Roadha Mihaaru
ޝަހިންދާ މަރަން ގޮވާލި މައްސަލައިގެ ތަހުގީގު ފަށައިފި

ޝަހިންދާ މަރަން ގޮވާލި މައްސަލައިގައި ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވަން ފަށައިފި

22 އޮކްޓޯބަރ 2019

ރ. އަނގޮޅިތީމުގައި ކުރި މުޒާހަރާއެއްގައި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެމް) ގެ ފައުންޑަރު ޝަހިންދާ އިސްމާއިލް މަރާލަން ގޮވި މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން ބައެއް މީހުންނަށް ޗިޓް ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. އަނގޮޅިތީމުގައި ކުރި މުޒާހަރާއެއްގައި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެމް) ގެ ފައުންޑަރު ޝަހިންދާ އިސްމާއިލް މަރާލަން ގޮވި މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން ބައެއް މީހުންނަށް ޗިޓް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރައިގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަން ތަހުގީގުކުރަން ބަޔަކަށް ޗިޓް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންބައެއް ކަމެއް އަދި ކިހާ މީހުންނެއް ކަމެއް ވިދާޅެއް ނުވެ އެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލަން ވެސް ދަނީ ގޮވާލަމުންނެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައި ވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ.

އެމްޑީއެންގެ ރިޕޯޓު ތަހުގީގުކުރާއިރު، ފުލުހުން މިހާރު އަންނަނީ އެކަމާ ގުޅޭ އިލްމީ ދިރާސާ ރިޕޯޓެއް ވެސް ހަދަމުންނެވެ. ދިރާސާ ރިޕޯޓު ނިމުމުން އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އިދާރީ ގޮތުން ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެމްޑީއެންގެ އިސްވެރިން ވެސް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވަން ފަށައިފަ އެވެ.