Roadha Mihaaru
ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ހުޅުވާލަނީ

ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ހުޅުވާލައިގެން ބާއްވަން ނިންމައިފި

24 އޮކްޓޯބަރ 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެ ކޮމިޝަނުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެ ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީން މިގޮތަށް ނިންމީ އެކަމަށް އެދިވަޑައިގެން ފަނޑިޔާރު އާދަމް މުހައްމަދު ހުށަހެޅުއްވުމުންނެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައިގެ އަޑުއެހުން ބާއްވަން ޖޭއެސްސީން ނިންމާފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގަ އެވެ. އަޑުއެހުން އޮންނާނީ ޖުޑީޝަލް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަން ނުވަތަ ޕޯސްޓް ބިލްޑިންގްގެ ހަ ވަނަ ފްލޯގަ އެވެ.

އެ އަޑުއެހުމަށް ވަނުމުގެ ފުރުސަތު ޖާގަ އޮތް މިންވަރަކުން، އާންމުންނާއި މީޑިއާ އަށް ޖޭއެސްސީން ވަނީ ހުޅުވާލައިފަ އެވެ. އަޑުއެހުން ފެށުމުގެ 15 މިނިޓު ކުރިން، އަޑުއަހަން ބޭނުންވާ މީހުން ދާން ޖެހެ އެވެ.

ފަނޑިޔާރު އާދަމް މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭއެސްސީން ބަލަމުން އަންނަނީ، ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަމަށް ބުނާ މައްސަތަކެކެވެ. އެކަމަކު ތަފްސީލެއް ޖޭއެސްސީން އަދި ހާމައެއް ނުކުރެ އެވެ.

ޖޭއެސްސީން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުﷲ ދީދީގެ މައްޗަށް ހުށަހެޅި ސުލޫކީ މައްސަލަ ވެސް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފަ އެވެ. އެ ތަހުގީގަށް ފަހު ނިންމީ އޭނާ މަގާމުން ވަކިކުރުމަށެވެ.

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީ އަށް ހާޒިރު ކުރާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ މެދު އެހެން މައްސަލައެއްގައި ސުލޫކީ ފިޔަވަޅެއް އެޅުމުގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން އޮތީ ނިންމައިފަ އެވެ.