Roadha Mihaaru
ހަލަބުގައި ބޮޑެތި ޖަރީމާތައް ހިންގާއިރު ދުނިޔެ ހިމޭނުން

ސީރިއާގެ ހަލަބުގައި ބޮޑެތި ޖަރީމާތައް ހިންގާއިރު ދުނިޔެ ހިމޭނުން

25 ސެޕްޓެމްބަރ 2016

ދިމިޝްގު (ސެޕްޓެމްބަރު 25) - ސީރިއާގެ އުތުރުގެ ހަލަބު ސިޓީގައި ރަޝިޔާ އާއި ސީރިޔާ އިން ބޮޑެތި ޖަރީމާތައް ހިންގަމުންދާ އިރު ބައިނަލްއަގުވާމީ މުޖްތަމައު އޮތީ ހިމޭނުން ކަމަށް ބުނެ ސީރިއާގެ އެންމެ ބޮޑު އިދިކޮޅު ކޯލީޝަނުން ފާޑު ކިޔައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ސެޕްޓެމްބަރު 25) - ސީރިއާގެ އުތުރުގެ ހަލަބު ސިޓީގައި ރަޝިޔާ އާއި ސީރިޔާ އިން ބޮޑެތި ޖަރީމާތައް ހިންގަމުންދާ އިރު ބައިނަލްއަގުވާމީ މުޖްތަމައު އޮތީ ހިމޭނުން ކަމަށް ބުނެ ސީރިއާގެ އެންމެ ބޮޑު އިދިކޮޅު ކޯލީޝަނުން ފާޑު ކިޔައިފި އެވެ.

ހަލަބުގެ އިރުމަތީގެ ހިސާބުތަކަށް އިއްޔެ ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި 32 މީހުން މަރުވެފައިވާ ކަމަށް އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުންޏެވެ. ހަލަބުގައި ވައިގެ ހަމަލާތައް ވަރުގަދަކޮށްފައިވާ އިރު ސަރުކާރު ސިފައިން ދަނީ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުން މުޅި ހަލަބު ސިޓީ އެކުގައި ހިފުމަށް މަސައްކަތް ކުރަމުންނެވެ.

"ސީރިއާ ސަރުކާރާއި ރަޝިޔާ އިން ދަނީ ހަލަބުގައި ބޮޑެތި ވެގެންވާހާ ޖަރީމާތައް ހިންގަމުން،" ސީރިއަން ނޭޝަނަލް ކޯލީޝަނުގެ ނައިބް ރައީސް މުވައްފަގު ނިރަބިޔާ އިސްތަންބޫލްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ހަލަބު ސިޓީ އަށް ދިން ހަމަލާތަކުގައި ގެއްލުން ލިބުނު ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ

ހަލަބު ސިޓީ އަށް ދިން ހަމަލާތަކުގައި ގެއްލުން ލިބުނު ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ

ގައުމުން ބޭރުގައި އިދިކޮޅު ކޯލީޝަން ހިންގަވާ ޖަވާބު އަބޫ ހަތާބު ވަނީ ހަލަބަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އަދި ހަމަލާތައް ދެމުންދާ އިރު ދުނިޔެ ހިމޭނުން އޮންނާތީ އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ހަތާބު ވިދާޅުވީ ސީރިއާ ސިފައިންނާއި ރަޝިޔާ ސިފައިން ދަނީ އެހީގެ ތަކެތި ހިފައިގެންދާ ވެހިކަލްތަކަށް ހަމަލާދީ ކެމިކަލް ހަތިޔާރު ބޭނުންކޮށް، މީހުން ގިނަ ހިސާބުތަކަށް ބެރެލް ބޮން އަޅަމުން ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ވެސް މަނާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހަލަބުގައި އެހީ ހިފައިގެން ދިޔަ ވެހިކަލްތަކަށް ހޯމަ ދުވަހު ދިން ހަމަލާގައި ވަނީ 20 މީހުން މަރުވެ 18 ވެހިކަލް ހަލާކުވެފަ އެވެ.

ހަލަބު ސިޓީ އަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން އެ ސިޓީގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން ބޯފެނަން ޖެހިފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.