Roadha Mihaaru
"ބޮޑު ޓީމެއް ވިޔަސް ފޯކައިދޫ ނުކުންނާނީ މޮޅަކަށް"

ބޮޑު ޓީމެއް ވިޔަސް ފޯކައިދޫ ނުކުންނާނީ މޮޅަކަށް: ނިސްތާރު

25 އޮކްޓޯބަރ 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނައިރު ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް ފޯކައިދޫގެ އަމާޒަކަށްވާނީ މޮޅުވުން ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނައިރު ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް ފޯކައިދޫގެ އަމާޒަކަށްވާނީ މޮޅުވުން ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

ލީގުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ފޯކައިދުން ވަނީ ނަތީޖާ ނެރެފަ އެވެ. އެ ގޮތުން ފުރަތަމަ ބުރުގައި ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސްގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާ ވަނީ އެއްވަރުކޮށްފަ އެވެ.

މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނިސްތާރު ބުނީ ކުޅުންތެރިންގެ ވިސްނުން ވެސް ހުންނަނީ މޮޅުވުމަށް ކަމަށާއި އެހެންވެ ޓީމު ތައްޔާރުކުރަނީ ވެސް އެ ގޮތަށް ކަމަށެވެ.

"އަބަދުވެސް އަޅުގަނޑުމެން ނުކުންނާނީ ވިންއަކަށް. އަޅުގަނޑަކަށް އެހާ މުހިއްމެއް ނޫން މޮޅަށް ކުޅުމާ ނުކުޅުން. އަޅުގަނޑު ނުކުންނާނީ ތިން ޕޮއިންޓް ހޯދަން،" ނިސްތާރު ބުންޏެވެ.

އޭނާ ބުނީ މި ސީޒަނަށް ފޯކައިދޫން ޓީމު އެކުލަވާލިއިރު ކުޅުންތެރިން ހޯދުމުގައި ބެލީ ފެންވަރު ސާބިތުކޮށްދީ ފުޓްބޯޅައިން ކުރިއަރަން ބޭނުންވާ ކުޅުންތެރިން ގެންނަން ކަމަށާއި ހެދި ސްކޮޑުގައި ތިބީ ވެސް އެ ފަދަ ކުޅުންތެރިން ކަމަށެވެ.

"ދެން އެކުދިން ވާގޮތަކީ ބޮޑު ޓީމަކާ ދެކޮޅަށް ކުޅޭއިރު އިތުރު ހިތްވަރެއްލައިގެން ކުޅެނީ. ޕޮޒިޓިވްކޮށް އަބަދުވެސް ޑްރޯ އަކަށް ނޫނީ ސްކޯ މަދުކުރަން އެ ވިސްނުން ބައިންދާފައި ހަމަ ކޮންމެ ފަހަރަކު ވެސް ނުކުންނާނީ މޮޅަކަށޭ ކިޔާފައި ނުކުތީމަ ވަރަށް ބޮޑު އެޑްވާންޓޭޖެއް ލިބޭ. އޭތި ބެކްފަޔާ ވެސް ވޭ. ބަލިވެސް ވޭ، މިސާލަކަށް އީގަލްސް އަތުން 5-2 އިން ބަލިވިއިރު. އެއީ މައްސަލަ އެއް ނޫން،" ނިސްތާރު ބުންޏެވެ.

ކުޅުނު 10 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ފޯކައިދޫ މި ވަގުތު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. ޗެރިޓީ ޝީލްޑް މެޗު ކުޅެން ޖެހޭތީއާ އެކު މި ސީޒަން ކުރިން ފެށި ފޯކައިދޫ އަށް މިހާތަނަށް މާލީ ގިނަ މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. ނިސްތާރު ބުނީ އެފްއޭއެމުން އެ ކަންތައްތައް ހަމަޖައްސައިދޭން މިހާރު ތާރީހެއް ދީފައިވާ ކަމަށެވެ.

މިރޭގެ މެޗު ގްރީން ސްޓްރީޓްސް އަށް މުހިއްމެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ދަ ގްރާންޑޭއާ އެއްވަރުވުމުން ލީގުގެ ދެ ވަނަ މަގާމް ގްރީން ސްޓްރީޓްސް އަށް ވަނީ ގެއްލިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އަށް ވުރެ އެއް މެޗު މަދުން ގްރީން ސްޓްރީޓްސް ކުޅެފައިވާއިރު، މި ދެ ޓީމުގެ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ވަކި ހިސާބުތަކެއް ޖަހައިގެން ޕޮއިންޓްތަކަކަށް ޓާގެޓް ކޮށްގެން މަސައްކަތްކުރެވޭ ވަރަށް ވުރެ ލީގުގެ މެޗުތައް ރޭވިފައި ހުރި ގޮތް ގޯސް ކަމަށެވެ. އެއީ ދެ މެޗެއް ކުޅެލާފައި އަނެއްކާ ވެސް ބްރޭކެއް އަންނައިރު އަބަދުވެސް ޓީމުގެ ހާލަތު ވަޒަންކޮށްލަން ޖެހެނީ މެޗެއް ކުޅެގެން ކަމަށެވެ. އަދި މި އުނދަގޫ ކުރިމަތިވަނީ ހަމައެކަނި ގްރީން ސްޓްރީޓްސް އަށް ނޫން ކަމަށާއި ލީގުގެ ކުރީގައި އޮތް މާޒިޔާ އަށް ވެސް އެ އުނދަގޫ އެބަހުރި ކަމަށް ސުޒޭން ބުންޏެވެ.

އޭނާ ބުނީ މި ބްރޭކްތައް ނަގަނީ ގައުމީ ޓީމަށް ފުރުސަތު ދޭން ކަމަށްވާތީ އެކަމަށް ޝަކުވާ ނުކުރާނެ ކަމަށާއި މި ވާހަކަތައް ދައްކަން މަޖުބޫރުވަނީ މީގެން ކްލަބްތަކަށް ލިބޭ ގެއްލުން ބޮޑުވުމުން ކަމަށެވެ.

ގްރީން ސްޓްރީޓްސް ލީގުގެ ތިން ވަނައިގައި އޮތީ 10 މެޗުން 17 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުން ގްރީން ސްޓްރީޓްސް ކުޅެން އޮތް މެޗު ފަސްކުރީ ބަންގްލަދޭޝްގައި ކުރިއަށްދާ ޝެއިހް ކަމާލް ކަޕްގައި ޓީސީ ވާދަކުރާތީ އެވެ. ލީގުގައި ފޯކައިދޫ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.