Roadha Mihaaru
މުއިއްޒުގެ މައްސަލަ ތަހުގީގުކުރަން ފޮނުވަން ހުށަހެޅުމެއް

މުއިއްޒުގެ މައްސަލަ އޭސީސީ އާއި ޕޮލިހަށް ފޮނުވަން ކޮމިޓީ އަށް ހުށަހަޅައިފި

04 ނޮވެމްބަރ 2019

ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑިއާ އެކު ވީ އެއްބަސްވުން އުވާލައި ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލައިގައި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ކުރެވޭ ތުހުމަތުތަކާއި މާލިއްޔަތު ކޮމިޓީގައި އޭނާ މިއަދު ދެއްކެވި ވާހަކަތައް ދިރާސާކޮށް، ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކަށް ފޮނުވަން އެ ކޮމިޓީއަށް މިއަދު ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑިއާ އެކު ވީ އެއްބަސްވުން އުވާލައި ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލައިގައި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ކުރެވޭ ތުހުމަތުތަކާއި މާލިއްޔަތު ކޮމިޓީގައި އޭނާ މިއަދު ދެއްކެވި ވާހަކަތައް ދިރާސާކޮށް، ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކަށް ފޮނުވަން އެ ކޮމިޓީއަށް މިއަދު ހުށަހަޅައިފި އެވެ.

ނޫމަޑި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މުއިއްޒު ހާޒިރުކޮށް މެމްބަރުން ގިނަ ސުވާލުތަކެއް ކުރެއްވި އެވެ. މި ސުވާލުތަކަށް މުއިއްޒު ދެއްވި ޖަވާބުތަކާ ގުޅިގެންނާއި ކުރެވޭ ތުހުމަތުތަކާ ގުޅިގެން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ދާންދޫ ދާއިރާގެ މެމްބަރު ވަނީ ހުށަހެޅުންތަކެއް ހުށަހަޅުއްވައިފަ އެވެ.

ވަޒީރެއްގެ ހައިސިއްޔަތުން މުއިއްޒަށް ލިބިވަޑައިގަތް މައުލޫމާތު އަމިއްލަ މަންފާ ލިބޭ ގޮތަށް ބޭނުން ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރައްވައި އިލްޔާސް ކޮމިޓީ އަށް ހުށަހެޅުއްވީ މައްސަލަ ބަލައި އަޅަން ޖެހޭ ފޔަވަޅެއް ނުވަަތަ އަންގަން ޖެހޭ ފަރާތަކަށް އެންގުމަށެވެ.

މި ހުށަހެޅުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވެސް ހުށަހެޅުއްވި އެވެ.

އޭނާ ހުށަހެޅުއްވީ ނޫމަޑި މައްސަލައިގައި މުއިއްޒު މަގާމުގެ ނުފޫޒު ބޭނުން ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޭސީސީ އަށް ހުށަހެޅުމަށާއި ކޮމިޓީގައި ދޮގު ހެއްދެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކޮމިޓީން ބަލައި ޕޮލިހަށް ހުށަހެޅުމަށެވެ. ކޮމިޓީގައި ކޯރަމް ގެއްލިފައި އޮތުމުން، ރިޔާސަތުން ކޮމިޓީ ނިންމާލީ މި ހުށަހެޅުންތަކަށް ވޯޓަކަށް ނާހަ އެވެ. ހުށަހެޅި ކަންކަން ދެން އޮންނަ ބައްދަލުވުމެއްގައި ކުރިއަށް ގެންދަވާނެ ކަން މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިޒް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ނޫމަޑި އަށް ދައުލަތުން 50 މިލިއަން ޑޮލަރުގެ ބަދަލު ދިނީ ރަނގަޅަށް ނުބަލަ އެވެ. ނޫމަޑި އަށް ދައުލަތުން އެހާ ބޮޑު ބަދަލެއް ދޭން ނުޖެހެނެ ކަމަށާއި އެކަން ކޮށްފައި ވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ހޯދައި ދޭން ކަމުގެ ތުހުމަތު މުއިއްޒު ކުރެއްވި އެވެ.

ދިފާއުގައި މުއިއްޒު ގިނަ ވާހަކަތަކެއް ދެއްކެވި ފަހުން، މުއިއްޒަށް ޖަވާބު ނުދެއްވުނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކަށެވެ. އެނާ އެއްސެވީ މުއިއްޒުގެ ފަރާތުން ބަޔާން އާބިޓްރޭޝަނަށް ހުށަހެޅުއްވީ ކޮންބޭފުޅެއްތޯ އެވެ.

އެ ސުވާލުގެ ޖަވާބު ކުރިން ދެއްވާފައިވާނެ ކަމަށް ވިދާޅުވެ އިތުރަށް އެއްޗެއް ވިދާޅުވާން މުއިއްޒު ދެކޮޅު ހެއްދެވި އެވެ.

އިލްޔާސް ދެން ހަނދާންކޮށްދެއްވީ ގާނޫނުއަސާސީގެ 99 ވަނަ މާއްދާ އެވެ. އެ މާއްދާގައި އޮންނަނީ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީ އަކަށް ހާޒިރުކުރާ މީހުން ތެދުބަހުން ހެކިބަސް ދިނުމަށާއި ބޭނުންވާ މައުލޫމާތުތައް އެ މީހަކަށް އެނގި ހުރި އެންމެ ރަނގަޅަކަށް ޖަވާބު ދޭން ޖެހޭނެ ކަމަށެވެ.

ސުވާލު ތަކުރާރު ކުރެއްވުމުން މުއިއްޒު ވިދާޅުވީ ބަޔާން އާބިޓްރޭޝަނަށް ގެންދިޔަ މީހަކު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެ މީހަކު އެނގިވަޑައިނުގަންނަވާ އިރު ކުރިން ހުށަހެޅުއްވި ބަޔާން ބަދަލު ކުރެއްވި ކަމަށް މުއިއްޒު ކޮމިޓީގައި ކުރިން ވިދާޅުވީ ކީއްވެގެންތޯ އިލްޔާސް އެއްސެވުމުން މުއިއްޒު ވިދާޅުވީ "އަޅުގަނޑު އެގޮތަށް ރިކުއެސްޓް ކުރީ" ކަމަށެވެ. އެއީ، ކޮން ފަރާތަކަށްތޯ އިލްޔާސް އެއްސެވުމުން މުއިއްޒު ވިދާޅުވީ އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން މަސައްކަތް ކުރި ފަރާތަކަށް ކަމަށެވެ.

އެއީ ކޮން ބޭފުޅެއްތޯ އާއި ކިހިނެއް ދިމާވި މީހެއްތޯ އިލްޔާސް ލަބީބް އެއްސެވި އެވެ. ފުރަތަމަ ހުށަހެޅުއްވި ބަޔާން ފަހުން ބަދަލުކުރެއްވި އިރު ވެސް އެއީ ކޮންބައެއްތޯ ބަޔާން ހުށަހަޅަނީ ކޮން ތަނަކަށްތޯ އެނގިވަޑައިނުގަންނަވަނީތޯ އިލްޔާސް ތަކުރާރު ކުރެއްވި އެވެ.

ޖަވާބުގައި މުއިއްޒު ވިދާޅުވީ "އާދެ، އަޅުގަނޑަކަށް ނޭނގެ" ކަމަށެވެ. ނަމެއް ވެސް ވިދާޅެއް ނުވި އެވެ.