Roadha Mihaaru
ހަފުތާއަކު 150 މިނެޓް ކަސްރަތުކުރާތި: ޑަބްލިޔުއެޗްއޯ

ހަފުތާއަކު މަދުވެގެން 150 މިނެޓް ކަސްރަތުކުރާތި: ޑަބްލިޔުއެޗްއޯ

04 ޖެނުއަރީ 2021

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޮޑެތި މީހުންނަށް ހަފުތާއަކު މަދުވެގެން 150 މިނިޓްގެ ކަސްރަތު ބޭނުންވާ ކަމަށާއި އެގޮތަށް އަމަލުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އިރުޝާދު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޮޑެތި މީހުންނަށް ހަފުތާއަކު މަދުވެގެން 150 މިނިޓްގެ ކަސްރަތު ބޭނުންވާ ކަމަށާއި އެގޮތަށް އަމަލުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އިރުޝާދު ދީފި އެވެ.

މިދިޔަ އަހަރު ލައިގަތް ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު އިންސާނުންގެ ދިިރިއުޅުމަށް ކުރިމަތިވި ހުރަސްތަކާއި އެކަމުގެ ސަބަބުން އާންމުންގެ ސިއްހަތަށް ދިމާވާން ފެށި ކަންކަމަށް ބަލައި ޑަބްލިއުއެޗްއޯ އިން އަލަށް ނެރުނު ފިޒިކަލް އެކްޓިވިޓީ ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި މަދުވެގެން ހަފުތާ އަކު 150 މިނެޓް ނުވަތަ 2.5 ގަޑިއިރުގެ ކަސްރަތު މުހިންމެވެ. އޭގެ ތެރޭގައި ލުއިކޮށް ކުރެވޭ ކަސްރަތާއި ތަންކޮޅެއް އިންޓެންސް ކަސްރަތު ވެސް ހިމެނިދާނެ ކަމަށް ބުނެފައިވެ އެވެ.

އުމުރުން 18-64 އަހަރާ ދެމެދުގެ މީހުން ކަސްރަތަށް އިތުރަށް ސަމާލުވާން ޖެހޭ ކަމަށާއި، ކޮންމެ ހަފުތާ އަކު 150-300 މިނިޓްގެ މޮޑެރޭޓް އަދި 75-150 މިނިޓްގެ ވިގަރަސް ކަސްރަތު މުހިއްމުވާ ކަމަށް ބުންޏެވެ. އަދި ހަމަ އެގޮތަށް 65 އިން މަތީގެ މީހުންނަށް ވެސް ކަސްރަތު ބޭނުންވާ ކަމަށް ބުންޏެވެ.

މިކަމަށް އިރުޝާދު ދީފައި މި ވަނީ ބޮޑެތި ބަލިތައް ތަހަމައްލުކުރާ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ވެސް އިސްތިސްނާ ނުވާ ގޮތަށެވެ. އެގޮތުން ގަވައިދުން ކަސްރަތުކުރާ ނަމަ ކުއްލި މަރުން ދުރުކޮށްދިނުމާއި ހިތުގެ ބަލިތަކާއި ކެންސަރާއި ލޭމައްޗަށް ދިއުމާއި ޓައިޕް2 ޑައިބިޓީޒް ފަދަ ބަލިތަކުން ރައްކާތެރިކޮށްދޭން ބާރު އަޅާ ކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވެ އެވެ.

ކަސްރަތަށް ސަމާލުކަންދީ ހަފުތާއަކަށް ކަސްރަތު ބޭނުންވާ މިންވަރު ޑަބްލިއުއެޗްއޯ އިން އާ ގައިޑްލައިންގައި ހިމަނާފައި ވަނީ ފަލަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވާ ކަމަށް ދާދި ފަހުން ހަދާފައިވާ ދިރާސާތަކަކުން ވެސް ދައްކާފައި ވަނިކޮށެވެ.

