Roadha Mihaaru
"ބަޣުދާދީ މަރުވީ ތިން ދަރިންނާ އެކު އަމިއްލަ އަށް"

ބަޣުދާދީ މަރުވީ ތިން ދަރިންނާ އެކު އަމިއްލަ އަށް: ޓްރަމްޕް

27 އޮކްޓޯބަރ 2019

ވޮޝިންޓަން (އޮކްޓޯބަރު 27) - އިސްލާމިކް ސްޓެޓޭ (އައިއެސް) ގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީ މަރުވީ ސީރިއާގެ އިދްލީބުގައި އެމެރިކާގެ ޚާއްސަ ސިފައިންގެ ހަމަލާތަކުން ފިލަން ވަން ކޮޅު ބެދިފައިވާ ހޮހަޅައިން ސަލާމަތް ވެވޭނެ ގޮތެއް ނެތުމުން އޭނާގެ ގައިގައި ހަރުކޮށްފައިވާ ވެސްޓް ގޮއްވާލައިގެން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އައިއެސްގެ ލީޑަރުގެ މަރު އިއުލާން ކުރެއްވުމަށް ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ ބަޣުދާދީ މަރުވީ އޭނާގެ ތިން ދަރިންނާ އެކު ކަމަށެވެ.

"ގޮވިލެއް ބާރުގަދަވުމުގެ ސަބަބުން އޭނާގެ ހަށިގަނޑު ވަނީ ކުދިކުދިވެފައި. އެކަމަކު އެތަނުގައި ވަގުތުން ޑީއެންއޭ ޓެސްޓްތައް ހަދާ އެއީ ބަޣުދާދީކަން ވަނީ ޔަގީންކޮށްފައި،" ޓްރަމްޕް ވިދާޅުވި އެވެ.

ވައިޓް ހައުސްގައި ޓްރަމްޕް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ވައިޓް ހައުސްގައި ޓްރަމްޕް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕް ވިދާޅުވީ ބަޣުދާދީ މަރާލަން ހިންގި އޮޕަރޭޝަނުގައި ރަޝިޔާ، ސީރިއާ، ތުރުކީ އަދި އިރާގުގެ އެހީތެރިކަން ލިބުނު ކަމަށެވެ.

ވައިޓް ހައުސްގެ ޑިޕްލޮމެޓިކް ރިސެޕްޝަން ރޫމްގައި ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ އެތައް ބަޔަކަށް ބިރުވެރިކަން ކުރިމަތި ކުރުވި ބަޣުދާދީގެ ފަހު ވަގުތު އޭނާ ދިޔައީ ބޮޑު ފިނޑިއެއްގެ ގޮތަށް ރޮމުން ހަޅޭލައްވަމުން ކަމަށެވެ.

"ދުނިޔޭގެ އެތައް ބަޔަކަށް ބިރުވެރިކަން ކުރިމަތި ކުރުވި ބަޣުދާދީގެ ފަހު ވަގުތު އޭނާ ދިޔައީ ބޮޑު ފިނޑިއެއްގެ ގޮތަށް ރޮމުން ހަޅޭލައްވަމުން" --ޓްރަމްޕް

"ބަޣުދާދީ މަރާލަން ހިންގި އޮޕަރޭޝަނުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ. އެކަމަކު ބަޣުދާދީއާ އެކު އައިއެސްގެ ގިނަ ބަޔަކު މަރުވި،" ޓްރަމްޕް ވިދާޅުވި އެވެ. "އައިއެސްގެ ބައެއް މީހުން ހައްޔަރު ކުރިއިރު މުހިންމު މައުލޫމާތުތަކެއް ވެސް ވަނީ ލިބިފައި."

ޓްރަމްޕް ވިދާޅުވީ ބަޣުދާދީގެ އިތުރު 11 ދަރިން ސަލާމަތްވި ކަމަށެވެ. އަދި އެ މީހުން މިހާރު ތިބީ "ތިން ވަނަ ފަރާތެއްގެ" ބެލުމުގެ ދަށުގައި ކަމަށް ވިދާޅުވި އެވެ.

