Roadha Mihaaru
ޣިޔާސުއްދީންގެ ޕްރިންސިޕަލަށް ފޭދޫގެ ކުރީގެ ޕްރިންސިޕަލް

ތޯހާގެ ބަދަލުގައި ޣިޔާސުއްދީނަށް، ފޭދޫ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް

07 ނޮވެމްބަރ 2019

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ އާ ޕްރިންސިޕަލް ކަމަށް، ސ. ފޭދޫ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ ހަމަޖައްސަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ އާ ޕްރިންސިޕަލް ކަމަށް، ސ. ފޭދޫ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ ހަމަޖައްސަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލަށް އަލީ ހަމަޖައްސަނީ، މިހާރު އެ މަގާމުގައި ހުންނެވި ތޯހާ ސަލީމް އިސްތިއުފާ ދެއްވަން ނިންމެވުމުންނެވެ. އޭނާ ވަކިވެ ވަޑައިގަންނަވާނީ ދިހަ އަހަރުގެ ހިދުމަތަށް ފަހު، އަންނަ އަހަރުގެ މާޗު 10 ވަނަ ދުވަހެވެ.

ސްކޫލް ހިންގެވުމާ އަލީ ހަވާލުވެވަޑައިގަންނަވާނީ އޭގެ ފަހުންނެވެ.

ތޯހާ ވަކިވެވަޑައިގަންނަވާނީ ނިންމުމުން އެ މަގާމަށް އާ ބޭފުޅަކު ހޯދަން ޣިޔާސުއްދީނުން މިިދިޔަ އޮގަސްޓް މަހު އިއުލާންކުރި އެވެ. ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ހަމަޖައްސަވަން ނިންމެވި އަލީ އަކީ 2011 ވަނަ އަހަރުން ފެށިގެން މިފަހަކާ ޖެހެންދެން ވެސް ފޭދޫ ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވި ބޭފުޅެކެވެ.

ތަފާތު އެކި ކޮންފަރެންސްތަކަށް ޕޭޕަރު ހުށަހެޅުއްވުމުގެ އިތުރުން އޭނާއަކީ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އަދި އީ-ލާނިންގައި ދަރިވަރުންގެ ދައުރު އިތުރުކުރަން މަސައްކަތްކުރެއްވި ބޭފުޅެކެވެ.

އޭނާގެ ގާބިލްކަމާ އެކު ޣިޔާސުއްދީން އާ ހަރުފަތަކަށް ދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޣިޔާސުއްދީނުން ބުންޏެވެ.

ތައުލީމީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ތޯހާ "މިހާރު" އަށް ކުރިން ވިދާޅުވީ މަގާމުން ވަކިވެ ވަޑައިގަންނަވަނީ އެހެން ބަޔަކަށް ފުރުސަތުދިނުމަށް ކަމަށެވެ.

ޣިޔާސުއްދީނުން ވަކިވެވަޑައިގަތަސް އެހެން ސްކޫލަކާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް ތޯހާގެ އަދި ނެތެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭނާ ފެންނާނެ ދާއިރާއެއް ވެސް ނުނިންމަވާ ކަމަށް ކުރިން ވިދާޅުވި އެވެ. އެކަމަކު ގައުމަށް ފައިދާ ހުރި ކަންކަމުގައި އޭނާގެ އެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވި އެވެ.