Roadha Mihaaru
ސްކޫލް ގައިޑް: މީހާ މީހަކަށް ހަދައިދެނީ ކަސްރަތު

ސްކޫލް ގައިޑް: މީހާ މީހަކަށް ހަދައިދެނީ ކަސްރަތު

03 ޑިސެމްބަރ 2019

ސުރުޚީގައި ވަނީ 2017 ގައި އެލެކްސެންޑަ ޑަބްލިޔު. ކަޕެލަން ހަދައިފައިވާ ދިރާސާއަކަށް ފަހު ބުނެފައިވާ ބުނުމެކެވެ. އޭނާ ބުނާ ގޮތުގައި އިންސާނާ އިންސާނަކަށް ހަދައިދެނީ ކަސްރަތެވެ. އޭނާގެ ދިރާސާގައި ބުނާ ގޮތުގައި އިންސާނާއާ އެހެން މަޚުލޫޤުންނާ ހުރި ތަފާތަކީ ވިސްނުމުގެ ކުޅަދާނަކަމާއި އަތްފައި، ލޯ، ކަންފަތާއި ސިކުނޑީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ބާރު ދެއްވާފައިވުމެވެ. ވީއިރު އެ ގުނަންތައް ބަރާބަރަށް ހަރަކާތްކޮށް ގުނަންތަކުގެ ވާޖިބު އަދާ ނުކުރެވޭކަމުގައިވާ ނަމަ އިންސާނާ އުނިވާނެ އެވެ. މި ކަންކަމުން ސަލާމަތްވެވެން އޮތީ ކަސްރަތުކޮށްގެންނެވެ.

ސުރުޚީގައި ވަނީ 2017 ގައި އެލެކްސެންޑަ ޑަބްލިޔު. ކަޕެލަން ހަދައިފައިވާ ދިރާސާއަކަށް ފަހު ބުނެފައިވާ ބުނުމެކެވެ. އޭނާ ބުނާ ގޮތުގައި އިންސާނާ އިންސާނަކަށް ހަދައިދެނީ ކަސްރަތެވެ. އޭނާގެ ދިރާސާގައި ބުނާ ގޮތުގައި އިންސާނާއާ އެހެން މަޚުލޫޤުންނާ ހުރި ތަފާތަކީ ވިސްނުމުގެ ކުޅަދާނަކަމާއި އަތްފައި، ލޯ، ކަންފަތާއި ސިކުނޑީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ބާރު ދެއްވާފައިވުމެވެ. ވީއިރު އެ ގުނަންތައް ބަރާބަރަށް ހަރަކާތްކޮށް ގުނަންތަކުގެ ވާޖިބު އަދާ ނުކުރެވޭކަމުގައިވާ ނަމަ އިންސާނާ އުނިވާނެ އެވެ. މި ކަންކަމުން ސަލާމަތްވެވެން އޮތީ ކަސްރަތުކޮށްގެންނެވެ.

ކޮންމެ ދުވަހަކު ވެސް ކަސްރަތުކޮށް އުޅޭ ކުދިންގެ މެދުގައި ކުރި ތަހުލީލުތަކުން، އެ ދަރިވަރުންގެ ދިފާއީ ނިޒާމު ވަރުގަދަކަން އެނގެ އެވެ. ލޮލުގެ ފެނުމުގެ ކުޅަދާނަކަން އެނގެ އެވެ. ބުއްދި މޮޅެވެ. ހޭލުންތެރިކަން އަވަހަށް ލިބިގަނެ އެވެ. ވީމާ މިއީ އަޅުގަނޑުމެންގެ ދަރިވަރުންގެ ކުރިމަގަށްޓަކައި ވިސްނައިލުން މުހިންމުކަމެކެވެ.

"ދުވަހުގެ ކަސްރަތުގައި އޮތް ފައިދާ އާއި ބޭނުންތެރިކަން"، މިއީ އަރަބް އެމިރޭޓްސްގެ އަލްޚައިމާ މެޑިކަލް އެންޑް ހެލްތު ސައިންސް ޔުނިވަސިޓީގެ މުޙައްމަދު ޢަބްދުލް އެލްމާޑް، 2016 ގައި ކުރި ދިރާސާއެކެވެ. އޭގައި ބުނެފައިވާ ގޮތުގައި ކިޔަވާ ކުދިންނަށް ކޮންމެހެން ވެސް ކަސްރަތު މުހިންމެވެ. ކޮންމެ ދުވަހަކު ވެސް ކަސްރަތުކުރަން ޖެހެ އެވެ.

