Roadha Mihaaru
ޕާކިސްތާން މުބާރާތުން ނަބާހާ އާއި ޒަޔާނަށް ރަން މެޑަލް

ޕާކިސްތާން މުބާރާތުން ނަބާހާ އާއި ޒަޔާންގެ ޕެއާ އަށް ރަން މެޑަލް!

10 ނޮވެމްބަރ 2019

ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލް މެޗު ކާމިޔާބުކޮށް ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ މުބާރާތުން ރަން މެޑަލް ހާސިލްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލް މެޗު ކާމިޔާބުކޮށް ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ މުބާރާތުން ރަން މެޑަލް ހާސިލްކޮށްފި އެވެ.

މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުުނު ފުރަތަމަ ރަން މެޑެއްޔެވެ. އެހެންވެ ޒަޔާނާއި ނަބާހާ ރާއްޖޭގެ ބެޑްމިންޓަނަށް މި ހޯދައިދިނީ ތާރީހީ ކާމިޔާބެކެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތަކުން ބެޑްމިންޓަނުން ރާއްޖެ އަށް ލިބުނު ދެ ވަނަ ރަން މެޑަލެވެ. ފުރަތަމަ ރަން މެޑަލް ހޯދީ މި އަހަރު ޖުލައި މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ އެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ކުޅުނު ފައިނަލް މެޗުން ނަބާހާ އާއި ޒަޔާންގެ ޕެއާ މޮޅުވީ މުބާރާތުގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ ނޭޕާލުގެ ދިޕޭޝް އާއި އަމީތާގެ ޕެއާ އަތުންނެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 21-16، 21-19 އިންނެވެ. ގައުމީ ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ޒަޔާނާއި ނަބާހާގެ ޕެއާ އަކީ މިކްސް ޑަބަލްސްގައި މި ވަގުތު ރާއްޖޭގެ އެއް ވަަނަ ޕެއާ އެވެ.

ގައުމީ ޓީމަށް މި އަހަރު ކުރީކޮޅުގައި ކުޅުން ހުއްޓާލި ޒަޔާން އަންނަނީ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ނަމުގައި ޓީމެއް ހަދައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ހަމަހަމަ ފުރުސަތެއް ނެތް ކަމަށް ބުނެ ގައުމީ ޓީމުން ޒަޔާން ވަކިވި ނަމަވެސް ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުމުގައި ރިވައިވަލް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެފަދަ މުބާރާތްތަކަށް އެންޓްރީ ހަދައިދެނީ ބެޑްމިންޓަން އެސޯސިއޭޝަނުންނެވެ.

ރާއްޖެ އަށް ޕާކިސްތާން މުބާރާތުގައި އިތުރު ރަން މެޑަލެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ އަންހެން ޑަބަލްސް އިވެންޓުގަ އެވެ. އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލުގައި ރާއްޖޭގެ ދެބެން ކަމަށްވާ ނަބީހާ އާއި ނަބާހާގެ ޕެއާ މިއަދު ނުކުންނާނީ ބުޝްރާ ގައްޔޫމާއި މަހޫރު ޝަހުޒާދުގެ ޕެއާއާ ދެކޮޅަށެވެ.

ޕާކިސްތާން މުބާރާތުގައި ރާއްޖޭގެ ނީލާ ނަޖީބު ވަނީ އަންހެން ސިންގަލްސް ބައިން ލޯ މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ޑަބަލްސް ބައިން ނީލާ އާއި މައިސާ ފަތުހުﷲގެ ޕެއާ ވަނީ ލޯ މެޑަސް ހާސިލްކޮށްފަ އެވެ.