ބަލި ހުންނަ ކުދިންނެވެ. އާބާދީގެ ދެ ބައި ކުޅަ އެއްބައި ކުދިން، އުމުރުން 14 އަހަރަށް ވުރެ މައްޗަށް ދިޔުމުން ނަފްސާނީ ބަލީގެ ތެރެއަށް ވެއްޓެވެ.
"އަސްލު ކުދިންނަށް ވަރަށް ތުއްތު އިރުއްސުރެ އިމޯޝަން [އިހުސާސްތައް] ހޭންޑްލް ކުރަން ދަސްކޮށްދޭން ޖެހޭ. އުފާވީމައި ހަދާނީ ކިހިނެއްކަން، ދެރަވީމައި ނުވަތަ ރުޅި އައިމަ ހަދާނީ ކިހިނެއްކަން ބުނެދޭން ޖެހޭ،"
އިފްހާމް ވިދާޅުވީ މާޔޫސްވުމާއި ކާހިތްނުވުމާއި އަބަދު ރުޅި އައުން ފަދަ މައްސަލަތައް ކުދިންގެ ފަރާތުން ފެންނަ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ އާއިލާތައް ރޫޅުމެވެ.
މައިންބަފައިން ވަކިވެ ނުވަތަ އަރައިރުންވާ ތަން ފެނުމުން ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ އެވެ. އެ މީހުން ދެކެ ލޯބިވާ ބަޔަކު ނެތް ކަމަށް ހީވެ އެވެ. އެކަމާ ކުޑަކުދިން ވިސްނަން ފެށުމާ އެކު، ކުދިންގެ އުޅުމަށް ބަދަލުތައް އާދެ އެވެ. މިއީ ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކުގެ ފެށުމެވެ.
ތައުލީމީ ނިޒާމް ބައްޓަން ވެފައި އޮންނަ ގޮތުން ވެސް ބައެއް ފަހަރަށް ކުދިން ނަފްސާނީ މައްސަލަތަކަށް ހުށަހެޅެ އެވެ.
އިފްހާމް ވިދާޅުވި ގޮތުގައި ކިޔެވުމުންނާއި މުބާރާތްތަކުން މޮޅު ނަތީޖާ ހޯދުމަށް މައިންބަފައިން ކުރާ ޕްރެޝަރުގެ ސަބަބުން ވެސް ކުދިންގެ ސެލްފް އެސްޓީމް ދަށްވެ، މާޔޫސްވެ އެވެ. އަދި މަޑުމަޑުން ކިޔެވުމުން މަތިން ފޫހިވެ، ނަފްސާނީ ގޮތުން ކުދިންނަށް އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެފަދަ ހާލަތްތަކުގައި ކުއްޖާ ނެގިމަޑުވުން ނުވަތަ އެހެން މީހުންނާ އެކަހެރިވުން ގިނަވެ އެވެ. ކަންކަމަށް ސަމާލުކަން ދޭލެއް ކުޑަވެ އެވެ. އަދި ސްކޫލުގައި ވެސް ބާކީވެ، އިތުރު ކުޅިވަރުތަކުގައި ބައިވެރިވުމަށް ފަސް ޖެހެ އެވެ.
ކުޑަކުދިންނަކީ ފަސޭހައިން ކަންކަމާ ހާސްވެ، ބިރު ގަންނަ ބައެކެވެ. މަންމައާ ވަކިން ނިދަން ޖެހުމާއި ވަކި ކަހަލަ ސޫތްޕެއް ނުވަތަ ޖަނަވާރެއް ނުވަތަ ވަކި ހާލަތެއް ދެކެ ވަރަށް ބިރުގަތުމާއި މީހުންގެ ތެރެއަށް ނިކުތުމަށް ފަސް ޖެހޭ ކުދިން ތިބެ އެވެ. ކިތަންމެ ލޯތްބާއި އަޅާލުން ދިން ނަމަވެސް މި ބިރު ކުދިންގެ ހިތުން ފިލުވާލަން ދަތިވެ އެވެ.
މި ފަދަ ބިރުތަކާއި ހާސްކަން އެންޒައިޓީއަށް ބަދަލުވަނީ އެ އިހުސާސްތަކުން ކުދިން އަރައިގަންނަން ނޭނގި ގިނަ ދުވަސްވުމުންނެވެ.
