Roadha Mihaaru
ރަކީދޫ ސްކޫލަށް ދޭންވީ އިބްތިހާލްގެ ނަން: ނަޝީދު

ރަކީދޫގައި ސްކޫލެއް ހަދާ ނަމަ އިބްތިހާލްގެ ނަން ދިނުން ރަނގަޅު: ނަޝީދު

06 ނޮވެމްބަރ 2019

ވ. ރަކީދޫގައި ސްކޫލެއް ހަދައިފި ނަމަ، އެ ސްކޫލަށް ނަން ދޭން އެކަށީގެންވަނީ އަނިޔާކުރުމުގެ ސަބަބުން މަރުވި އެ ރަށު ކުޑަކުއްޖެއް ކަމަށްވާ މުހައްމަދު އިބްތިހާލްގެ ނަމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވ. ރަކީދޫގައި ސްކޫލެއް ހަދައިފި ނަމަ، އެ ސްކޫލަށް ނަން ދޭން އެކަށީގެންވަނީ އަނިޔާކުރުމުގެ ސަބަބުން މަރުވި އެ ރަށު ކުޑަކުއްޖެއް ކަމަށްވާ މުހައްމަދު އިބްތިހާލްގެ ނަމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ މަދު ރަށްތަކުގެ ތެރެއިން ރަކީދޫގައި ސްކޫލެއް ނެތި 12 އަހަރު ވެފައިވާ އިރު، އެ ރަށުގައި ދިރިއުޅޭ އެންމެ ބޮޑު އެދުމަކީ ވެސް ތައުލީމް ހާސިލް ކުރެވޭނެ ތަނެއް ގާއިމުކުރުމެވެ.

ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ވަނީ ރަކީދޫގައި ސްކޫލެއް ނެތި އެތައް އަހަރެއްވެފައިވާ އިރު، ސަރުކާރުން އެ ރަށާ މެދުގައި ގެންގުޅޭ ޕްލޭނެއް އޮޅުން ފިލުއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ މަޖިލިހުގައި ސުވާލުކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރަކީދޫ އަށް ވަޑައިގެން އެ ރަށު މީހުންނާ ބައްދަލު ކުރެއްވުމުން ފެނުނީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ. އެ ރަށުގައި އުމުރުން ދުވަސްވީ މީހުން އެކަނިވެފައިވާ އިރު، އެމީހުން ތިބީ ހާލު ދެރަކޮށް ކަމަށް ވިދާޅުވި އެވެ.

ރަކީދޫގައި ސްކޫލެއް އެޅުމަށް ސާވޭއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސާވޭ މި ހަދަނީ ކިހާ ފީޒިބަލްތޯ އެ ތަނުގައި ސްކޫލެއް ގާއިމު ކުރަން. ކޮން ގްރޭޑްތަކެއްތޯ އެތަނުގައި ކިޔަވައި ދޭނީ. އެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި މިނިސްޓްރީން އެބަ ކުރިއަށް ގެންދަން،" އިކްރާމް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ޖަވާބަށް ފަހު، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް ނަޝީދު ވިދާޅުވީ ރަކީދޫގައި "މަދަރުސާއެއް ހައްދަވައިފި ނަމަ" އެ މަދަރުސާ އަށް އިބްތިހާލްގެ ނަމުން ނަން ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވިދާނެ ކަމަށެވެ.

ރަކީދޫގައި، އުމުރުން ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް މަރާލީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެ މައްސަލާގައި އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުއްޖަކު ގަސްތުގައި މަރައިލުމުގެ ދައުވާކޮށް، އަދިވެސް އަންނަނީ ޝަރީއަތް ހިންގަމުންނެވެ.

އިބްތިހާލް މަރާލި ކަމަށް ބުނެ އާފިޔާގެ މައްޗަށް ދައުވާ ކުރާއިރު، އިބްތިހާލަށް އަނިޔާ ލިބެމުންދާކަން އެނގި ތިބެ، އެކަމުގައި އިހުމާލުވި ކަމަށް ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް އިހުމާލުގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ. އޭގެ ތެރޭގައި ފުލުހަކާއި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުން ވެސް ހިމެނެ އެވެ. އެ މީހުންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ.