Roadha Mihaaru
ތަހުގީގަށް ހާޒިރުވާން އަޒްރާ ދެކޮޅު ހަދައިފި

ތަހުގީގަށް ހާޒިރުވާން އަޒްރާ ދެކޮޅު ހަދައިފި

02 ނޮވެމްބަރ 2019

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައިގައި ހިންގާ ތަހުގީގަށް ހާޒިރުނުވެވޭނެ ކަމަށް ރިޕޯޓް ލިޔުމުގައި ބައިވެރިވި އަޒްރާ ނަސީމް ފުލުހުންނަށް އަންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައިގައި ހިންގާ ތަހުގީގަށް ހާޒިރުނުވެވޭނެ ކަމަށް ރިޕޯޓް ލިޔުމުގައި ބައިވެރިވި އަޒްރާ ނަސީމް ފުލުހުންނަށް އަންގައިފި އެވެ.

ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގައި އިސްކޮށް އުޅުއްވި ޝަހިންދާ އިސްމާއީލާއި އަޒްރާ، ފުލުސް އޮފީހަށް ހާޒިރުވާން އޮތީ ދެ ހަފުތާގެ މުއްދަތެއް ދީފަ އެވެ. އެ މުއްދަތު މި ހަފުތާގައި ހަމަވާނެ އެވެ.

ފުލުހުން އެންމެ ފުރަތަމަ މީޑީއާ އަށް ދިން މައުލޫމާތުގައި ބުނީ ޝަހިންދާ އާއި އަޒްރާ ވެސް ހާޒިރުވާން ދެކޮޅު ހަދާފައިވާ ކަމަށެވެ. ނަމަވެސް ފަހުން ބުނީ އެގޮތަށް އެންގީ އަޒްރާ އެކަނި ކަމަށެވެ.

މި މުއްދަތުގެ ކުރިން އަޒްރާ ވަނީ ފުލުސް އޮފީހަށް ޖަވާބު ފޮނުވައިފަ އެވެ. އޭގައި، ތަހުގީގަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައި އޮތް ނަމަވެސް ހާޒިރުވާން ވަނީ ދެކޮޅު ހަދައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ތަހުގީގަށް ހާޒިރުވާން އުޒުރުވެރިވަނީ، ރައްކާތެރި މާހައުލެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތުމުން، ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް އަޒްރާ އަންގާފައިވާ ކަމަށެވެ. ނަމަވެސް ޝަހިންދާ އަދި ވަކި ޖަވާބެއް ނުދެއްވަ އެވެ.

މި މީހުންގެ އިތުރުން ވެސް އެ ރިޕޯޓް ލިއުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެކަމަކު ރިޕޯޓް ލިއުމުގައި ބައިވެރިވީ އެއްވެސް މީހަކު ރާއްޖެއަކު މިހާރު ނެތެވެ.

އެމްޑީއެން ރިޕޯޓާ ގުޅިގެން ހިންގާ ތަހުގީގުގައި ފުލުހުން ވަނީ އިލްމުވެރިންތަކެއް ލައްވައި އެ ރިޕޯޓް ދިރާސާކޮށްފަ އެވެ. އެ ދިރާސާގައި، އިސްލާމްދީނަށް ތައުހީނުކޮށްފައިވާ ކަމަށް އިލްމުވެރިން ވިދާޅުވުމުން، އެކަން ޖަމިއްޔާތަކުގެ މަސްއޫލުވެރިފަރާތް ކަމަށްވާ، ޔޫތު މިނިސްޓްރީ އަށް ފުލުހުން ވަނީ އަންގައިފަ އެވެ.

ޖަމިއްޔާތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ކޯޓުގެ އަމުރަކުން ޖަމިއްޔާތައް އުވާލެވެ އެވެ. އަދި ކޯޓުގެ އަމުރަކާ ނުލައި ވެސް ޖަމިއްޔާ އުވާލުމުގެ އިޚްތިޔާރު ރަޖިސްޓްރާ އަށް ލިބިގެންވެ އެވެ.

އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ. މީގެ އިތުރުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.

ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހާފައިވާ އިރު ރިޕޯޓް ލިއުނު މީހުންނާ މެދު ފިޔަވަޅު އެޅުން ލަސްވާ މައްސަލައިގައި ދީނީ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖަމިއްޔާ އުވާލަން އެދި އަމިއްލަ ފަރާތަކުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.