Roadha Mihaaru
ލަބާން ފޯމް ކެޓުމުން، ސުޒޭންގެ އިނގިލި ގައުމީ ޓީމަށް

ލަބާންގެ ފޯމް ކެޓުމުން، ސުޒޭންގެ އިނގިލި ގައުމީ ޓީމަށް

09 އޯގަސްޓް 2019

ގޯލްކީޕަރު ޓްރެއިނަރަކު ނުލައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ދިޔުމުން އެ ޓީމުގައި ހިމެނުނު ކްލަބް ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ލަބާން ޝަރީފްގެ ފޯމަށް އަސަރުކޮށްފައިވާކަމަށާއި އެހެންވެ މިއަދު ފޯކައިދޫއާ ދެކޮޅަށް ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް ކުޅޭ މެޗުގައި ވެސް ގޯލު ބަލަހައްޓާނީ ބިދޭސީ ކީޕަރު އޮކްސްލެންޑާ ޕޮސްލާވްސްކީ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގޯލްކީޕަރު ޓްރެއިނަރަކު ނުލައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ދިޔުމުން އެ ޓީމުގައި ހިމެނުނު ކްލަބް ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ލަބާން ޝަރީފްގެ ފޯމަށް އަސަރުކޮށްފައިވާކަމަށާއި އެހެންވެ މިއަދު ފޯކައިދޫއާ ދެކޮޅަށް ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް ކުޅޭ މެޗުގައި ވެސް ގޯލު ބަލަހައްޓާނީ ބިދޭސީ ކީޕަރު އޮކްސްލެންޑާ ޕޮސްލާވްސްކީ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި އައިއޯއައިޖީގައި އޮފިޝަލުން ޖެހެން އޮތް އަދަދަށް ޓީމުގެ މުޅި ސްކޮޑު ހަމަޖައްސަންވެގެން މި ފަހަރު ޓީމާ އެކު ގޯލްކީޕަރު ޓްރެއިނަރެއް ނުދެ އެވެ. ސުޒޭން ބުނީ ބިދޭސީ ކީޕަރު ޕޮސްލާވްސްކީ ލައިގެން ކުޅެނީ މި ވަގުތުގެ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ.

ޖަލު ހުކުމެއް ތަންފީޒުކުރުމަށް ފަހު ކުޅުމަށް އައިސް ގްރީން ސްޓްރީޓްސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލަބާން އަކީ ގްރީން ސްޓްރީޓްސްގެ އެއް ވަނަ ކީޕަރު ކަމަށް ސުޒޭން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެކަމަކު އައިއޯއައިޖީގެ ބްރޭކުގައި ހިނގާދިޔަ ކަންތަކަށް ބަލާއިރު ފުޓްބޯޅައިގެ ވިސްނުމުގައި މަސައްކަތްކުރާނަމަ ލަބާނަށް މި ވަގުތު ފުރުސަތު ދެވެން ނެތް ކަމަށް ބުންޏެވެ.

"ކޮންމެވެސް ސަބަބަކާ ހުރެ ދިވެހި ރާއްޖޭގެ ގައުމީ ޓީމު ގޯލްކީޕަރު ޓްރެއިނަރަކު ނުލައި ގޮސްފި. އެ މައްސަލައިގައި ލަބާން ނުލާހިކު ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިޔަކު މަޑުކުރުވަން މި މަޖުބޫރުވީ. އެއީ ވަރަށް ހިތާހުރިކަމެއް. އެއީ ބައިވަރު ދުވަހު ރަނގަޅަށް ތަމްރީންކޮށްފައި ހުރި މީހަކާ. އެކޮޅުގައި ގޮސް 14 ދުވަހުގެ ހޮލިޑޭ ހަދާލާފައި އައި ކުއްޖަކާ ހުންނާނެ ތަފާތުތަކެއް،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ މިއަދުގެ މެޗުގައި އިދިކޮޅަށް ނުކުންނަ ފޯކައިދޫ އަކީ ރަނގަޅު ޓީމެއް ކަމަށާއި އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގެ ނަތީޖާ ދަށްވި ނަމަވެސް ގްރީން ސްޓްރީޓްސް އިން ފަސޭހަކޮށް މި މެޗު ނުނަގާނެ ކަމަށެވެ.