"އަސްލު ކުދިންނަށް ވަރަށް ތުއްތު އިރުއްސުރެ އިމޯޝަން [އިހުސާސްތައް] ހޭންޑްލް ކުރަން ދަސްކޮށްދޭން ޖެހޭ. އުފާވީމައި ހަދާނީ ކިހިނެއްކަން، ދެރަވީމައި ނުވަތަ ރުޅި އައިމަ ހަދާނީ ކިހިނެއްކަން ބުނެދޭން ޖެހޭ،" ރުޅި އައުމާއި ދެރަވުމުގެ އިހުސާސް އެއްވެ، ކުއްޖާގެ އުޅުމުން ބަދަލުތައް ފެންނަކަން ފާހަގަކުރައްވައި އިފްހާމް ވިދާޅުވި އެވެ.
ދަރިވަރުންނަށް މެސެޖު ދިނުމަށް ތާޖުއްދީން ސްކޫލުގެ ގޯތިތެރޭގައި ބަހައްޓާފައިވާ ބޯޑުތަކެއްގެ ކައިރިން ދަރިވަރަކު ހިނގާފައި ދަނީ: މަތީ ނަތީޖާ ހޯދަން ކުރާ ޕްރެޝަރުގެ ސަބަބުން ވެސް ކުދިންނަށް ނޭދެވޭ އަސަރު ކުރޭ --ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުރިން ކުދިން ކުރަމުން އައި ކަންތައްތަކަށް ބަދަލު އައިސް، އެކަންކަމާ ދުރުވެ މާ ބޮޑަށް ދެރަވެފައި ހުރުމަކީ ޑިޕްރެޝަންގެ އަލާމާތެކެވެ. އެހެން ކުދިންނާ އެކަހެރިވެ، މަޑުމޮޅިވުމުގެ ބަދަލުގައި މި ފަދަ ކުދިންގެ ފަރާތުން މާ ބޮޑަށް ސިޔާސަވުން ނުވަތަ ހަލަނިކަން ފެނެ އެވެ. ބައެއް ފަހަރަށް އަމިއްލަ ނަފްސަށް އަނިޔާ ވެސް ދެ އެވެ.
"ބައެއް ކުދިންނަށް އަންނާނެ މަރުވުމުގެ ހިޔާލު ވެސް. އެއީ ކިހިނެއް ކުރާ ކަމެއްކަން ތުއްތު ކުދިންނަށް ނޭނގުނު ނަމަވެސް، އޭނާގެ މުހިއްމުކަން ކެނޑި ބޭނުމެއް ނެތް ކަމުގެ އިހުސާސް އެ ކުރެވެނީ،" އިފްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކަށް ދަރިފުޅު ހުށަހެޅުމުން އެ ކުދިންގެ ހެދިބޮޑުވުމަށް އަސަރު ކުރާނެ ކަމަށެވެ. ސިކުނޑީގެ ހެދިބޮޑުވުމަށް ބުރޫއަރާ، އެ އުމުރުގައި ކުދިން ކުރަން ޖެހޭ ކަންކަން އެ ކުދިންގެ ފަރާތުން ފެންނަލެއް ލަސްވާ ކަމަށާއި މިއީ ބެލެނިވެރިން އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ވަގުތުކަމަށް އިފްހާމް ވިދާޅުވި އެވެ.
ބޮޑެތި މީހުންނެކޭ އެއްގޮތަށް، ކުޑަކުދިންނަށް ވެސް ނަފްސާނީ ބަލިތަކުން އެންމެ ފަސޭހައިން އަރައިގަނެވޭނީ މައިންބަފައިންނާއި އެކުދިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްގެންނެވެ. ދަރިފުޅު ދެރަވެ، ބިރު ގަންނަ ކަންކަމާ ވާހަކަ ދައްކައި އެއީ ލޯތްބާއި އަޅާލުން ލިބޭ ކުއްޖެއް ކަމުގެ އިހުސާސް ކުރުވައިގެންނެވެ.
