Roadha Mihaaru
ޖިއާންގެ މަރުގެ މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފި

ޖިއާންގެ މަރުގެ މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފި

14 އޮކްޓޯބަރ 2019

މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކު މަރުވި މައްސަލައިގައި ހަ މީހަކަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް ކްރިމިނަލް ކޯޓުން މިއަދު އިއްވަން ހަމަޖެއްސުމަށް ފަހު، އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކު މަރުވި މައްސަލައިގައި ހަ މީހަކަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް ކްރިމިނަލް ކޯޓުން މިއަދު އިއްވަން ހަމަޖެއްސުމަށް ފަހު، އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ، އުމުރުން ހަތް އަހަރުގެ ރައުޝަން ޖިއާން މަރުވި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އިންޑިއާގެ ރައްޔިތުން ކަމަށްވާ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗައުހާން އަދި ގުލަމް މުހައްމަދުގެ އިތުރުން ދެ ދިވެހިން ކަމަށްވާ ދަފްތަރު ނަމްބަރު 8424 މޫސާ ހަސަން އާއި ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގްގެ މައްޗަށެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ 30 ވަނަ ދުވަހު ނިންމަވައިލައްވަމުން، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ އެ މައްސަލައިގެ ހުކުމް މިއަދު އިއްވާނެ ކަން އޭރު އިއުލާން ކުރައްވައިފަ އެވެ. އެކަމަކު މިހާރު ހަމަޖައްސާފައިވަނީ މި މަހުގެ ފަހުކޮޅު ހުކުމް ކުރާ ގޮތަށް ކަމަށް ވަނީ އެނގިފަ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން އަޑުއެހުންތައް ނިންމާލާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މައްސަލައެއްގެ ހުކުމް އިއްވަން ޖެހޭނެ އެވެ.

މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ ރައްޖާވްގެ މައްޗަށް ކުރާއިރު މުތުމަނިގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ އެވެ. ކެޝަރިލަލް އާއި ގުލަމްގެ މައްޗަށް ކުރަނީ ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު ނުރައްކަލުގައިވާ މީހާ އަށް ނުދިނުމުގެ ދައުވާ އެވެ. މޫސާ ހަސަން އާއި އާދަމް ޝަފީގަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.

ގާނޫނުލް އުގޫބާތު އޮންނަ ގޮތުން މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ އަސާސީ އަދަބަކީ ހަ އަހަރުގެ ޖަލު ހުކުމެކެވެ. އެކަމަކު، އެ ކުށުގައި ބައިވެރިވާ މީހާގެ އަދަބުގެ މިންވަރު އެއް ދަރަޖަ ދަށްވާނެތީ ބައިވެރިވާ މީހާގެ މައްޗަށް ކުށް ސާބިތުވިޔަސް، އަންނާނީ ހަތަރު އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ.

ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު ނުރައްކަލުގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ އަދަބުގެ އަސާސީ މިންވަރަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.