"އެމީހުންނަކީ އަނެއްހެން ޑިފެންސިވް ވިސްނުމެއްގައި މިހާތަނަށް ރަނގަޅު މެޗުތަކެއް ކުޅެފައި އޮތް ޓީމެއް. ދެން ފޯކައިދޫގެ ކުރީގެ މެޗުތަކާއި ރިޒަލްޓްތަކަށް ވުރެ ގްރީން އަށް މުހިއްމު މި މެޗުގެ ނަތީޖާ. އެ އަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުން މި އަންނަނީ،" ސުޒޭން ބުންޏެވެ.

އެންމެ ފަހުން ގްރީން ސްޓްރީޓްސް ކުޅުނު މެޗުގައި ވަނީ އަލީ އަޝްފާގު (ދަގަނޑޭ)ގެ ހެޓްރިކާ އެކު 6-0 އިން ނިލަންދޫ އަތުން މޮޅުވެފަ އެވެ. ސުޒޭން ބުނީ އެ ނަތީޖާ އިން ޓީމުގެ އެޓޭކަށް އިތުބާރު ލިބިފައިވާ ކަމަށެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ އެންމެ ރަނގަޅު ހާލަތުގައި އޭނާގެ ޓީމަށް ތައްޔާރުވެވެން އުނދަގޫތަކެއް އެބަހުރި ކަމަށާއި އާންމުކޮށް ޓީމުގެ ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅެން ޖެހިފައިވާ ކަމަށެވެ.

"ޓީމުގެ ހާލަތު އެހާ ރަނގަޅެއް ނޫން. ދެން ދަނޑުން ބޭރުގައި މި ހުރި. ބައެއް ކަންތައްތަކާ ހެދި ކަންނޭނގެ އެއީ. އަޅުގަނޑުމެން އެކްސްކިއުޒް ދައްކައިގެން އުޅެން ބޭނުމެއް ނޫން ބެސްޓް ދޭނަން. ފައިޓަކަށް ހަމަ ނުކުންނާނީ،" ނިސްތާރު ބުންޏެވެ.

އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފޯކައިދޫގެ ގޯލު ބެލެހެއްޓީ އެ ޓީމުގެ ދެ ވަނަ ކީޕަރު ހުސެއިން ޝިފާދު އެވެ. އެކަމަކު މި މެޗަށް ފޯކައިދޫގެ ޕާކިސްތާން ގޯލްކީޕަރު ހަނީފް ސާގިބް ވަނީ އެ ޓީމާ ގުޅިފަ އެވެ.

ނިސްތާރު ބުނީ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ނުކުންނާނީ މޮޅަކަށް އުއްމީދުކޮށްގެން ކަމަށާއި މި ޓީމު ކުޅުންތެރިންގެ ހިތްވަރު އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ފެނިގެންދިޔަ ކަމަށެވެ.

"ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ނުކުންނަނީ ބަލިކުރުމުގެ ނިޔަތުގައި. އީގަލްސްއާ އެކު ވެސް ނުކުތީ އެ ގޮތަށް. އެޓޭކް ވެސް ކޮށްގެން ކުޅުނީ ވެސް ދެން ވަރަށް ކްރެޑިޓް ދެން ކުޅުންތެރިންނަށް ފަސް ގޯލު ޖަހާފައި އޮއްވައި ފަހު 15 މިނިޓްގައި ދެ ގޯލު ޖެހުމުން ވެސް އެބަ އެނގޭ ހިތްވަރު ހުރިކަން. މިހާރު ޗެލެންޖަކީ ވަރަށް ކުޑަ ސްކޮޑެއް މި އުޅެނީ. ގްރީން އަކީ އަޅުގަނޑުމެންގެ ފުލް ޓީމު އޮތަސް ޗެލެންޖެއް. ވަރަށް އުނދަގޫ މެޗަކަށް މި ނުކުންނަނީ. އެކަމަކު އުއްމީދު އެބައޮތް،" ނިސްތާރު ބުންޏެވެ.

ފޯކައިދޫ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.