މައިންބަފައިން ވަކިން އުޅުނު ނަމަވެސް، އެ ކުއްޖާ އިތުބާރުކޮށް ލޯބިވާ މީހެއް ކައިރީގައި ހުރުން މުހިއްމެވެ. އަދި އެމީހާގެ ސަމާލުކަމާއި އަޅާލުން އެ ކުއްޖަކަށް ބޭނުންވާނެ ކަމަށް ނަފްސާނީ އިލްމުވެރިން އެއްބަސްވެވަޑައިގަނެ އެވެ.
އިފްހާމް ވިދާޅުވި ގޮތުގައި ނަފްސާނީ މައްސަލަތައް ކުޑަކުދިންގެ ތެރޭގައި ބޮޑުވަމުން ދަނީ، ބެލެނިވެރިން ކުދިންނާ އެކު ވަގުތު ހޭދަކުރާލެއް މަދުވެ، އެކުދިންގެ އިހުސާސްތައް ބޭރު ނުކުރެވޭތީ އެވެ. ފުރާވަރަށް އަރައިގެން އަންނައިރު، ސްކޫލު މާހައުލުން ފެންނަ ކަންކަމާ މެދު ވެސް، ދަރިފުޅާ ސުވާލުކޮށް ވާހަކަ ދައްކާ ހަދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ބޮޑު މައްސަލައަކީ ކުއްޖާ ކައިރީގައި އިނދެގެން، އެ ކުއްޖާގެ އިމޯޝަންތައް ހޭންޑަލް ކުރަން މައިންބަފައިންނަށް ވަގުތު ނެތުން،" އިފްހާމް ވިދާޅުވި އެވެ.
"އެކަމަކު ކޮންމެ ކުއްޖަކަށް ވެސް އަންގައިދޭން ޖެހޭނެ އޭނާގެ ލީނިން ފިގާއެއް ހުރިކަން. އެ އެޓޭޗްމެންޓް އިންނަން ޖެހޭނެ."
ނަފްސާނީ މި ފަދަ ބަލިތައް ތަހައްމަލު ކުރަން ޖެހޭ ކުދިންނަށް ކުރީކޮޅު އަޅާލުން ނުދެވިއްޖެ ނަމަ، ފަސޭހައިން ކުށުގެ މާހައުލަށް ނިކުމެވެ އެވެ. އާއިލާގެ ތެރެއިން ނުލިބުނު ލޯތްބާއި ސަމާލުކަން ހޯދަން ނިކުމެވެނީ މަގުމައްޗަށެވެ. ކުށްކުރާ ކުޑަކުދިންގެ ނިސްބަތް އިތުރުވަމުން ދާއިރު، އޭގެ ތެރޭގައި އާއިލާ ރޫޅިފައިވާ ކުދިން ގިނަ އެވެ. މިކަން ހައްލު ކުރެވޭނީ ވީހާ ވެސް އަވަހަކަށް، ކުޑަކުދިންނަށް ދިމާވެފައިވާ ނަފްސާނީ މައްސަލަ ދެނެގަނެ، އެކަމަށް ފަރުވާ ދީގެންނެވެ.
ދަރިވަރުންގެ ކޮނޑުގައި ޑިޕްރެޝަންގެ ބަރު ދަބަހެއް!
މިއަށް ވުރެން އިސްކަންދޭން ޖެހޭ ކަމެއް ނެތް!
ދައުލަތުން ބަލަހައްޓާ ކުދިން ވޭމަންޑޫން ބަދަލުކޮށްފި
މައްސަލަ ބޮޑުވެ، ކުދިންތައް ގެންދަން 24 ގަޑިއިރު!
ވޭމަންޑޫ ސެންޓަރުގެ ކުއްޖެއްގެ މައްސަލަ ހޫނުވެއްޖެ
ޖެންޑާގައި ތިބި ކުދިން ފޯސްޓާ ކުރަން ހުޅުވާލައިފި
ޑރ. އައިޝަތު ޝިހާމް އެންމެ ޒިންމާ ބޮޑު ގޮނޑީގައި
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ބެލްކަނީގައި ކުއްޖަކު ތަޅުލި މައްސަލަ ބަލަން ފަށައިފި
ވިހެއުމުގެ ޑިޕްރެޝަން ހާއްސަ ބޭހަށް ހުއްދަ ދީފި