Roadha Mihaaru
ނަރުސްކަމަށް ގިނަ ދިވެހިން ކުރިމަތިލާން އެދިއްޖެ

ނަރުސްކަމަށް ގިނައިން ދިވެހިން ކުރިމަތިލާން އެދިއްޖެ

27 އޮކްޓޯބަރ 2021

ނަރުސް ކަމަށް ވީހާ ވެސް ގިނަ ދިވެހިން ކުރިމަތިލުމަށް ކޮމިއުނިޓީ ނާސިން ވޮލެންޓިއާސް (ސީއެންވީ) އިން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަރުސް ކަމަށް ވީހާ ވެސް ގިނަ ދިވެހިން ކުރިމަތިލުމަށް ކޮމިއުނިޓީ ނާސިން ވޮލެންޓިއާސް (ސީއެންވީ) އިން މިއަދު އެދިއްޖެ އެވެ.

ޑަބްލިއުއެޗްއޯގެ އެހީގައި އެ ޖަމިއްޔާ އިން ބޭއްވި ދެ ދުވަހުގެ މަޝްވަރާ ބައްދަލުވުމަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، ކޮމިއުނިޓީ ނާސް ވޮލެންޓިއާސްގެ އެޑްވައިޒަރީ ކޮމިޓީގެ ޗެއާ، ކުރީގެ ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލް ވިދާޅުވީ، ސިޔާސަތުތައް އެކުލަވައިލާއިރު ނަރުހުންގެ ބައިވެރިވުން ދަށް ކަމަށެވެ. ތަމްރީނާއި ހިދުމަތްތައް ދިނުމުގެ އޮނިގަނޑު ރާވާއިރު ވެސް ނަރުހުންގެ ހިއްސާ ކުޑަކަން ފާހަގަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހަ ސަރަހައްދެއްގައި މަސައްކަތްކުރާ ނަރުހުންނާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް އަދި ކަމާބެހޭ އިދާރާތަކުން 53 މީހުން އެ ބައްދަލުވުމުގައި ބައިވެރިވިއިރު، ނަރުހުންނަށް ދިމާވާ ގޮންޖެހުންތަކާއި މައްސަލަތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރި އެވެ.

ނަރުހެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޑރ. އައިމިނަތު ޖަމީލް ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމުގައި ބަލި މީހުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ނަރުހުންނަށް ވިޔަސް އެ އެ މީހުންނަށް ދޭންޖެހޭ ސަމާލުކަން ނުދޭ ކަމަށެވެ.

އެހެންވެ، ނަރުހުން ކުރާ މަސައްކަތާ އަޅާ ބަލާއިރު، ބައެއް ހައްގުތައް ނުލިބޭކަން މި ފަހަރުގެ މަޝްވަރާ ބައްދަލުވުމުގައި ވެސް ފާހަގަ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިންނާއި ބިދޭސީ ނަރުހުންގެ މުސާރައިގައި ފަރަގު ހުރުމުން އެ ކަންބޮޑުވުންތައް ހިއްސާކުރި އެވެ.

ނަރުހުންނަކީ ކޮންމެ ވަގުތަކު ވެސް މަސައްކަތަށް ނުކުންނަންޖެހޭ ބަޔަކަށް ވާއިރު ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނާ އެއް މިންގަނޑަކުން ކަންތައް ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ޑރ. އައިމިނަތު ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ނަރުހުންނަކީ ޑޮކްޓަރުންގެ ދަށުން މަސައްކަތްކުރާ ބައެއް ކަމަށް މީގެ ކުރިން އާއްމުންނަށް ބެލެވިފައި އޮތަސް އެއީ ވަކި ޕްރޮފެޝަނަލެކެވެ.

ނަރުހެއްގެ ގޮތުގައި ކުރީގައި މަސައްކަތް ކުރެއްވުމަށް ފަހު، ޖެންޑާ މިނިސްޓަރުކަން ކުރެއްވި އަނީސާ އަހުމަދު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ 52 ޕަސެންޓަކީ ދިވެހިން ކަމަށެވެ. ބޭރު ނަރުހުންގެ ސަބަބުން ސީދާ ބަލި މީހުންނާ ގުޅިގެން މަސައްކަތް ކުރުމަށް ދަތިތައް ދިމާވާ ކަމަށާއި އެކަން ހައްލު ކުރުމަށް ދިވެހިން ބޭނުންވާކަން އަނީސާ ފާހަގަކުރެއްވި އެވެ.

"ގިނަ ނަރުހުން ގްރެޖުއޭޓް ވާއިރު، ހިދުމަތުގައި ތިބޭ މީހުންގެ އަދަދަށް ވެސް ބަލަން ޖެހޭ. އެކަން އެހެން ވަނީ ކީއްވެގެން ކަން އަދި ހައްލުކުރަން ކުރެވިދާނެ ގޮތްތައް ވެސް ބަލާފައިވާނެ،" ނާސިން ކޮމިއުނިޓީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރައްވާ އަނީސާ ވިދާޅުވި އެވެ.