Roadha Mihaaru
ބަޣުދާދީގެ ދައްތަ ސީރިއާ އިން ހައްޔަރުކޮށްފި

ބަޣުދާދީގެ ދައްތަ ސީރިއާ އިން ހައްޔަރުކޮށްފި

05 ނޮވެމްބަރ 2019

ހަލަބް ސިޓީ (ނޮވެމްބަރު 5) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ކުރީގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީގެ ދައްތަ ސީރިއާ އިން ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީގެ އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ހަލަބް ސިޓީ (ނޮވެމްބަރު 5) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ކުރީގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީގެ ދައްތަ ސީރިއާ އިން ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީގެ އޮފިޝަލުން ބުނެފި އެވެ.

އުމުރުން 65 އަހަރުގެ ރަސްމިޔާ އައްވާދު ނަމަކަށް ކިޔާ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ސީރިއާގެ އަޒާޒް ކިޔާ ޓައުނަކަށް އިއްޔެ ދިން ހަމަލާތަކެއްގަ އެވެ. ތުރުކީގެ އޮފިޝަލުން ބުނީ ބަޣުދާދީގެ ދައްތަ ހައްޔަރު ކުރުމުން އައިއެސްއާ ބެހޭ ވަރަށް ގިނަ ޖާސޫސީ މައުލޫމާތު ލިބޭނެ ކަމަށެވެ.

ތުރުކީގެ އެއް އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީ އަށް ބުނީ ބަޣުދާދީގެ އެންމެ ދޮށީ ދައްތަ ހައްޔަރު ކުރުމަކީ އައިއެސްގެ "އެންމެ އެތެރޭގެ މައުލޫމާތު" ހޯދަން ފަސޭހަވާނެ ކަމެއް ކަމަށެވެ.

ހައްޔަރު ކުރި ބަޣުދާދީގެ ދައްތައާ ބެހޭ ގޮތުން އެނގެނީ ވަރަށް މަދު މައުލޫމާތެކެވެ. ބަޣުދާދީގެ އާއިލާގައި ފަސް ފިރިހެނުން ތިބޭ އިރު ވަރަށް ގިނަ އަންހެން މެންބަރުން ތިބޭ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ. މީގެ ތެރޭން ދުނިޔޭގައި ތިބީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.

އައްވާދު ހައްޔަރު ކުރީ ތުރުކީން ކޮންޓްރޯލްކުރާ ސީރިއާގެ ހަލަބް ޕްރޮވިންސް އިންނެވެ. ހައްޔަރު ކުރި އައްވާދު ދިރިއުޅެމުން ދިޔައީ އޭނާގެ ފިރިމީހާ އާއި ފަސް ކުދިންނާ އެކު ކަމަށް ތުރުކީގެ އޮފިޝަލުން ބުނެ އެވެ. އަދި އައިއެސްއާ ގުޅޭ ގޮތުން އޭނާއާ ސުވާލު ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ބަޣުދާދީއާ އެކު އައްވާދު ހޭދަކޮށްފައި ވަނީ ކިހާ ދުވަހެއް ކަމެއް އަދި ނޭނގެ އެވެ.

ބަޣުދާދީ މަރުވިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ. ސީރިއާގެ އިދްލީބުގައި ބަޣުދާދީ ދިރިއުޅެމުން ދިޔަ ކަމްޕައުންޑަށް އެމެރިކާގެ ކޮމާންޑޯ އިން ދިން ހަމަލާއިން ސަލާމަތްވާން އޭނާ ގޮސް ވަނީ ބިންގަރާސް މަގަކަށެވެ. ނަމަވެސް ކޮޅު ބެދިފައިވާ އެ މަގުން ނުނިކުމެވޭނެކަން އެނގުމުން ބަޣުދާދީ ވަނީ އޭނާގެ ގައިގައި ހަރުކޮށްފައި ހުރި ގޮވާތަކެތި ގޮއްވާލައިގެން އަމިއްލަ އަށް މަރުވެފަ އެވެ. ބަޣުދާދީއާ އެކު އޭނާގެ ދެ ކުދިން ވެސް ވަނީ މަރުވެފަ އެވެ.

މަރުވީ ބަޣުދާދީކަން ޔަގީން ކުރުމަށް އެމެރިކާ އިން ވަނީ ޑީއެންއޭ ވެސް ހަދައިފަ އެވެ.

ބަޣުދާދީގެ މަރަށް ފަހު އައިއެސްގެ އާ ލީޑަރުގެ ގޮތުގައި ވަނީ އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީ ކިޔާ މީހަކު ހަމަޖައްސައިފަ އެވެ.