Roadha Mihaaru
10 އަހަރަށް ފަހު ތޯހާ، ޣިޔާސުއްދީނުން ވަކިވަނީ!

10 އަހަރަށް ފަހު ތޯހާ، ޣިޔާސުއްދީން ސްކޫލުން ވަކިވަނީ!

19 އޯގަސްޓް 2019

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން، 10 އަހަރަށް ފަހު ތޯހާ ސަލީމް އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން، 10 އަހަރަށް ފަހު ތޯހާ ސަލީމް އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

ތައުލީމީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާ ތޯހާ "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލުން ވަކިވަނީ އެހެން ބަޔަކަށް ފުރުސަތު ދެއްވުމަށް ކަމަށެވެ. ނަމަވެސް މި އަހަރުގެ ދިރާސީ އަހަރު ނިމެންދެން އެ މަގާމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

އީޕީއެސްއެސް އިން ޖީސީއީ އޯ ލެވެލް ހެއްދެވުމަށް ފަހު ތޯހާ ތައުލީމީ ދާއިރާއަށް އެންމެ ފުރަތަމަ ވަދެވަޑައިގަތީ، އުފަން ރަށް، ހއ. ހޯރަފުށީގައި ހުންނަ އަތޮޅު މަދަރުސާގެ ޓީޗަރެއްގެ ގޮތުގަ އެވެ. އެ ސްކޫލުގައި ތިން އަހަރު މަސައްކަތްކުރެއްވުމަށް ފަހު ދެން ވަޑައިގެންނެވީ އިންޑިޔާއަށް ސްކޫލު މެނޭޖްމަންޓުން ޑިޕްލޮމާ ހާސިލްކުރެއްވުމަށެވެ. އޭނާ ވަނީ ޓީޗިންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ އަދި މެލޭޝިޔާއިން އެޑިއުކޭޝަނަލް މެނޭޖްމަންޓް އިން މާސްޓާސްގެ އިތުރުން ސިންގަޕޫރުން ޑިޕާޓްމެންޓަލް މަނޭޖްމަންޓްގެ ދާއިރާ އިން ޑިޕްލޮމާ ވެސް ހާސިލްކުރައްވައިފަ އެވެ.

ޣިޔާސުއްދީންގެ ދަރިވަރުން: އަންނަ އަހަރު އެ ސްކޫލުން ފެންނާނީ އާ ޕްރިންސިޕަލެއް .-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޣިޔާސުއްދީންގެ ދަރިވަރުން: އަންނަ އަހަރު އެ ސްކޫލުން ފެންނާނީ އާ ޕްރިންސިޕަލެއް .-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ތޯހާ ޣިޔާސުއްދީން ސްކޫލާ ގުޅިވަޑައިގަތީ، އެ ސްކޫލު ޕްރައިވެޓައިޒް ކުރުމުގެ އަހަރެއް ކުރިން 2009 ގަ އެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި ކުރިމަތިވި ގޮންޖެހުންތަކުން، ގިނަ ބައެއްގެ އެހީތެރިކަމާ އެކު އަރައިގެންނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޫލް ހިންގެވުމުގައި ތޯހާގެ ތަޖުރިބާ

ޕްރިންސިޕަލް: ދ. އަތޮޅު ސްކޫލް

ޕްރިންސިޕަލް: ޏ. އަތޮޅު އެޑިޔުކޭޝަން ސެންޓަރު

ޕްރިންސިޕަލް: ޅ. އަތޮޅު އެޑިޔުކޭޝަން ސެންޓަރު

ޕްރިންސިޕަލް: ސ. ފޭދޫ ސްކޫލް

އެސިސްޓެންޓް ޕްރިންސިޕަލް: ބ. އަތޮޅު އެޑިޔުކޭޝަން ސެންޓަރު

އެސިސްޓެންޓް ޕްރިންސިޕަލް: ދަރުމަވަންތަ ސްކޫލް

ތޯހާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ދައްޗަކާ ކުރިމަތިވީ، އަމިއްލަ ކުންފުންޏަކުން ޣިޔާސުއްދީނާ ހަވާލުވެ، އެތަން އަމިއްލަ ސްކޫލަކަށް ބަދަލުވުމާ އެކު ބެލެނިވެރިންނަށް ވިސްނައިދިނުމުގަ އެވެ.

"އެންމެ ބޮޑު ކަމަކީ މީހުންނަށް ވިސްނައިދޭން ޖެހުން ޕްރައިވެޓް ސްކޫލެއްގައި ކިޔަވައިދިނުމާ ގުޅޭ ގޮތުން. އެންމެންގެ އިހްސާސްތަކަށް ބަލައިގެން ކަންކަން ކުރުމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހުން،" ތޯހާ ވިދާޅުވި އެވެ.

"ކޮންމެ ބަދަލެއް ގެންނައިރު ވެސް މީހުންގެ ޝަކުވާއާ ކަންކަމަށް ބަލަން ޖެހޭނެ."

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި އިންޓަނޭޝަނަލް ރޮބޮޓޯނިކްސް ކޮމްޕެޓިޝަން (އައިއާރުސީ) ގެ މުބާރާތުގައި ބައިވެރިވި ދަރިވަރަކު ގޭމެއް ފުރިހަމަ ކުރަނީ: ތޯހާގެ ބެލުމުގެ ދަށުން އެ ސްކޫލުން އަންނަނީ ކާމިޔާބީތައް ހޯދަމުން ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި އިންޓަނޭޝަނަލް ރޮބޮޓޯނިކްސް ކޮމްޕެޓިޝަން (އައިއާރުސީ) ގެ މުބާރާތުގައި ބައިވެރިވި ދަރިވަރަކު ގޭމެއް ފުރިހަމަ ކުރަނީ: ތޯހާގެ ބެލުމުގެ ދަށުން އެ ސްކޫލުން އަންނަނީ ކާމިޔާބީތައް ހޯދަމުން ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޣިޔާސުއްދީނުން ވަކިވެވަޑައިގަތަސް އެހެން ސްކޫލަކާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް ތޯހާގެ އަދި ނެތެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭނާ ފެންނާނެ ދާއިރާއެއް ވެސް ނުނިންމަވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ގައުމަށް ފައިދާ ހުރި ކަންކަމުގައި އޭނާގެ އެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވި އެވެ.

"އަބަދުވެސް ބެލީ، ތެދުވެރިކަމާއި ހަމަހަމަކަމާއި ވަފާތެރިކަމާ އެކު މަސައްކަތްކުރެވޭތޯ. އެގޮތުގައި ފާއިތުވި އަހަރުތަކުގައި މަސައްކަތްކުރެވުނީމަ ހިތްހަމަޖެހިއްޖެ،" ތޯހާ ވިދާޅުވި އެވެ.

އޭނާ ވަކިވެވަޑައިގަންނަވާތީ ޣިޔާސުއްދީނުން މިހާރު ވަނީ ޕްރިންސިޕަލެއް ހޯދަން އިއުލާންކޮށްފަ އެވެ.