Roadha Mihaaru
އެޗްއައިވީ ސިއްރުކޮށް ދިވެއްސަކު ކައިވެނިތަކެއް ކޮށްފި

އެޗްއައިވީ ހުރިކަން ސިއްރުކޮށް ދިވެހި އަންހެނަކު ކައިވެނިތަކެއް ކޮށްފި

28 އޮކްޓޯބަރ 2019

އެޗްއައިވީ އަށް މީގެ އަހަރުތަކެއް ކުރިން ޕޮޒިޓިވްވި ދިވެހި އަންހެނަކު އެކަން ސިއްރުކޮށްގެން ހުރެ ކައިވެނިތަކެއް ކޮށްފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އެޗްއައިވީ އަށް މީގެ އަހަރުތަކެއް ކުރިން ޕޮޒިޓިވްވި ދިވެހި އަންހެނަކު އެކަން ސިއްރުކޮށްގެން ހުރެ ކައިވެނިތަކެއް ކޮށްފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މިހާރު އުމުރުން 40 އާ ގާތްކުރާ، މާލެ އަށް އުފަން މި މީހާ އަށް އެޗްއައިވީ ޖެހުނީ މީގެ ފަސް އަހަރު ކުރިން، ކައިވެނި ކޮށްގެން ހުއްޓަ އެވެ. ނަމަވެސް އޭނާ އޭގެ ފަހުން ވަރިކުރުމުން ކައިވެނިތަކެއް ކުރީ އޭނާ އަކީ އެޗްއައިވީ ޖެހިފައި ހުރި މީހެއްކަން ސިއްރުކޮށްގެން ހުރެ ކަމަށް، އޭނާ ދަންނަ މީހަކު ކިޔައިދިނެވެ. އަދި އަންހެން މީހާ ކައިވެނިކުރަން އުޅުނު މީހަކަށް، އަންހެން މީހާގެ ހަގީގަތް އެނގުމުން، އެންމެ ފަހު ވަގުތު ކައިވެނި ކެންސަލް ކުރިކަން ވެސް އެނގިފައިވެ އެވެ.

އެޗްއައިވީ ޖެހިފައި ހުރެގެން ކައިވެނިކުރި މީހާގެ މައުލޫމާތު "މިހާރު" އަށް ވަނީ ކަށަވަރުކުރެވިފަ އެވެ. ނަމަވެސް އެޗްއައިވީ އަށް ޕޮޒިޓިވްވާ މީހުންގެ މައުލޫމާތު ހާމަކުރުމަކީ އޮންނަ އުސޫލަކަށް ނުވާތީ ސިއްރުކުރީ އެވެ. މި ބަލީގެ މީހުންގެ އައިޑެންޓިޓީ ހާމަވާނެ އެއްވެސް މައުލޫމާތެއް ރަސްމީ އިދާރާތަކުން ވެސް ހާމައެއް ނުކުރާނެ އެވެ.

އެޗްއައިވީ ޖެހިފައިވާ އެހެން މީހުންނަށް ރާއްޖޭގައި ފަރުވާ ދޭ އުސޫލުގެ ތެރެއިން މި އަންހެން މީހާ އަށް ފަރުވާ ދެމުން އައިސްފައިވެ އެވެ. ނަމަވެސް ފަރުވާގެ ކަންތައް މިހާރު ކުރިއަށްދާ ގޮތެއް ކަށަވަރުވާ ގޮތެއް ނުވި އެވެ. އަދި އަންހެން މީހާގެ ކުރީގެ ފިރިމީހާގެ ހާލަތެއް ނޭނގެ އެވެ. އެކަމަކު ފިރިހެން މީހާ ވެސް ކައިވެނިތަކެއް ކޮށްފައިވާކަން ވަނީ އެނގިފަ އެވެ.

ރާއްޖޭގައި އެޗްއައިވީ އަށް ޕޮޒިޓިވް ވެގެން ފާއިތުވި 36 އަހަރުގެ ތެރޭގައި ރިޕޯޓުކޮށްފައިވަނީ 25 މީހުންނެވެ. އޭގެ ތެރެއިން 12 މީހަކު ވަނީ މަރުވެފަ އެވެ.

އެއިޑްސް ބައްޔަށް ބޭސް ބޭނުން ކުރުމުން، އެޗްއައިވީން އެއިޑްސް އަށް ބަދަލުވުމަށް ނަގާ މުއްދަތު އިތުރުވެ، އާދައިގެ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބެ އެވެ. އެޗްއައިވީ ފެތުރުމުގެ ސަބަބުތައް ރާއްޖޭގައި ގިނަ ކަމަށާއި މަޑުމަޑުން މި ބަލި ރާއްޖޭގައި އިތުރުވާކަން ފާހަގަވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިދިޔަ އަހަރު ބުނެފައިވެ އެވެ.