Roadha Mihaaru
އުއްތަމަ ފަނޑިޔާރުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަނީ

އެސްޖީ އަށް ހުރަސް އެޅުއްވި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ އިިތުރު މައްސަލައެއް ބަލަނީ

05 ނޮވެމްބަރ 2019

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް މަސައްކަތަށް ހުރަސް އެޅުއްވި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް މަސައްކަތަށް ހުރަސް އެޅުއްވި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށުމާ އެކު އެކަމާ ދެކޮޅަށް އެމަނިކުފާނު ބަޔާން ނެރުއްވުމުން އެ މައްސަލަ ވެސް ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން އޮތީ ބަލަން ނިންމައިފަ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރެފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލު ނުކުރަން ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލަށް އަންގަވައި، އޭނާގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ އިތުރުން ޑީޖޭއޭއާ އެއްވެސް މުއާމަލާތެއް ކޮށްފި ނަމަ ސެކެޓްރީ ޖެނެރަލް ވަކި ކުރާނެ ކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު ދެއްވާފައިވާތީ އެ މައްސަލާގައި އެ މަނިކުފާނުގެ ސުލޫކީ މައްސަލަ ބެލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ނިންމީ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިދާރީ ހިންގުމުގެ ނިޒާމު ޕެރަލައިޒް ކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، އެމަނިކުފާނު އިއްޔެ ބަޔާނެއް ނެރުއްވާފައި ވަނިކޮށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.