Roadha Mihaaru
ވަކި ވަގުތަކު ފިޔަވަޅު ނޭޅޭނެކަމަށް ނުދެކޭތި: ހިސާން

ވަކި ވަގުތަކު ފަނޑިޔާރުންނަށް ފިޔަވަޅު ނޭޅޭނެ ކަމަށް ނުދެކޭތި: ހިސާން

07 ނޮވެމްބަރ 2019

ވަކި ވަގުތެއްގައި ފަނޑިޔާރަކާ ގުޅޭ މައްސަލައެއް ކުރިމަތިވުމަކީ ފިޔަވަޅު ނޭޅޭނެ ސަބަބެއް ކަމަށް ދެކެވަޑައިނުގަތުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ފަނޑިޔާރުންނަށް ގޮވާލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވަކި ވަގުތެއްގައި ފަނޑިޔާރަކާ ގުޅޭ މައްސަލައެއް ކުރިމަތިވުމަކީ ފިޔަވަޅު ނޭޅޭނެ ސަބަބެއް ކަމަށް ދެކެވަޑައިނުގަތުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ފަނޑިޔާރުންނަށް ގޮވާލައްވައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އަލަށް އައްޔަން ކުރި ހާތިފް ހިލްމީ އާއި ހުސައިން މަޒީދު ހުވާކުރެއްވުމަށް ޖޭއެސްސީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ހިސާން ވިދާޅުވީ އެންމެންނަކީ ވެސް މަސްއޫލިއްޔަތުތަކާ ޒިންމާތަކާ މެދު ޖަވާބުދާރީވާން ޖެހޭނެ ބައެއް ކަމަށާއި ޖަވާބުދާރީ ކުރުވޭނެ ބައެއް ކަމަށެވެ. އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ހިނދުކޮޅަކަށް ވެސް އަޅުގަނޑުމެން ހަނދާންނެތިގެން ގޮސްގެން ނުވާނެ އަޅުގަނޑުމެންނަކީ ޖަވާބުދާރީވާން ޖެހޭ އަދި ޖަވާބުދާރީ ކުރުވޭނެ ބައެއްކަން. އަދި ވަކި މަގާމެއްގައި ހުރުން އަދި ވަކި ވަގުތެއްގައި މައްސަލައެއް ކުރިމަތިވުން އެއީ މީހަކާ މެދު އަޅަން ޖެހޭ ފިޔަވަޅެއް ނޭޅޭނޭ ނުވަތަ ޖަވާބުދާރީ ނުކުރެވޭނޭ ސަބަބެއް ކަމަށް އެއްވެސް ބޭފުޅަކު ދެކިގެން ނުވާނެ،" ހިސާން ވިދާޅުވި އެވެ.

ހައި ކޯޓު ފަނޑިޔާރު ކަމަށް އައްޔަންކުރި ހާތިފް ހިލްމީ އާއި ހުސައިން މަޒީދު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ހިސާން މި ވާހަކަ ދެއްކެވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ހުކުމް ކުރައްވަން އޮތް ދުވަހު ސަސްޕެންޑްކުރުމުން އޮތީ ފާޑުކިޔުން އަމާޒުވެފަ އެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަަލަން ޖޭއެސްސީން އުޅުމުން އެމަނިކުފާނު ވަނީ އެކޮމިޝަނަށް އެއްބާރުލުން ނުދެއްވައިފަ އެވެ. އޭގެ ބަދަލުގައި ޖޭއެސްސީއަށް ރައްދު ދެއްވައި ބަޔާން ވެސް ނެރުއްވި އެވެ. އެހެން ނަމަވެސް ޖޭއެސްސީން އެމަނިކުފާނުގެ މައްސަލައެއް ބަލައި، އެ އެމައްސަލަ ނިމުނު ގޮތުގެ ރިޕޯޓެއް ސުޕްރީމް ކޯޓަށް މިއަދު ފޮނުވި އެވެ. އެކަމަކު ސުޕްރީމްކޯޓުން ވަނީ އެ ރިޕޯޓް ބަލައި ނުގެން އަނބުރާ ފޮނުވާލާފަ އެވެ.