Roadha Mihaaru
ޕްރައިވެޓް ޔުނިވާސިޓީ ހެދޭނެ ފުރުސަތު ގާނޫނަކުން ދެނީ

ޕްރައިވެޓް ޔުނިވާސިޓީތައް ހެދޭނެ ފުރުސަތު ގާނޫނަކުން ދެނީ

23 އޮކްޓޯބަރ 2019

މަތީ ތައުލީމާ ބެހޭ ގާނޫނެއް ހަދައި އަމިއްލަ ޔުނިވާސިޓީތައް ހެދޭނެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމާ ބެހޭ ގާނޫނެއް ހަދައި އަމިއްލަ ޔުނިވާސިޓީތައް ހެދޭނެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމާ ބެހޭ ގާނޫނުގެ ފުރަތަމަ ޑްރާފްޓް ތައްޔާރުކޮށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެއީ މަތީ ތައުލީމުގެ ފެންވަރު ހިފަހައްޓައި ކޮލިޓީ ކަށަވަރުކޮށްދޭނެ ބިލަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގާނޫނެއް ވަރަށް މުހިއްމު ކަމަށާ އަދި އެފަދަ ގާނޫނެއް ނެތި މަތީ ތައުލީމުގެ ޕޮލިސީތައް ހެދުމަކީ އެންމެ ފުރިހަމަ ގޮތެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމިއްލަ ޔުނިވާސިޓީތައް ހެދޭނެ ގޮތްތަކުގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ގާނޫނީ ބާރުވެރިކަން ދިނުމަކީ ވެސް، މަތީ ތައުލީމާ ބެހޭ ގާނޫނުގައި ހިމެނޭ ކަމެކެވެ.

"އެ ގާނޫނު ވެގެންދާނީ މަތީ ތައުލީމުގެ ފެންވަރު ހިފަހައްޓައި ކޮލިޓީ ކަށަވަރުކޮށްދޭނެ ބިލަކަށް. އެ ބިލްގައި އެމްކިއުއޭ އަށް ގާނޫނީ ބާރުވެރިކަން ދިނުމާއި ޕްރައިވެޓް ޔުނިވާސިޓީތައް ހެދޭނީ ކިހިނެއްކަން [ބަޔާންކޮށްފައިވާނެ]،" މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ޕްރައިވެޓް ސެކްޓަރަށް ވެސް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމް ހާސިލްކުރަން، މަތީ ތައުލީމް ހޯދަން ބޭނުންވެފައި ތިބި ހުރިހާ އެންމެންނަށް ވެސް ވަރަށް މުހިއްމު މަސައްކަތަކަށް ވެގެން ދާނެކަމެއް."

ރާއްޖޭގައި އަމިއްލަ އެއްވެސް ޔުނިވާސިޓީއެއް މި ވަގުތު ނެތެވެ. މިހާރު ހިންގަމުން އަންނަ ދެ ޔުނިވާސިޓީއަކީ ވެސް، ވަކި ދެ ގާނޫނެއްގެ ދަށުން ހިންގަމުން އަންނަ ދެ ތަނެވެ. އެއީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެވެ.

ޔުނިވާސިޓީއެއްގެ ދަރަޖަ ހޯދުމަށް މީގެ ކުރިން ވެސް އަމިއްލަ ބައެއް ކޮލެޖުތަކުން މަސައްކަތްކުރި އެވެ. އެއީ އެފަދަ ހުއްދައެއް ދެވޭ ފެންވަރުގެ ތަންތަން ކަން ކަށަވަރުކުރުމަށް ސަރުކާރުން މީގެ ކުރިން ބައެއް ކޮލެޖުތައް އޮޑިޓް ވެސް ކުރި އެވެ. ނަމަވެސް އަމިއްލަ ޔުނިވާސިޓީތައް ހެދޭނެ އެއްވެސް އުސޫލެއް ނެތުމުން އެކަން އަދި ކާމިޔާބެއް ނުވެ އެވެ.