ގަލްފް އެއާގެ ދަތުރުތައް ފެށުމަށް އެ އެއާލައިންގެ ފުރަތަމަ ބޯޓު މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.
27 އޮކްޓޯބަރ 2019
ގަލްފް އެއާގެ ދަތުރުތައް ފެށުމަށް އެ އެއާލައިންގެ ފުރަތަމަ ބޯޓު މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.
ބަހްރެއިންގެ ގައުމީ އެއާލައިން ކަމަށްވާ ގަލްފް އެއާގެ ދަތުރުތައް މިއަދު ފަށާފައި ވާއިރު އެ އެއާލައިންގެ ޖީއެފް144 މަރުކާރުގެ ބޯޓަށް މަރުހަބާ ދެންނެވީ މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.
މި އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސާ ވިންސެންޓް ކޯސްޓް ވިދާޅުވީ، ރާއްޖެ ފަދަ ޓޫރިޒަމް ދާއިރާ ބާރު ސްޕީޑުގައި ކުރިއަރާފައިވާ ގައުމަކަށް ދަތުރުތައް ފެށުމުން އުފާކުރައްވާ ކަމަށެވެ.
"ގަލްފް އެއާ އިން ކޮންމެ ހަފުތާއަކު ފަސް ދަތުރު ބަހްރެއިން އާއި ރާއްޖެއާ ދެމެދު ކުރާނެ،" އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އެކްޓިން ހެޑް އޮފް އޮޕަރޭޝަންސް އިބްރާހިމް ހަނީފު ވިދާޅުވީ، މި އެއާލައިންގެ ދަތުރުތަކާ އެކު އެއާޕޯޓުން ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަވާނެ ކަމަށެވެ.
ގަލްފް އެއާގެ ބޯޓު ކައިރީގައި އެއާލައިންގެ އިސްވެރިންނާއި އެމްއޭސީއެލްގެ ޓީމް މަޑުކޮށްލައިގެން-- ފޮޓޯ: އެމްއޭސީއެލް
ގަލްފް އެއާ އިން ރާއްޖެ އަށް ދަތުރުކުރަނީ އެއާބަސް އޭ230 ނިއޯ މަރުކާގެ ބޯޓެކެވެ. މިއީ އެ ކުންފުނީގެ އެއާބަސް މަރުކާގެ ތިން ވަނަ ބޯޓެވެ. އެ ކުންފުނީގެ އަމާޒަކީ 2023 ވަނަ އަހަރު އަންނައިރު ދަތުރުތަކުގައި އެއާބަސްގެ 12 ބޯޓެއް ބޭނުންކުރުމެވެ. މި ބޯޓުގެ އެންމެ ހާއްސަ އެއް ކަމަކީ، ތިމާވެއްޓާ ރައްޓެހި ބޯޓަކަށްވުމެވެ. އެގޮތުން އާންމުކޮށް މަތިންދާބޯޓުތަކުން ތެޔޮ އަންދާ މިންވަރަށް ވުރެ، މި ބޯޓުން ތެޔޮ އަންދާ ނުވަތަ ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ކުޑަ އެވެ.
މިދިޔަ ޖޫން މަހުގެ 17-18 އަށް ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި، ބަހްރެއިން އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު އަބްދުއްރަހުމާން މުހައްމަދު އަލް ގައުދު ވިދާޅުވީ، ގަލްފްއެއާގެ ދަތުރުތައް ފެށުމުގެ އިތުރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ބަހްރެއިން ސަރުކާރާއި އެ ގައުމުގެ އަމިއްލަ ވިޔަފާރިވެރިން ވެސް ޝައުގުވެރިކަން އެބަހުރި ކަމަށެވެ.
ބަހްރެއިންގެ ވަލީއަހްދާ ޒަމީރު ބައްދަލުކުރައްވައިފި
ސައިބަ ސެކިއުރިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެ-ބަހުރެއިނާ ދެމެދު ހަތަރު އެއްބަސްވުމެއް
ރައީސް، މާދަމާ ބަހުރެއިނަށް ވަޑައިގަންނަވަނީ
ގަލްފް އެއާ ކޮންމެ ދުވަހަކު ރާއްޖެ އަށް
ގަލްފު އެއާގެ ދަތުރުތައް އަންނަ މަހު ފަށަނީ
ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
އެމްއޭސީއެލްއިން ރޯދައަށް އެއާޕޯޓް ސާފުކުރަނީ
އެފްކޮމް ކާގޯ އިން ރާއްޖެއަށް ކާގޯ ފްލައިޓްތައް އަޅަނީ
އެމްއޭސީއެލް އާއި އާރްއޭސީއެލް މިމަހު އެއްކޮށްލަނީ