Roadha Mihaaru
ގޭގެއަށް ގޮސް ހިދުމަތް ދޭ 17 ނަރުހުންގެ ކްލިނިކް!

ގޭގެއަށް ގޮސް ހިދުމަތް ދޭ 17 ނަރުހުންގެ ކްލިނިކް!

08 ނޮވެމްބަރ 2019

އެޑްމިޓްކޮށްފައި އޮންނަ ބަލި މީހާގެ ހާލަތާއި އޭނާ އުފުލާ ވޭން އެންމެ ގާތުން ފެންނާނެ އެއް ބަޔަކީ ހޮސްޕިޓަލުގެ ނަރުހުންނެވެ. އައިޖީއެމްއެޗުގެ މި ނަރުހުންނަށް ވެސް ފެނުނީ، ބަލި ފަސޭހަވެގެން ގެއަށް ދިޔުމުގެ ހުއްދަ ލިބުނު ނަމަވެސް، ދެން ބޭނުންވާ ހިދުމަތްތައް ހޯދާނެ ގޮތެއް ނޭނގިގެން ހޮސްޕިޓަލުން ނުނިކުމެވިފައި ތިބި ބަލި މީހުންނެވެ. އެހެންވެ، މި 17 ނަރުހުން ބޭނުންވީ ގެއަށް ގޮސް ބަލި މީހުންނަށް ހިދުމަތް ކޮށްދޭށެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެޑްމިޓްކޮށްފައި އޮންނަ ބަލި މީހާގެ ހާލަތާއި އޭނާ އުފުލާ ވޭން އެންމެ ގާތުން ފެންނާނެ އެއް ބަޔަކީ ހޮސްޕިޓަލުގެ ނަރުހުންނެވެ. އައިޖީއެމްއެޗުގެ މި ނަރުހުންނަށް ވެސް ފެނުނީ، ބަލި ފަސޭހަވެގެން ގެއަށް ދިޔުމުގެ ހުއްދަ ލިބުނު ނަމަވެސް، ދެން ބޭނުންވާ ހިދުމަތްތައް ހޯދާނެ ގޮތެއް ނޭނގިގެން ހޮސްޕިޓަލުން ނުނިކުމެވިފައި ތިބި ބަލި މީހުންނެވެ. އެހެންވެ، މި 17 ނަރުހުން ބޭނުންވީ ގެއަށް ގޮސް ބަލި މީހުންނަށް ހިދުމަތް ކޮށްދޭށެވެ.

ރުފައިދާ ނާސިން ކްލިނިކްގެ ނަމުގައި މި ނަރުހުން ގޭގެ އަށް ގޮސް ހިދުމަތް ދޭން ފެށިތާ މިއަދަށް އަދި މިވީ އެންމެ ފަސް ދުވަހެވެ. އެކަމަކު ރާއްޖޭގައި މުޅިން އަލަށް ދޭން ފެށި މި ހިދުމަތަށް އޮތް ޑިމާންޑް ބޮޑެވެ.

ކީރިތި ރަސޫލާގެ ޒަމާނުގައި އުޅުއްވި އަދި މުސްލިމުންގެ އެންމެ ފުރަތަމަ އަންހެން ނަރުސް، ރުފައިދާ އަލް އަސްލާމިޔާގެ ނަމުން ނަން ދީފައިވާ މި ކްލިނިކްގައި އުޅެނީ އައިޖީއެމްއެޗުގައި މަސައްކަތް ކުރާ، އެކުވެރި 17 ރަޖިސްޓާޑް ނަރުހުންނެވެ. އެ މީހުންގެ ޒިންމާއަކީ ގޭގެ އަށް ގޮސް އިންޖެކްޝަން ޖަހައިދިނުމާއި ކާންދޭ އަދި ކުޑަކަމުދާ ހޮޅި ބަދަލު ކުރުމާއި ލޭ ނެގުމާއި ހަކުރު ޓެސްޓު ކުރުމާއި އާވި އެރުވުމާއި ބޭސް އަޅައިދިނުމެވެ. އަދި އެނދުމަތިވެފައި ތިބޭ ބަލި މީހުން ފެންވަރުވައި، މެޑިކަލް ޗެކްއަޕްތައް ހަދައިދެ އެވެ.

"އަޅުގަނޑުމެންނަށް ފެނޭ ޑިސްޗާޖު ކުރި ނަމަވެސް، ގޭގައި ތިބެގެން ބައެއް ކަންކަން ނުކުރެވޭނެތީ ހޮސްޕިޓަލުން ނުދެވިފައި ތިބި މީހުން. އިންޖެކްޝަން ޖެހުމާއި ހޮޅި ބަދަލުކުރުމާއި އާވި އެރުވުން ފަދަ ކަންކަން ކުރުމަށް ކޮންމެ ފަހަރަކު ހޮސްޕިޓަލަށް ދިއުމަކީ އުނދަގޫ ކަމެއް. އެހެންވެ، އެ މީހުންނަށް އެހީވުމުގެ ގޮތުން އަޅުގަނޑުމެން މިކަން ފެށީ،" ކަމާ ގުޅޭ އިދާރާތަކުގެ ހުއްދައާ އެކު މި ހިދުމަތް ދެމުން އަންނަ އެކުވެރިންގެ ތެރެއިން ހުނާ އިސްމާއީލް ބުންޏެވެ.

