Roadha Mihaaru
ހަމަލާތަކުގެ ސަބަބުން ހަލަބު ސިޓީން ފެން ކެނޑިއްޖެ

ހަމަލާތަކުގެ ސަބަބުން ހަލަބުގެ ދެ މިލިއަން މީހުންނަށް ފެން ނުލިބި

25 ސެޕްޓެމްބަރ 2016

ދިމިޝްގު (ސެޕްޓެމްބަރު 24) - ސީރިއާގެ ހަލަބު ސިޓީ އަށް މިހާރު ދޭ ވަރުގަދަ ވައިގެ ހަމަލާތަކުގެ ސަބަބުން އެ ސިޓީގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ބޯފެނުން މަހްރޫމްވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ސެޕްޓެމްބަރު 24) - ސީރިއާގެ ހަލަބު ސިޓީ އަށް މިހާރު ދޭ ވަރުގަދަ ވައިގެ ހަމަލާތަކުގެ ސަބަބުން އެ ސިޓީގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ބޯފެނުން މަހްރޫމްވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

އދ.ގެ ކުޑަ ކުދިންނާ ބެހޭ އެޖެންސީން ބުނީ ހުކުރު ދުވަހު ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން ފެން ސަޕްލައި ކުރާ ސްޓޭޝަންތައް މަރާމާތު ނުކުރެވުނު ކަމަށެވެ. އެހެންވެ ސަަރުކާރާ އިދިކޮޅު ފަރާތްތަކުގެ ދަށުގައިވާ އެއްވެސް ހިސާބަކަށް ފެން ނުލިބޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި ބާކީ ހުރި ފެން ޕްލާންޓްތައް ވެސް ހުއްޓާލާފައިވާ ކަމަށް ޔުނިސެފުން ވަނީ ބުނެފަ އެވެ.

އިދިކޮޅު ސިފައިންގެ ބާރުގެ ދަށުގައިވާ ތަންތަން ހިފުމަށް ސަރުކާރު ސިފައިން މަސައްކަތް ކުރަމުންދާ އިރު ހޮނިހިރު ދުވަހު ވެސް ވަނީ ހަލަބަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފަ އެވެ. ހަލަބުގެ ހަނގުރާމަ ހޫނުވެފައި މި ވަނީ ސީރިއާގައި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި އެއް ހަފުތާގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

ޔުނިސެފްގެ ޑިޕިއުޓީ ޑިރެކްޓާ ޖަސްޓިން ފޮރީސްތު ވިދާޅުވީ ހަލަބު ސިޓީ މަރުވަމުންދާ އިރު ދުނިޔެ އޮންނަނީ ބަލަން ކަމަށެވެ. ބޮން އަޅާ ފެން ކަނޑާލަމުންދާ އިރު އެއީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުނިސެފްގެ ތަރުޖަމާން ކިއެރަން ޑަޔާ ވިދާޅުވީ ސާފު ބޯފެން ނުލިބުމަކީ ބޮޑު މުސީބާތަކަށްވާނެ ކަމެއް ކަމަށާއި ހަލަބު ސިޓީގެ ރައްޔިތުންނަށް މިހާރު މަޖްބޫރުވެފައި ވަނީ ނުސާފު ފެން ބޭނުން ކުރަން ކަމަށެވެ. އަދި އެއީ ބަލިމަޑު ކަމެއް ފެތުރިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ހަލަބަށް ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި 25 މީހުން މަރުވެފައިވާ ކަމަށެވެ. ހުކުރު ދުވަހުގެ ހަމަލާތަކުގައި 91 މީހުން މަރުވެފައިވާ ކަމަށް ހޮސްޕިޓަލްތަކުން ބުނެ އެވެ. ހަމަލާތައް ދެމުން ދަނީ ސީރިއާ އާއި ރަޝިޔާގެ ބޯޓުތަކުން ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ހަމަލާ ދޭ ކަމަށް ރަޝިޔާ އިން އެއްބަސްވެފައެއް ނުވެ އެވެ. ސީރިއާ ސަރުކާރުން ބުނެފައި ވަނީ އެއްގަމު މަގުން ވަރުގަދަ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އިދިކޮޅު ހަނގުރާމަ ވެރިން ތިބޭ ސަރަހައްދުތަކުން އާއްމުން ދުރަށް ދިއުމަށް ވަނީ އަންގައިފަ އެވެ.