ބަޣުދާދީ މަރާލަން އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ހިންގި އޮޕަރޭޝަން ރައީސް ޓްރަމްޕް (މ) އާއި ސީނިއާ އޮފިޝަލުން ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ބައްލަވަނީ. --ފޮޓޯ:އޭއެފްޕީ

ބަޣުދާދީ މަރާލަން އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ހިންގި އޮޕަރޭޝަން ރައީސް ޓްރަމްޕް (މ) އާއި ސީނިއާ އޮފިޝަލުން ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ބައްލަވަނީ. --ފޮޓޯ:އޭއެފްޕީ

ބަޣުދާދީ މަރާލަން އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ހިންގި އޮޕަރޭޝަން ރައީސް ޓްރަމްޕް އާއި އެމެރިކާގެ ސީނިއާ އޮފިޝަލުން ގެންދެވީ ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމުން ވަގުތުން ބައްލަވަމުންނެވެ.

ބަޣުދާދީގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ މިދިޔަ މެއި މަހު އެވެ. އެ ފަހަރު އޭނާ ދިން 18 މިނިޓުގެ ވީޑިއޯ އިންޓަވިއުގައި ވަނީ އެޕްރީލް މަހު ލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.

އިރާގު ސަރުކާރުގެ ރަސްމީ ލިޔުންތަކުގައިވާ ގޮތުން ބަޣުދާދީ ނުވަތަ އަސްލު ނަމުން ނަމަ އިބްރާހިމް އަވާދު އަލް ބަދްރީ އުފަންވެފައި ވަނީ 1971 ވަނަ އަހަރު ސަމައްރާގަ އެވެ. އެމެރިކާ އިން 2003 ވަނަ އަހަރު އިރާގަށް އެރުމުގެ ކުރިން ބަޣުދާދީ އަކީ މިސްކިތުގެ އިމާމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ބަޣުދާދީ އަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސޭންގެ ވެރިކަމުގެ ދުވަސްވަރު ޖިހާދީ ހަނގުރާމަވެރިއެކެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ހަރުކަށި ޚިޔާލުގެ މީހަކަށް ބަޣުދާދީ ބަދަލުވީ އިރާގުގެ ދެކުނުގައި އެމެރިކާގެ ޖަލެއްގައި ބަޣުދާދީ ގެންގުޅުނު ހަތަރު އަހަރު ދުވަހު އެވެ. އެ ތަނުގައި އަލްގައިދާގެ އެހެން ކޮމާންޑަރުން ވެސް ބަންދުކޮށްގެން ގެންގުޅުނެވެ. ބަޣުދާދީ ފަހުން ވަނީ އިރާގުގައި އައިއެސްގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އައިއެސް އަކީ އަލްގައިދާއާ ވަކިވެގެން 2010 ވަނަ އަހަރު އުފެއްދި ޖަމާއަތެކެވެ.

މޫސަލްގެ ނޫރީ މިސްކިތުގައި އައިއެސްގެ ޚިލާފަތު ޖޫން 2014 ގައި ބަޣުދާދީ އިއުލާން ކުރަނީ. --ފޮޓޯ:އޭއެފްޕީ

މޫސަލްގެ ނޫރީ މިސްކިތުގައި އައިއެސްގެ ޚިލާފަތު ޖޫން 2014 ގައި ބަޣުދާދީ އިއުލާން ކުރަނީ. --ފޮޓޯ:އޭއެފްޕީ

އައިއެސްގެ ޚިލާފަތު އިރާގުގެ މޫސަލްގެ ނޫރީ މިސްކިތުގައި ބަޣުދާދީ އިއުލާން ކުރީ ޖޫން، 2014 ގަ އެވެ.

ބަޣުދާދީގެ ފުރަތަމަ އަނބި މީހާ އަށް ހަތަރު ކުދިން ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. އިރާގުގެ އިންޓަލިޖެންސް ރިޕޯޓްތައް ބުނާ ގޮތުގައި އިސްލާމިކް ސްޓަޑީޒް އިން ބަޣުދާދީ ވަނީ ޕީއެޗްޑީ ނަގައިފަ އެވެ. އަދި ތިކްރީތު ޔުނިވާސިޓީގެ ޕްރޮފެސަރުކަން ވެސް ކޮށްފައިވެ އެވެ.

ބަޣުދާދީ އަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ކަނޑައެޅީ އޮކްޓޯބަރު 2011 ގަ އެވެ. ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 25 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.