"އެހެންވީމާ ކޮންމެ މީހަކަށް ވެސް ވަރަށް މުހިއްމު ހަރަކާތްތެރި ލައިފްސްޓައިލެއް. ދިރިއުޅުން ބައްޓަންކުރަންވާނީ ހެލިފެލިވެ އުޅެވޭ ގޮތަށް. މިކަމުގެ ސަބަބުން ދިގު މުއްދަތަކަށް އޭގެ ފައިދާކުރާނެ،" ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު-ޖެނެރެލް ޑރ. ޓެޑްރޯސް އަދޯނަމް ވިދާޅުވި އެވެ.

ޑެބްލިއުއެޗްއޯގެ ޑިރެކްޓަރު-ޖެނެރަލް.

ޑެބްލިއުއެޗްއޯގެ ޑިރެކްޓަރު-ޖެނެރަލް.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އުޅެން ޖެހިފައިވާ އިރު، ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ސިއްހަތާ ދޭތެރޭ ހާއްސަ ފަރުވާތެރިކަމެއް ބަހައްޓަން ޖެހޭނެ އެވެ.

"މީހާ ޖިސްމާނީ ގޮތުން ވަރުގަދަވުމަކީ ނަފުސާނީ ގޮތުން ވެސް ދުޅަހެޔޮކަން އިތުރުކޮށް ދޭނެ ކަމެއް. އެހެންވެ ހަރަކާތްތެރި ލައިފް ސްޓައިލަކަށް އިހުމާލުކޮށްގެން ނުވާނެ،" ޓެޑްރޯސް ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ ގައިޑްލައިނުގައިވާ ގޮތުން ކަސްރަތު ކުރާ އިރު ފުރަތަމަ މަޑުމަޑުން ފަށައިގަނެ، ކުރާ ކަސްރަތެއް އިތުރަށް ވަރުގަދަކުރަމުން ގެންދެވިދާނެ އެވެ. އަދި އެއީ ގޭގައި، ޖިމެއްގައި ނުވަތަ އައުޓްޑޯއެއްގައި ކަސްރަތު ކުރިޔަސް ސަމާލުކަން ދޭންޖެހޭ ކަންތައް ކަމަށް ބުންޏެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ މަސްތަކާއި ކަށިތައް ވަރުގަދަވުމާ އެކު، ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށްދެ އެވެ.

ގައިޑްލައިނުގައި ފާހަގަކޮށްފައިވާ ގޮތުގައި އުމުރުން 17 އަހަރުން ދަށުގެ ކުދިންނަކީ ވެސް ކޮންމެ ދުވަހަކު ކަސްރަތު ބޭނުންވާނެ ބައެކެވެ. އެގޮތުން މޮޑެރޭޓް/ވިގަރަސް ކަސްތަރުގެ 60 މިނެޓް ނުވަތަ ގަޑިއެއްހާ އިރު އެކަމަށް ކޮންމެ ދުވަހަކު ހުސްކުރަން ޖެހޭ ކަމަށް ބުންޏެވެ. އެ އުމުރުފުރާގެ ކުދިންނަށް ކުރެވިދާނެ ހާއްސަ ކަސްރަތުތަކުގެ ތެރޭގައި އެރޮބިކްސްގެ ކަސްރަތުތައް ކަމަށްވާ ޖޮގިން އާއި ބައިކިން ފަދަ ކަންކަން ހިމެނެ އެވެ.

ކުދިން ލައްވައި ކަސްރަތުކުރުވާ އިރު އެއީ ކުދިން ޝައުގުވެރިވާ ކަހަލަ ކަންކަމަށް ވާން ވެސް ޖެހެ އެވެ. ދާއިމީ ކަމަކަށް އެކަން ހެދޭނީ ވެސް ކުދިންގެ ޝައުގުވެރިކަން ކަސްރަތަށް ހުއްޓޭ މިންވަރަކުންވެ. އެގޮތުން މަޖާ މާހައުލެއްގައި ދެތިން ކުދިން ބައިވެރިވާ ގޮތަށް ކަސްރަތު ސެޝަންތައް ރޭވުމާއި ކުދިން އެންމެ ގަޔާވާ ކަހަކަ ކަސްރަތުތައް ކުރަން މަގުފަހިކޮށް ދިނުން ފަދަ ކަންކަން ކުރުން މުހިއްމު ކަމަށް ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.