އޭނާ ބުނީ ކުޑަކަމުދާ ހޮޅި ކޮންމެ ދެ ހަފުތާއަކުން ބަދަލު ކުރަން ޖެހޭއިރު ކޮންމެ ފަހަރަކު ބަލި މީހާ ހޮސްޕިޓަލަށް ގެންގޮސް، އަދި މަތީ އިމާރާތްތަކުން ބަލި މީހުން އަރުވާ ބޭލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެންވެ، ގޭގެ އަށް ގޮސް ނަރުހުން އެ ހިދުމަތް ދޭ ނަމަ އެތައް ގޮތަކުން ބަލި މީހާ އަށާއި އާއިލާއަށް ލުޔެއް ލިބޭނެ ކަމަށް އެ މީހުން ދެކެ އެވެ.

ގޭގެ އަށް ގޮސް ހިދުމަތް ދިނުމަށް، ކޮންމެ ނަރުހަކު ވެސް މަސައްކަތް ފަށަނީ އެ މީހުންގެ ރަސްމީ ގަޑި ނިމުމުންނެވެ. ނަރުހުންގެ މަސައްކަތް ބަހާލާފައި އޮންނަނީ ހޮސްޕިޓަލްގައި ޑިއުޓީ ކުރާ ވަގުތަށް ބަލައިގެންނެވެ. އަމިއްލަ ތަކެތީގައި އެ މީހުން ހިދުމަތް ދޭން ގޭގެ އަށް ދާއިރު، ކްލިނިކްގެ ނަމާއި ކާކުކަން އަންގައިދޭ ގޮތަށް ކާޑު ހަރުކޮށްފައި ހުރެ އެވެ. މުޅިން ވެސް މަސައްކަތް ކުރަނީ އެޑްވާންސް ސެޓްފިކެޓުން ފެށިގެން މާސްޓާސް ޑިގްރީ ހާސިލްކޮށްފައި ތިބި ތަޖުރިބާކާރު ނަރުހުންނެވެ.

ރުފައިދާ ނާސިން ކްލިނިކްގެ އޮފީހުގައި މީހަކު އެތަނުގެ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރަނީ

ރުފައިދާ ނާސިން ކްލިނިކްގެ އޮފީހުގައި މީހަކު އެތަނުގެ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރަނީ

ރުފައިދާ ނާސިން ކްލިނިކުން ހިދުމަތް ދޭން ގޭގެއަށް ދަނީ ހެނދުނު 9 އިން ހަވީރު 6 އާ ދެމެދު އެވެ. ހިދުމަތް ހޯދުމަށް އެއް ދުވަސްކުރިން ގުޅަން ޖެހެ އެވެ.

ހުނާ ބުނިގޮތުގައި ހިދުމަތް ދޭން ފެށިތާ ފަސް ދުވަސްވީ އިރު، ދުވާލަކު ފަސް ވަރަކަށް މީހުން ގުޅަ އެވެ. އެއިން ކޮންމެ ހިދުމަތެއް ވެސް އެ ނަރުހުން ދެނީ އެކި އަގުތަކަށް ބަހާލައިގެންނެވެ. އެއީ ހިދުމަތް ކުރަން ދާ ވަގުތާއި މަސައްކަތުގެ ބުރައަށް ބަލައިގެންނެވެ. މިހާރު އެންމެ ބޮޑު އަގެއް ނަގަނީ އެނދުމަތިކޮށްފައިވާ ބަލި މީހާ ފެންވަރުވައި ކޮންމެ ދުވަހެއްގެ ވެސް ޗެކްއަޕްތައް ހެދުމަށެވެ.

"ހިދުމަތްތައް އަޅުގަނޑުމެން އެކި ޕެކޭޖްތަކަށް ބަހާލައިގެން ވެސް ދެން. ވަކިވަކިން ވެސް ދެން. އަގު ނަގަނީ މަސައްކަތާއި ވަގުތަށް ބަލައިގެން،" ހުނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ޑޮކްޓަރުގެ ލިޔުން ނެތް ނަމަ، ވަކި ކަހަލަ އިންޖެކްޝަން ޖަހައެއް ނުދޭނެ އެވެ. އަދި ލޭ ނެގުމަށް ފަހު ލެބޯޓަރީ ސްލިޕް ވެސް ނުދޭނެ ކަމަށާއި ހިދުމަތްތައް ދޭނީ ޑޮކްޓަރުގެ ލިޔުންތަކަށް ބަލައިގެން ކަމަށް ބުންޏެވެ. ބޭނުމަކީ ގޭގެއަށް ގޮސް ހިދުމަތް ދިން ނަމަވެސް، އެއީ ރައްކާތެރި އަދި އިތުބާރު ހިފޭ ފަދަ މަސައްކަތަކަށް ހެދުމެވެ.

ރުފައިދާ ނާސިން ކްލިނިކްގެ ޕޯސްޓަރެއް

ރުފައިދާ ނާސިން ކްލިނިކްގެ ޕޯސްޓަރެއް

ރުފައިދާ ނާސިން ކްލިނިކްގެ ހިދުމަތް މި ވަގުތު ދެނީ ހަމައެކަނި މާލޭގަ އެވެ. އެކަމަކު ރަށްރަށުގައި ވެސް އެ ހިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ގިނަ ނަރުހުން ގުޅާ ކަމަށް ހުނާ ބުންޏެވެ. ނަމަވެސް އެ ކްލިނިކުން މި ވަގުތު އަމާޒު ހިފާފައި ހުރީ މާލޭގައި ދޭ ހިދުމަތް ރަނގަޅުކޮށް، މައްސަލަތައް ހައްލު ކުރާނެ ގޮތް ދެނެގަނެ ރަށްރަށުގައި މަސައްކަތް ފުޅާ ކުރުމަށެވެ.

"އިރާދަކުރެއްވިއްޔާ ދެ އަހަރެއްހާ ދުވަސް ފަހުން އަޅުގަނޑުމެން ރަށްރަށުގައި ވެސް މި ހިދުމަތް ދޭނަން،" އޭނާ ބުންޏެެވެ.