އެ ދިރާސާގައި ވާ ގޮތުން ކަސްރަތަކީ ކުދިންގެ ސިކުނޑީގައި ހިމެނޭ މަޢުލޫމާތު ރައްކާކުރާ ނިޒާމު އަވަސްކޮށްދީ ހަރަކާތް މޮޅުކުރުވާ ކަމެކެވެ. އަދި ލޭ ދައުރުކުރާ ނާރުތައް ތާޒާކޮށްދީ ވިސްނުމުގެ ބާރު ގަދަކޮށްދެ އެވެ. މި އަންނަ ބަދަލުތަކާ ގުޅިގެން ދަރިވަރުންގެ ހޯދުންތަކަށް މަގުފަހިވެ އެވެ. މޮޅުވެ އެވެ. ބުއްދި ހެޔޮ ބުނުންތަކަށް ފުރުސަތު ލިބެ އެވެ. ކިޔަވާ އެއްޗެއްގެ ނަތީޖާ މޮޅުވެ އެވެ. ކުރާ ކަމެއް އޭގެ ގޮތުގައި ތަރައްޤީކުރެ އެވެ.

ކޯޗާ ކޮލެޖްގެ ދަރިވަރު، މާގަން އެމް. ބެލެރިން 2016 ގައި ކުރި ތަހުލީލަށް ފަހު ބުނެފައިވަނީ އަތްފައިގެ ކަސްރަތަކީ ކުޑަކުދިންގެ ހިތް އަލިވެ ތޫނުފިލިކަން ލިބިގެންދާ ކަމެއް ކަމަށެވެ. އަދި ސިކުނޑީގެ ސެލްތައް އޭގެ ފުރިހަމަ ގޮތުގައި މަސައްކަތްކުރާނެ އެވެ. މި ދިރާސާގައި ޒަމާނީ އިލްމުވެރިންނާ ޙަވާލާދީ ބުނެފައިވާ ގޮތުގައި ކުދިންގެ ކެރުންތެރިކަމާއި އިސްނެގުން ބިނާވަނީ ކުޅިވަރުގެ ތެރެއިން ލިބޭ ކަސްރަތުންނެވެ. އެކުވެރި ކުދިންނާ އެކު އުޅެން ލިބެނީ ވެސް މި ކުޅިވަރުގެ މާޙައުލުންނެވެ. ހެޔޮލަފާ ކުދިން ވަކިކުރަނީ ވެސް މިފަދަ ކަސްރަތުގެ މާހައުލުގައި ކުރެވޭ ތަޖުރިބާތަކުންނެވެ.

އަޅުގަނޑުމެން ހަމަ ބުއްދިން ވިސްނައިފި ނަމަ އެނގޭނެ ކަމަކީ ކުޅިވަރުގެ މާހައުލުން އުސޫލުތަކެއް ދަސްކޮށްދީ ބައިވެރިވުމާއި ގުޅުން އުފައްދައިދޭކަމެވެ. އަދި ކަސްރަތު ލިބޭ ކުޅިވަރުތަކުގައި އުޅޭ ދަރިވަރުން ސްކޫލު މާއްދާތަކަށް، ޚާއްސަކޮށް ފިކުރުކުރަން ޖެހޭ ސައިންސާއި ހިސާބާއި ޢިލްމީ ވިސްނުންތަކަށް ކުޅަދާނަކަމެވެ. ވިސްނުން ހެޔޮކަމެވެ. އެހެންވީމާ ދަރިވަރުން މޮޅުވެ ހެދި ފޯދުމަށް ކަސްރަތު މުހިންމެވެ.

އެހެން އިލްމުވެރިއެއް ކަމަށްވާ ޑރ. ސެލީ ހެރިސް ބުނަނީ ޅަ އުމުރުގައި ކުޅިވަރުކުޅުމާއި ކަސްރަތުކުރުމާއި އެކަމަށް ބާރު ލިބޭ ކުޅިވަރުތަކުން ކުދިންގެ ވިސްނުން، ޤާބިލްކަން، ދުޅެހެޔޮކަން، އަދި ކަންކަން ރާވައިހިންގުމުގެ ކުޅަދާނަކަން ލިބޭ ކަމަށެވެ.

މި ހުރިހާ ދިރާސާތަކަށް ބަލާއިރު ދެންނެވެން އޮތީ ކަޕެލަން ބުނި ފަދައިން މީހާ މީހަކަށް ހަދައިދިނުމަށް ކަސްރަތުގެ ދައުރު ވަރުގަދަ ކަމެވެ.

އެޑިޓަރުގެ ނޯޓު:

ރައްޒާގަކީ، ފިޒިކަލް އެޑިޔުކޭޝަންގެ ދާއިރާ އިން އޮސްޓްރޭލިޔާގައި ފުރަތަމަ ޑިގްރީ އަދި ސްޕޯޓްސް މެނޭޖިންގެ ދާއިރާ އިން ފްރާންސުން މާސްޓާޒް ހައްދަވާފައިވާ ތަޖުރިބާކާރެކެވެ. ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ޓީޗަރުންނަށް ފިޒިކަލް އެޑިޔުކޭޝަންގެ ބައި ނަންގަވައިދެއްވި އެވެ. މިހާރު ވެސް އޭނާ ގެންދަވަނީ ކަސްރަތުގެ ތެރެއިން އާންމުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.