Roadha Mihaaru

އެމްއެމްއޭގެ ފުރަތަމަ ސްކޮލާޝިޕް ޔަޒާން އަށް

މިދިޔަ އަހަރު އޭލެވެލްގެ އެކައުންޓިން އާއި ބިޒްނަސް ސްޓަޑީޒް އިން ދުނިޔޭގެ އެއްވަނަ ހޯދި އަބްދުﷲ ޔަޒާން ރަޝީދަށް، އެމްއެމްއޭ އިން ސްކޮލާޝިޕް ދީފި އެވެ.

އެމްއެމްއޭގެ ފުރަތަމަ ސްކޮލާޝިޕް ޔަޒާން އަށް
އިދުހާމް ނައީމް
އިދުހާމް ނައީމް

16 އޮކްޓޯބަރ 2019

މިދިޔަ އަހަރު އޭލެވެލްގެ އެކައުންޓިން އާއި ބިޒްނަސް ސްޓަޑީޒް އިން ދުނިޔޭގެ އެއްވަނަ ހޯދި އަބްދުﷲ ޔަޒާން ރަޝީދަށް، އެމްއެމްއޭ އިން ސްކޮލާޝިޕް ދީފި އެވެ.

މި ސްކޮލާޝިޕް ޔަޒާން އާ ހަވާލުކޮށްދެއްވީ ގަވަރުނަރު އަލީ ހާޝިމެވެ. މިއީ އޮސްޓްރޭލިއަން ޔުނިވާސިޓީގައި އިކޮނޮމިކްސް ސައިންސުން ބެޗްލާސް ޑިގްރީ އަށް ކިޔެވުމުގެ ސްކޮލާޝިޕެކެވެ. މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެމްއެމްއޭއިންނެވެ.

އެމްއެމްއޭ އިން ބުނީ މި ސްކޮލާޝިޕަށް 15 ދަރިވަރަކު ކުރިމަތިލި ކަމަށެވެ. ޔަޒާން އަށް ސްކޮލާޝިޕް ލިބުނީ ޕޮއިންޓުގެ ގޮތުން އެހެން ކުދިންނަށް ވުރެ މަތިވުމުން ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ. ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ތައުލީމީ ރޮގުން ހޯދާފައިވާ ކާމިޔާބީތަކަށެވެ.

ޔަޒާން ބުނީ އޭނާ އަބަދުވެސް ބޭނުންވަނީ މި ދާއިރާއިން ކުރިއަށް ދާން ކަމަށެވެ. އަދި އެމްއެމްއޭގެ މި ފުރުސަތަކީ ލިބުނު އިތުރު ހިތްވަރެއް ކަމަށް އޭނާ ބުންޏެވެ. މި ފުރުސަތުގެ ދަށުން ޔަޒާންގެ ކިޔެވުން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

"އަބަދުވެސް މިދާއިރާ އިން ކުރިއަށްދާން ބޭނުންވަނީ. އެކަމަކު މި ކަހަލަ ފުރުސަތެއް ލިބޭނެ ކަމަށް އުއްމީދެއް ނުކުރަން. މިއީ ވަންސް އިން އަ ލައިފް ޓައިމް އޮޕޯޗުނިޓީއެއް،" ޔަޒާން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ މިއަހަރުން ފެށިގެން ސްކޮލާޝިޕް ދޭން ފެށީ އިގްތިސާދާ ގުޅުން ހުރި ދާއިރާތަކުން ކުދިން ތަމްރީން ކުރުމުގެ މަސައްކަތްތަކުގެ ތެރެއިންނެވެ އަދި ކޮންމެ އަހަރަކު ވެސް މި ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލާނެެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.